މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

ޓްރެފިކް ފުލުހުންތަކެއް މަގެއްގައި މަޑުކޮށްލައިގެން --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

"ވާރުޕޭ" ގެ ނަމުގައި މިއަދު ތައާރަފުކުރި އެ ޚިދުމަތަކީ ޓްރެފިކާ ގުޅޭ ޖޫރިމަނާތައް ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކީ އެ ފައިސާ ދެއްކޭނެ ޚިދުމަތެކެވެ. އަދި މި ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރާކަށް ނުޖެހެއެވެ.

ޓްރެފިކް ވަޔަލޭޝަން ސްލިޕް ނަންބަރު ނުވަތަ ވެހިކަލް ނަންބަރާއި އެފަރާތެއްގެ އައިޑީ ކާޑު ނަންބަރު ބޭނުންކޮށްގެން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ވާރުޕޭއިން ޓްރެފިކް ވަޔަލޭޝަން އާއި ޕާކިންގ ވަޔަލޭޝަންގެ ޖޫރިމަނާ ދެއްކެއެވެ. އަދި، ފައިސާ ދެއްކުމާއެކު ފައިސާގެ ރަސީދު ވަގުތުން އީމެއިލް ކުރެވޭނެކަމަށް މީރާއިން ބުންޏެވެ.

ވާރުޕޭ އަކީ މީރާގެ އޮންލައިން ޚިދުމަތް މީރާ ކަނެކްޓްއަށް އިތުރުކުރި އައު ޚިދުމަތެއްކަމަށާއި މި ޚިދުމަތް މެދުވެރިކޮށް އިތުރު ފީތަކާއި ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު ކައިރި މުސްތަގުބަލެއްގައި ހަމަޖައްސަވާނެ ކަމަށްވެސް މިރާއިން ބުންޏެވެ.

ފިތުރު ޢީދާ ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވާއިރު، އޮންލައިންކޮށް ޓްރެފިކް ވަޔަލޭޝަންގެ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމަކީ ގިނަ ފަރާތްތަކަށް އޭގެ ފަސޭހަ ލިބިގެންދާނެ ކަމެކެވެ.

comment ކޮމެންޓް