އިހަވަންދޫ ކައުންސިލުން ބިދޭސީންނަށް އެޅި ފިޔަވަޅުތައް އެލްޖީއޭއިން ބާތިލުކޮށްފި

އިހަވަންދޫ ކައުންސިލް އިދާރާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިހަވަންދޫ ކައުންސިލުން އެ ރަށުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނިންމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލް ކޮށްފި އެވެ.

އިހަވަންދޫ ކައުންސިލުން އެ ރަށުގައި އުޅޭ ބިދޭސީންނާ ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމީ އެ ރަށުގައި މިދިޔަ ހުކުރު ދުވަހު ބިދޭސީއަކު ދިވެއްސަކު މަރާލުމާ ގުޅިގެން އެ ކައުންސިލުން އިއްޔެ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގަ އެވެ.

އެލްޖީއޭއިން މިއަދު ކުރި ޓްވީޓުގައި ބުނެފައި ވަނީ، އިހަވަންދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނީ ގޮތުން ބާތިލު ނިންމުމެއް ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން އާއްމު ރައްކާތެރި ކަމަށް މަސައްކަތް ކުރުމަށް އަންގާފައިވާ ކަމަށެވެ.

އިހަވަންދޫ ކައުންސިލުން އިއްޔެ ނިންމި ނިންމުގައި އެ ރަށުގައި ދިރިއުޅެމުންދާ ބިދޭސީންނަށް މައިގަނޑު ހަ ކަމެއް ވަނީ މަނާކޮށްފަ އެވެ.

އިހަވަންދޫގައި ބިދޭސީންނަށް މަނާކުރި ކަންތައްތައް

  • މަސައްކަތް ކުރުމަށް ކަނޑއަޅާފައިވާ ތަނުގެ ޑިއުޓީ އަދާކުރުމަށް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭނގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން.
  • ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 އިން 5:30 އާ ދެމުދެ ނޫން ވަގުތެއްގައި ރަށުގެ އެއްވެސް ސަރަހައްދެއްގައި ގްރޫޕް ހަދައިގެން އުޅުން.
  • ކައުންސިލްގެ އިހްތިސާސްގައިވާ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކުރުން.
  • ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު އަދި ފަން ފަދަ އެއްވެސް އެއްޗެއް ހޮވުން.
  • ކުނި އުކާލުމަށް ފިޔަވައި ރަށުގެ ކުނިގޮޑަށް އިތުރު އެއްވެސް ބޭނުމެއްގައި ދިޔުން.
  • ރަށުގައި ބާއްވާ ހަފްލާތަކަށް ދައުވަތު ނުދެނީސް ދިޔުން.

އިހަވަންދޫ ކައުންސިލުން އެފަދަ ނިންމުންތަކެއް ނިންމީ މިދިޔަ ހުކުރު ދުވަހު އެ ރަށު އައިސްޕްލާންޓްގެ މެކޭނިކެއްގް މަގާމުގައި ހުރި ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު (އިއްސެ) މަރާލާފައިވަނިކޮށެވެ.

އިއްސެ މަރާލިކަމަށް މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 27 އަހަރުގެ ޝުމޮންމިއާ ވަނީ އިއުތިރާފުވެފަ އެވެ.

ޝުމޮންމިއާގެ އިތުރުން އިއްސެ މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ހަތަރު ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް