ގައުމީ އަންހެން ފުޓްސަލް ޓީމެއް މިއަހަރު ތެރޭ އެކުލަވައިލާނަން: ނާޒިމާ

ވިމެންސް ފުޓްސަލް ފިއެސްޓާގައި އަވަ އެފްޓީއާއި ފެހި ފަހި ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު އަވަ އެފްޓީން ކާމިޔާބުކުރީ 16-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ އަންހެން ފުޓްސަލް ޓީމެއް ފުރަތަމަ ފަހަރަށް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި އެފްއޭއެމް އަންހެން ފުޓްސަލް މުބާރާތް ނިމުމުން އެ ޓީމް އެކުލަވައިލުމަށް ސްކޮޑެއް ހޮވާނެ ކަމަށް އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވެއްޖެއެވެ.

އަންހެންނުންނަށް ހާއްސަކޮށްގެން އަންނަ މަހު ނުވަ ވަނަ ދުވަހު ފަށާ ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށްފަހު ސަންސްޕޯޓްސް އާ ވާހަކަ ދައްކަމުން ނާޒިމާ ވިދާޅުވީ، މި އަހަރު ގައުމީ އަންހެން ފުޓްސަލް ޓީމެއް އެކުލަވާލައި ފަރިތަކުރުން ތަށް ފަށާނެ ކަމަށެވެ.

" އެފްއޭއެމް މުބާރަތް ނިމުމުން އެ މުބާރާތުން ހޮވާލެވޭ ކުދިން ޓީމަށް ނަގާނެ. އެއަށް ފަހު ފަރިތަކުރުންތައް ކުރިއަށްގެންދާނެ،" ނާޒިމާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި އަހަރުވެސް ބާއްވާ ބައެއް ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރަމުންދާކަމަށާއި އަންނަ އަހަރު އޮންނަ އޭއެފްސީ ވިމެން ފުޓްސަލް ޗެލެންޖުގައި ބައިވެރި ވުމަށް މިހާރުވެސް އެންޓްރީ ފޯމް ފޮނުވާފައިވާކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ފުރަތަމަ އަންހެން ނައިބު ރައީސާ އިތުރަށް ވިދާޅުވީ އެފްއޭގެ އަމާޒަކީ އަންހެން ފުޓްސަލް ހަރުދަނާކޮށް ކުރިއެރުވުން ކަމަށާއި އެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށްދާ ކަމަށެވެ.

ގައުމީ އަންހެން ފުޓްސަލް ޓީމެއް އެކުލަވާލުމަށް އަމާޒު ހިފާފައިވާއިރު އެފްއޭއެމްއިން މިރޭ ވަނީ އެ އިދާރާއިން އިންތިޒާމް ކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވާފައެވެ. އެ މުބާރާތުގައި ނުވަ ޓީމެއް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް