ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަނެއްކާވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފިއެވެ.
ސައުދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ މިރޭ 10:00 ގެވެ. ސައުދު "ސަން" އަށް ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް މިރޭ ވެސް ހާޒިރުކުރީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އޭނާ އުޅުއްވި ކަމަށް ބުނެ ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ބަޔަކު ހުށަހެޅި މައްސަލައެއް ކަމަށް ފުލުހުން ބުނާ ކަމަށާއި މިރޭ ހާޒިރުކުރީ އެ މައްސަލާގައި އިތުރު ސުވާލުތަކެއް ކުރުމަށް ކަމަށެވެ.
"ފުލުހުން މިރޭ ކުރި ހުރިހާ ސުވާލުތަކަށް އަޅުގަނޑު ޖަވާބުދިނިން،" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް މައްސަލައެއް ކަމަށާއި "ފްރޭމްކޮށްފައި ޖަލަށްލިޔަސް" ސިޔާސީގޮތުން އޭނާ ކުރާ މަސައްކަތްތައް ނުހުއްޓޭނެ ކަމަށެވެ.
"އަޅުގަނޑު ޖަލަށް ލިޔަސް ސައުދު ފެކްޝަކުން މީހަކު މަޖިލިސް މެމްބަރުކަމަށް އަންނާނެ. ހަމަ އަޅުގަނޑު މިކުރާ މަސައްކަތްތައް ކުރާނެ،" ސައުދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ސައުދު ހާޒިރުކުރީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރަން ބޭނުންނުވާ ކަމަށެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ސައުދު ހާޒިރުކޮށް ސުވާލުކޮށްފައެވެ.