ބަލިވިއަސް ޓީސީގެ އަސްލު ކުޅުން ފެނުނު: ނިޒާމްބެ

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް(ނިޒާމްބެ)--ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން 4-3 ލަނޑުން ބަލިވިއަސް ޓީސީ ސްޕޯޓްސް ކްލަބުން މީގެ ދެ އަހަރު ކުރިން ފެށިގެން މި ސީޒަނާ ހަމައަށް އައި އިރު ކުޅެމުން އައި މޮޅު ކުޅުން ރޭގެ މެޗުން ވެސް ފެނުނު ކަމަށް އެ ކްލަބަށް ވޭތުވެ ދިޔަ ދެ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިދިން ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ބުނީ އޭނާގެ ޓީމުން ހަދައިގެން ނުވާ ވަރުގެ ކުދި ގޯސްތަކެއް ރޭ ހެދި ކަމަށާއި ބަލިވީ އެ ސަބަބާ ހެދި ކަމަށެވެ. އަދި ތަޖުރިބާކާރު ޑިފެންޑަރަކު ނުހަދާނެ ވަރުގެ ގޯސްތަކެއް ޓީސީގެ ޑިފެންޑަރަކު ހެދި ކަމަށާއި މެޗުން ބަލިވީ އެހެންވެ ކަމަށެވެ.

ނިޒާމްބެ ބުނީ ގެއްލިގެން ދިޔައީ މުހިއްމު ތިން ޕޮއިންޓް ކަމަށާއި ބޭނުންވާ ހިސާބަށް ދިޔުމަށް ކޮންމެ މެޗަކުންވެސް މޮޅުވުން މުހިއްމު ކަމަށެވެ.

ޓީސީއަށް މި އަހަރު ބައިނަލްއަގުވާމީ މުބާރަތަކުން ރަން މެޑަލް ހޯދައިދިން ކޯޗް ބުނީ މީގެ ދެ އަހަރު ކުރިންސުރެ ޓީސީން ދައްކަމުން އައި ކުޅުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ރޭ ފެނިގެންދިޔަ ކަމަށާއި އެއީ ހިތް ހަމަޖެހޭ ކަމެއް ކަމަށެވެ.

ނިއުރޭޑިއަންޓް އަތުން ރޭ ބަލިވުމާ އެކު ޓީސީ މިވަގުތު އޮތީ ތާވަލްގެ ފަސްވަނައިގައެވެ.

comment ކޮމެންޓް