ޓިއުބްލައިޓް: ސަލްމާންގެ އެންމެ ކުރު ފިލްމު

އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު 'ޓިއުބްލައިޓް'ގެ ސްކްރީން ޓައިމް، 19 މިނެޓު ކުރު ކޮށްފިއެވެ.

ފިލްމު ރިލީޒް ކުރުމަށް ދެތިން ދުވަހަށް ވެފައި ވާއިރު، މިއީ ސަލްމާންގެ ސަޕޯޓަރުންނަށް، އަދި ފިލްމަށް އިންތިޒާރު ކުރަމުން އަންނަ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ނުވެދާނެއެވެ.

ޚަބަރުތައް ބުނާގޮތުން ފިލްމު ކުރު ކުރަން އެންގީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓިފިކޭޝަން (ސީބީއެފްސީ) އިންނެވެ. ފިލްމުގެ ޕްރޮޑަކްޝަން ހުރިހާ މަސައްކަތެއް ނިންމި އިރު ފިލްމުގެ ދިގުމިނަކީ ދެ ގަޑި އިރާއި 35 މިނެޓެވެ. އެހެން ނަމަވެސް ސީބީއެފްސީ އިން އެންގުމާ އެކު މިހާރު ފިލްމު ދެ ގަޑި އިރާއި 16 މިނެޓަށް ކުރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމުތަކަށް ބަލާލާއިރު، 'ސުލްތާން' ގެ ދިގުމިނަކީ ދެ ގަޑި އިރާ 50 މިނެޓެވެ. 'ބަޖްރަންގީ ބާއިޖާން' ގެ ދިގުމިނުގައި ދެ ގަޑިއިރާއި 43 މިނެޓު ހުރި އިރު، 'ޕްރޭމް ރަތަން ދަން ޕަޔޯ' ތިން ގަޑިއިރަށް ވުރެ ދިގެވެ.

އެހެން ކަމުން 'ޓިއުބްލައިޓް' ވެގެން ދާނީ މި ފަހުން ނުކުތް ސަލްމާންގެ އެންމެ ކުރު ފިލްމަށެވެ.

ކަބީރު ޚާން ޑައިރެކްޓު ކޮށްފައިވާ 'ޓިއުބްލައިޓް' އަކީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ.

މިއީ ކަބީރު ޚާން އަދި ސަލްމާން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ފިލްމުގައި ސަލްމާންއާ އެކު ފެނިގެން ދާނީ ޗައިނާގެ އެކްޓްރެސް އެއް ކަމަށްވާ ޒޫ ޒޫ އެވެ. އެ ފިލްމުގައި ޝާހު ރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެއެވެ.

comment ކޮމެންޓް