ބިލަބޮންގް ސްކޫލް ހިންގާ އިމާރާތުގެ ބީލަން ބާތިލުކޮށް އަލުން ބިޑަށް ހުޅުވާލައިފި

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް----

ގްރޭޑް އެކަކުން ފެށިގެން 12އަށް ކިޔަވައިދެމުން އަންނަ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް، ކުރީގެ އީޕީއެސްއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށް ދެވަނަ ފަހަރަށް ބީލަން ހުޅުވާލައިފި އެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް އެ އިމާރާތް ދީފައިވާ މުއްދަތު ހަމަވާތީ ފުރަތަމަ ބިޑަށް ހުޅުވާލީ މިދިޔަ މާޗު މަހުގެ 17 ގަ އެވެ. ނަމަވެސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ ކުރީގެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށާއި އަދި އަންނަ މަހުގެ 20ގެ ކުރިން އަނެއްކާ ވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. ނަމަވެސް ކުރިން ބިޑަށް ހުޅުވާލުމުން ހުށަހެޅި ބިޑުތައް ބާތިލު ކުރީ ކީއްވެގެންކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިހާރު ބިލަބޮންގް ސްކޫލް ހިންގަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ. ނަމަވެސް އައިލެންޑާސް އެޑިއުކޭޝަނަަށް ހިންގަން ހަވާލުކޮށްފައިވާ ދިހަ އަހަރުގެ މުއްދަތު 2019 ވަނަ އަހަރު ހަމަވާނެތީ ކުރިޔާލާ ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އެ ފުރުސަތު ހުޅުވާލީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އައިލެންޑާސް ނޫން ބަޔަކު ސްކޫލު ހިންގަން ހަވާލުވި ނަމަވެސް މިހާރު ބިލަބޮންގް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގެއްލުމެއް ނުފޯރާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.

އޭގެ އިތުރުން ކުރިޔާލައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ހުޅުވާލުމުން، ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް އެކަމަށް ހޭނެން ވަގުތު ލިބޭނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

comment ކޮމެންޓް