މޮޅުވުމުގެ ހުރިހާ ޝުކުރެއް ރިޒޭއަށް، އޭނާ އެންމެނަށް ފިލާވަޅެއް ދަސްކޮށްދީފި: ސާންތި

އީގަލްސް އަށް މާލޭ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ލިބުނު މޮޅާއެކު އެޓީމުގެ ކޯޗް އަދި އޮފިޝަލުން އުފާ ފާލުކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާޒިޔާ އަތުން ހޯދުނު ތަފާތު ބޮޑު ނަތީޖާގެ ހުރިހާވެސް ޝުކުރެއް ހައްގުވަނީ އެޓީމުގެ އަހްމަދު ރިޒްވާން (ރިޒޭ)އަށް ކަމަށާއި އޭނާ މުޅި ފުޓްބޯޅަ އާއިލާއަށް ފިލާވަޅެއް ދަސްކޮށްދީފި ކަމަށް އީގަލްސްގެ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.

މާޒިޔާ އަތުން މާލޭ ލީގުގައި 4-0 އީގަލްސް މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސާންތި ބުނީ ރޭގެ މެޗުގައި އީގަލްސްގެ ތަފާތަކީ ރިޒޭ ކަމަށާއި އޭނާގެ ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.

ރިޒޭ ހެޓްރިކް ހެދި މެޗާ ގުޅޭ ގޮތުން ސާންތި ބުނީ މި މެޗުގައި ރިޒޭ ވަރަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދީފި ކަމަށާއި އެ ފިލާވަޅަކީ ކޮންމެ ކުޅުންތެރިއެއްވެސް މަސައްކަތް ކޮށްފި ނަމަ ނަތީޖާ ބަދަލުކޮށްލެވޭނެކަން ކަމަށެވެ. އަދި ރޭގެ ކުޅުމަށް ބަލާއިރު ގައުމީ ޓީމަށް ކުޅުންތެރިން ހޮވާއިރުވެސް އެ އިރެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ފުރުޞަތުތަކެއް ލިބިދޭން ޖެހޭ ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.

މާޒިޔާއަތުން ލިބުނު މޮޅާ ގުޅޭ ގޮތުން އޭނާ އިތުރަށް ބުނީ ރޭގެ މެޗުގައި ހުރިހާވެސް ޕްރެޝަރެއް އޮތީ މާޒިޔާއަށް ކަމަށާއި އީގަލްސްގެ ކުޅުންތެރިން ދެއްކި ހިތްވަރަށް މަރުހަބާ ކިޔާކަމަށެވެ. އަދި ރޭ ލިބުނު ތިން ޕޮއިންޓަކީ ލީގުގައި އިތުރަށް ކުރިއަށްދިޔުމަށް ލިބޭ ފަހި ފުރުޞަތެއްކަމަށް، އީގަލްސްއަށް މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

އީގަލްސްއަށް މާޒިޔާ އަތުން ލިބުނު ތިން ޕޮއިންޓާ އެކު އެޓީމު ވަނީ ތާވަލްގެ ހަތަރަކަށް ޖެހިލާފައެވެ. ދެން ލީގުގައި އީގަލްސް ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.

comment ކޮމެންޓް