ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފުލުހުންގެ އިހުމާލުން މަރުވިކަމަށް ތުހުމަތު ކުރާ ގދ. ހޯޑެއްދޫ، ސްވާން، އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމްގެ ތަފްސީލީ ރިޕޯޓު އަދި ނުލިބޭކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ބުނެފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެންއައިސީގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ލިބިފައި ވީނަމަވެސް ތަފުސީލީ ރިޕޯޓު އަދި ނުލިބޭކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގެ ތަހުގީގަށް ނަގަންޖެހޭ ބަޔާންތައް ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާކަމަށް އެ ކޮމިޝަނުގެ އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކުރުމަށް ފަހު ހޯޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ ރަޝީދު އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދީ އާއިލާގެ ނުރުހުމުގައެވެ. އާއިލާއިން ބުނެފައި ވަނީ އޭނާ މަރުވީ ފުލުހުންގެ އިހުމާލުންކަން އެނގެން އެބައޮތް ކަމަށާއި އެހެންކަމުން ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އާއިލާގެ ނުރުހުމުގައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ 31ގައެވެ. އަދި ހަށިގަނޑާއެކު ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އާއިލާއަށް ލިބޭނެކަމަށް ފުލުހުން ބުނިކަމަށް އާއިލާއިން ބުނެއެވެ.
ނަމަވެސް، ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އާއިލާއަށް އަދިވެސް ނުލިބޭކަމަށް އާއިލާއިން ބުންޏެވެ.
ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ ހާމަކުރަން ވެސް އެންއައިސީން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެންއައިސީން މީގެ ކުރިން ބުނެފައި ވަނީ، އަބްދުﷲ ރަޝީދުގެ މަރުގެ ރިޕޯޓު މިމަހުގެ ކުރިން ނިންމޭތޯ މަސައްކަތް ކުރާކަމަށެވެ.