ވިލިމާލެ މޫދަށް ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެ

ވިލިމާލެ މޫދު ސަރަހައްދުގައި ފުލުހުން ހަރަކާތް ތެރިވަނީ--- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާއެކު، މެރިން ޕޮލިސް އާއި ވިލިމާލެ ޕޮލިސް ގުޅިގެން ކުރި މަސައްކަތުން މޫދު އަޑިން ފެނުނު އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

  • ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅެނިކޮށް މީހަކު މަރުވުން
  • މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް
  • ހާދިސާގެ ރިޕޯޓު ލިބުނީ ހެނދުނު 06:30 ހާއިރު
  • މޫދު އަޑިން ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެފައިވުން
  • ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދިއުން

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:30 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެ މީހާ ފެނިފައިވަނީ ހޯދަމުން ދަނިކޮށް އެ ދުވަހުގެ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް