ލޯންޗު އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ވަސީމް ލަންކާއަށް

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދަނީ -- ސަން ފައިލް ފޮޓޯ: މުހައްމަދު ސަމާހް

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ސަމާ އައިލެންޑް ރިސޯޓުގެ ސްޓާފުންނާ އެކު ދަތުރު ކުރި ލޯންޗެއް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި މީހާގެ އައިލާ އިން ބޭނުން ވެގެން އޭނާ ބޭސްފަރުވާއަށް ސްރީ ލަންކާއަށް ގެންގޮސްފި އެވެ.

އެ އެކްސިޑެންޓުގައި 14 މީހަކަށް އެކިވަރުގެ އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދީފައިވާ އިރު، އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ވެފައި ވަނީ، ސ. މީދޫ ހަނދުވަރުމަތީގޭ، އަލީ ވަސީމް އަށެވެ.

އެ އެކްސިޑެންޓުގައި ވަސީމްގެ ބޮލަށް ވަނީ ޒަހަމްތަކެއް ލިބިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް 'ސަން' އަށް ވިދާޅުވީ، ވަސީމް ލަންކާއަށް ގެންގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައި ކަމަށާއި އޭނާ ބޭރަށް ފޮނުވާލީ އާއިލާގެ އެދުމުގެ މަތިން ކަމަށެވެ.

"އޭނާގެ ހާލު އައީ ވަރަށް ބޮޑަށް ރަނގަޅު ވަމުން. އަދި އޭނާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް ވެސް އޭޑީކޭ އިން ލިބެން ހުރި އަދި އެ ފަރުވާތަށް ވެސް އައީ ދެމުން. ނަމަވެސް އާއިލާގެ އެދުމުގެ މަތިން ބޭރަށް ފޮނުވާލީ،" އައްފާލު ވިދާޅުވި އެވެ.

އައްފާލު ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ވަސީމް ފިޔަވައި ދެން ތިބި އެންމެން ވަސް ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައި ކަމަށެވެ.

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން، އެ ރިސޯޓްގެ 15 ސްޓާފުންނާ އެކު ދަތުރުކުރި އެ ލޯންޗް އެކްސިޑެންޓްވީ ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏަކާ ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ދޯނި އަޅާފައި އޮތް އިރު އޭގައި އެއްވެސް އަލިކަމެއް ނެތުމުން ލޯންޗުގެ ކައްޕިއަށް ދޯނި ނުފެނިގެންނެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ އެކްސިޑެންޓުގައި ދެފަރާތުގެ ވެސް އިހުމާލުވާ ކަމަށެވެ.

ފުލުހުން ވަނީ އެ ދޯނީގެ ކައްޕިއާ އެކު ހަތަރު ފަޅުވެރިން ވެސް ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް