ޓީސީއަށް ނިއު މެޗަކީ ޕްރެޝަރަކަށް ވުރެ ބޮޑަށް ޗެލެންޖެއް: ނިޒާމްބެ

ނިއުރޭޑިއަންޓް އަދި ޓީސީ މާލޭ ލީގުގައި މިރޭ ބައްދަލު ކުރި މެޗުގެ ތެރެއިން--ސަންފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ޓީސީ ސްޕޯޓްސް ނުކުންނައިރު އެ ޓީމަށް އެ މެޗަކީ ބޮޑު ޗެލެންޖެއް ކަމަށާއި ޕްރެޝަރު ބޮޑުވާނީ ނިއުރޭޑިއަންޓަށް ކަަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ( ނިޒާމްބެ) ބުނެފިއެވެ.

ނިއުއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ބޭނުންވަނީ ނިއު އަތުން ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށާއި އެކަން ކުރެވޭނީ ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށެވެ.

ނިޒާމްބެ ބުނީ ނިއުރޭޑިއަންޓް ފަދަ ޓީމަކާ ދެކޮޅަށް ނުކުތުމަކީ ހުރިހާ ކުޅުންތެރިންވެސް ޗެލެންޖެއްގެ ގޮތުގައި ނަގާނެ ކަމެއް ކަަމަށާއި އެހެން ކަމުން ޕްރެޝަރަށް ވުރެ ބޮޑަށް އެ މެޗު ނަގަން ބޭނުންވަނީ ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޓީސީ ފަދަ ޓީމެއްގެ އަތުން ބަލިވާން ނިއު ފަދަ ބޮޑު ޓީމަކުން ބޭނުން ނުވާނެ ކަމަށާއި އަދި މާލޭ ލީގު މިހާރުއޮތް ގޮތުން ގެއްލޭ ކޮންމެ ޕޮއިންޓަކީވެސް ވަރަށް ބޮޑު އެއްޗެއް ކަމުން އެ ޕްރެޝަރު ބޮޑަށް އޮންނާނީ ނިއުއަށް ކަމަށް ގަބޫލުކުރާ ކަމަށެވެ. ޓީސީ އޮތީ މެޗަށް ތައްޔާރުވެފައި ކަމަށާއި ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

މާލޭ ލީގުގައި ނިއުއާ ދެކޮޅަށް މީގެ ކުރީން ޓީސީ ކުޅުނު މެޗުން އެޓީމް ބަލިވެފައިވާއިރު ޓީސީ މިވަގުތު އޮތީ ތާވަލްގެ ފަސްވަނައިގައެވެ.

ނިއު އަދި ޓީސީ ކުޅޭ މެޗް ފަށާނީ މިރޭ 22:00 ގައެވެ.

comment ކޮމެންޓް