ބަލިވީ "މިސްޓޭކް"ތަކެއް ހެދިގެން، އެކަމަކު މޮޅަށް ކުޅުނީ އަހަރަމެން: ސެކުލޮވްސްކީ

މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮސްކޯ--ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ލީގުގައި ރޭ އީގަލްސް އަތުން ބަލިވީ ބައިވަރު "މިސްޓޭކް" ހެދިގެން ކަމަށާއި ނަމަވެސް މެޗުގައި ރަނގަޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށް މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނެފިއެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗުން 4-0 އީގަލްސް އަތް ދަށުވި މެޗަށް ފަހު މާޔޫސްކަމާ އެކު ވާހަކަ ދައްކަމުން ސެކުލޮވްސްކީ ބުނީ ވޭތުވެ ދިޔަ ހަ މަސް ދުވަހު ތެރޭގައި ނުހެދޭ ވަރަށް ރޭގެ މެޗުގައި ގޯސް ހެދުނު ކަމަށެވެ. އަދި ބަލިވީ ވަރަށް ގިނަ ކަންތައްތައް ފެއިލްވެގެން ކަމަށްވެސް ކޯޗް ބުންޏެވެ.

ސެކުލޮވްސްކީ ބުނީ ރެއަކީ އީގަލްސްގެ ރެއެއް ކާމަށާއި ފުޓްބޯޅައަކީ އެކަހަލަ އެއްޗެއް ކަމަށެވެ. އަދި ބުނީ އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި ނަމަވެސް ހެދުނު ގޯސްތަކުގެ ސަބަބުން ނަތީޖާ ނުނެރެވުނީ ކަމަށެވެ.

މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދައިދިން ކޯޗް ބުނީ އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިން ގައުމީ ޓީމާ އެކު ދާން ޖެހުމުން އެންމެ ރަނގަޅަށް ފަރިތަކޮށްލަން ވަގުތު ނުލިބޭ ކަމަށާއި އޭގެ އަސަރު ފެނުނު ކަމަށެވެ.

މާލޭ ލީގު ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތް އިރު އެޓީމަށް ވަނީ 21 ޕޮއިންޓް ލިބިފައެވެ.

comment ކޮމެންޓް