ކަރަން ޖޯހަރު އާ ނުލައި ބޮލީވުޑް ފުރިހަމައެއް ނުވޭ

'ކުޗް ކުޗް ހޯތާ ހޭ'، 'ކަބީ ޚުޝީ ކަބީ ޣަމް' ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އާ ނުލައި ބޮލީވުޑް ފުރިހަމަ ނުވާނެ ކަމަށް ކާމިޔާބު އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސައިފް ވަނީ ކަރަން އަށް ވަރަށް ބޮޑަށް ތައުރީފު ކޮށް ވާހަކަ ދައްކައިފައެވެ. ކުރިއަށް އޮތް އައިފާ އެވޯޑް ހޯސްޓު ކުރުމަށް ހަމަޖެހިފައި ވަނީ ކަރަން އާއި ސައިފް އެވެ.

"ކަރަން ޖޯހަރް އާއި ނުލާ ފިލްމު އިންޑަސްޓްރީ ފުރިހަމަ އެއް ނުވޭ،" ސައިފް ބުންޏެވެ. ސައިފް ބުނީ ކަރަން އަކީ ފިލްމު އިންޑަސްޓްރީގެ ދިރުން ކަމަށެވެ.

އަދިއްތުޔަ ޗޯޕްރާގެ 'ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ' ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމީ ކެރިއަރު ފެށި ކަރަން އެންމެ ފުރަތަމަ ޑައިރެކްޓު ކުރި ފިލްމަކީ 'ކުޗް ކުޗް ހޯތާހޭ' އެވެ. އެ ފިލްމުން އޭނާއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު ސްކްރީންޕްލޭގެ ފިލްމުފެއާ އެވޯޑު ލިބިގެން ގޮސްފައެވެ.

އެއަށްފަހު ދެން ވެސް ކަރަންގެ ފަރާތުން ބެލުންތެރިންނާ ހަމައަށް އައިސްފައި ވަނީ ބްލޮކްބަސްޓާ ފިލްމުތައް ކަމުގައިވާ 'ކަބީ ޚުޝީ ކަބީ ޣަމް'، 'ކަބީ އަލްވިދާނާ ކެހެނާ' އަދި 'މައި ނޭމް އިޒް ޚާން' އެވެ. 'މައި ނޭމް އިޒް ޚާން' އިން ވެސް ކަރަން އަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމުފެއާ އެވޯޑު ލިބިފައެވެ.

ކަރަންގެ އިތުރު ޑައިރެކްޝަން ތަކަށް ބަލާލާއިރު، 'ސްޓުޑެންޓް އޮފް ދަ އިޔަރ'، 'ބޮމްބޭ ޓޯކީޒް' އަދި 'އޭ ދިލް ހޭ މުޝްކިލް' ފާހަގަކޮށްލެވެ އެވެ. 'އޭ ދިލް ހޭ މުޝްކިލް' ވަނީ މި އަހަރުގެ އައިފާ އެވޯޑުގައި ވެސް އެންމެ ގިނަ ނޮމިނޭޝަންސް ހޯދައިފައެވެ.

ކަރަން ޕްރޮޑިއުސް ކޮށްފައިވާ ފިލްމުކުގެ ތެރޭގައި، 'އަގްނީޕަތު'، 'ކަލް ހޯ ނަ ހޯ'، 'ދޯސްތާނާ'، 'އައި ހޭޓް ލަވް ސްޓޯރީޒް' އަދި 'ޔޭ ޖަވާނީ ހޭ ދިވާނީ' ފަދަ ފިލްމުތައް ހިމެނެއެވެ.

އުމުރުން 45 އަހަރުގެ ކަރަން ފިލްމީ ދާއިރާއަށް ނުކުތް ފަހުން މިހާރު 28 އަހަރު ވެފައި ވާއިރު، ކާމިޔާބު ގިނަ އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.

comment ކޮމެންޓް