ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ވެރިކަމުގައި، އެ އެސޯސިއޭޝަންގެ މުވައްޒަފަކަށް ނުދީ އޮތް ދެ ލައްކައެއްހާ ރުފިޔާ ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެފްއޭއެމުން ޖަވާބުދާރީވާން އަންގައިފިއެވެ.
މިއީ، އެފްއޭއެމަށް ރައްދުވާ ގޮތަށް، އެ އިދާރާގެ ޑައިރެކްޓާ އޮފް އިންޓަނޭޝަނަލް ރިލޭޝަންސްގެ މަގާމުގައި ބައްސާމްގެ ދައުރުގައި ހުރި، މަރްޔަމް އަންޖުމް އަފުޒަލު އެފްއޭއެމާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. ދެލައްކައެއްހާ ރުފިޔާ ހޯދަން ދައުވާ ކުރާ މި މައްސަލައާ ގުޅިގެން ޓްރައިބިއުނަލުން ނެރުނު އިޖުރާއީ ނިންމުމުގައި ކަނޑައަޅާފައިވަނީ، މައްސަލައިގައި ހިމެނޭ ދައުވާއަށް އެފްއޭއެމުން މައުޟޫއީ ގޮތުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ލިޔުމުން ޖަވާބު ހުށަހެޅުމަށް ވަނީ އަމުރުކޮށްފައެވެ.
މި ނިންމުމުގައިވާ ގޮތުން، އަންޖުމް އެފްއޭއެމްގައި މަސައްކަތް ކުރީ، 2022 އޮގަސްޓުން ފެށިގެން، 2024 ޖުލައި އަށެވެ. އެ މުއްދަތަކީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގައި ހުންނެވި މުއްދަތެވެ.
އެފްއޭއެމްގެ ހިންގުން ބޮއްސުންލައި، މާލީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެން ދިޔަ ދުވަސްވަރު އެ އެސޯސިއޭޝަންގެ ގިނަ މުވައްޒަފުންތަކަކަށާއި ގައުމީ ޓީމުތަކުގެ ކޯޗުންނަށް ގަވާއިދުން މުސާރަ ނުދޭ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުން މަގާމުން ވަކިވެ، ނުލިބި ހުރި ފައިސާ ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ހުށަހަޅާފައިވާއިރު، ބިދޭސީ ކޯޗުން ވަނީ ފީފާގެ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިގެން ބަދަލުވެސް ހޯދާފައެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު، އެފްއޭއެމުން ދައްކަންޖެހޭ ފައިސާއާއި ދަރަނީގެ މައްސަލަތަކުގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން އަންނަނީ އެ އެސޯސިއޭޝަނާ ދެކޮޅަށް އެކި އަމުރުތައް ނެރެމުންނެވެ.