ނިއުރޭޑިއެންޓު ބަލިކޮށް ބުރު ދެވަނަ ޑިވިޝަންގެ ތާޖާ ދިމާލަށް

އެފްއޭއެމް ސެކަންޑް ޑިވިޝަންގެ ސެމީ ފައިނަލްގައި ނިއުރޭޑިއެންޓު ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާާނ

އެެފްއޭއެމް ސެކަންޑު ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ނިއު ރޭޑިއެންޓު ސްޕޯޓްސް ކުލަބު ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ބުރުން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، 1-1ގެ ނަތީޖާއަކުން އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން މޮޅުވެގެންނެވެ. އެ ޓީމުން ވަނީ ޖެހި ފަަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ނިއު ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑުނެގީ ބުރުންނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އެ ގޯލު ބުރަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފަންއެވެ.

އެފްއޭއެމް ސެކަންޑް ޑިވިޝަންގެ ސެމީ ފައިނަލްގައި ނިއު އަދި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނަމަވެސް މެޗުގެ 33 ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ކުޅުންތރިޔާ ކޯފީ ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް އެ ހާފުގައި ބުރަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ބުރު ޓީމުން ވަނީ ކައުންޓަ އެޓޭކުގައި ނުރައްކާތެރި ދެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ބޭނުން ނުކުރެވި ވަނީ ބޭކާރުވެފައެވެ.

އެހެންކަމުން މެޗުގައި ނަތީޖާ ނެރުމަށް ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތޯރިކް ޖެހި މެޗުގެ ފުރަތަމަ ޕެނަލްޓީ ބޭރަށް ދިޔައިރު، ފަރޫކްގެ ޕެނަލްޓީ ބުރުގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އަދި ބުރުގެ ސްޓެފަން ޖެހި ޕެނަލްޓީ އަމާޒުވެފައިވަނީ ގޯލުގެ މަތީ ދަނޑިއަށެވެ.

comment ކޮމެންޓް