ސަލްމާންގެ ޓިއުބްލައިޓް: ހީކުރި ވަރެއް ނޫން!

ސުޕަސްޓާރ ސަލްމާން ޚާންގެ 'ޓިއުބްލައިޓް' އަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ފިލްމެވެ. 'ބަޖްރަންގީ ބާއިޖާން' އަށް ފަހު 'ޓިއުބްލައިޓް'ގައި އަނެއްކާ ވެސް ސަލްމާންގެ މުޅިން ތަފާތު ރޯލެއް ފެނިގެން ދާތީ ގިނަ ބަޔަކު ތިބީ ބޮޑު އުންމީދަކާ އެކުއެވެ.

ހުކުރު ދުވަހު ފިލްމު ރިލީޒް ކޮށްފައި ވާއިރު،"ސައްލޫ ބާއީ"ގެ ފިލްމެއް ކަމުން އެންމެން ވެސް ފިލްމު ބަލަން ދިޔައީ އުންމީދުތައް ވަރަށް އުހުގައި ބަހައްޓައިގެންނެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ސިނަމާތަކުން ނުކުތީ ފިލްމާ މެދު އެހާ ހިތްހަމަޖެހިގެނެއް ނޫނެވެ.

ކަބީރު ޚާންގެ ފިލްމު ބަލަން ދިޔަ މީހުންގެ އިތުރުން، ކްރިޓިކްސްގެ ފަރާތުން ވެސް ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ފިލްމު ބަލަން ދިޔަ ގިނަ ނޫސްވެރިން ވެސް ފިލްމަށް ދީފައިވަނީ އެއް ތަރި ނުވަތަ ދެ ތަރިއެވެ.

ފިލްމުގައި ސަލްމާން ދައްކުވައިދިން އެކްޓިން އަށް ތައުރީފު ކޮށްފައި ވީނަމަވެސް، އެއީ ސަލްމާންގެ 'ބެސްޓް' ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ފިލްމުގައި ސޮހޭލް ޚާންގެ ފަރާތުން މާ ރަނގަޅު އެކްޓިން އެއް ފެނިގެން ދިޔައެވެ.

ފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލާލާއިރު، ސަލްމާންގެ އެންމެ ފަހުގެ އީދު ރިލީޒްތައް ކަމުގައިވާ 'ސުލްތާން'، 'ބަޖްރަންގީ ބާއިޖާން' އަދި 'ކިކް' އަށް ވުރެ 'ޓިއުބްލައިޓް'އަށް ލިބުނު އާމްދަނީ ވަރަށް ބޮޑުތަން ދަށެވެ. އަދި އޮކިއުޕެންސީ ރޭޓް ވެސް އުޅެނީ ވަރަށް ދަށްކޮށެވެ.

ފިލްމު ރިލީޒް ކުރި ދުވަހު ފިނި ތަރުހީބެއް ލިބިގެން ދިޔަ އިރު، އީދު ބަންދާ ދިމާކޮށް ފިލްމު ބަލަން ދާ މީހުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރި ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދަނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. ޒޫ ޒޫގެ އެކްޓިންގ އަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނެއެވެ.

comment ކޮމެންޓް