އިސްމާއީލް ރަޝީދުގެ ބަންދަށް 15 ދުވަސް އިތުރުކުރީ ރަނގަޅަށް: ހައިކޯޓް

ޔާމީންގެ ގާތިލެއް ކަމަށް ބުނާ އިސްމާއިލު ރަޝީދު --- ފޮޓޯ/ ފުލުހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މ. ތާއިފް، އިސްމާއީލް ރަޝީދުގެ ބަންދަށް 15 ދުވަސް އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ނިންމައި އެ މަސައްކަތް އިސްމާއީލް ރަޝީދުގެ ގާނޫނީ ވަކީލުން އަންނަނީ ކުރަމުންނެވެ.

އިސްމާއީލް ރަޝީދުގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލާގައި ދެން ހައްޔަރުކުރި ދެ މީހުންނާ ދެކޮޅަށް ދޮގު ހެކި ދިނުމަށް ފުލުހުން އޭނާ އަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު،21 އާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއީލް،22 އެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން ހައިޝަމަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އިސްކޮށްތިބި މީހުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ ތަހުގީގު ވެސް ދަނީ ކުރިއަށް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފްޓޭޖް އެނަލައިޒްކޮށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެހެންމެ 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯ ބަލައި އެނަލައިޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް