ޔާމީންގެ ގާތިލެއް ކަމަށް ބުނާ އިސްމާއިލު ރަޝީދުގެ ބަޔާން ފުލުހުން ދޮގުކޮށްފި

ޔާމީންގެ ގާތިލެއް ކަމަށް ބުނާ އިސްމާއިލު ރަޝީދު --- ފޮޓޯ/ ފުލުހުން

ބްލޮގަރު އަދި ސޯޝިއަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އިސްމާއިލް ރަޝީދު، މ. ތާއިފްގެ ފަރާތުން ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ނެރުނު ބަޔާން ފުލުހުން ދޮގު ކޮށްފި އެވެ.

ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ބުނެ ފުލުހުން ވަނީ ރޭ ތިން މީހެއްގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފަ އެވެ. އެއީ މ. ތާއިފް، އިސްމާއީލް ރަޝީދު،25 އާއި ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު،21 އާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއީލް، 22 އެވެ.

އޭގެތެރެއިން އިސްމާއިލް ރަޝީދުގެ އާއިލާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގުގަށް އޭނާ ބަންދުކޮށް އަމަލުކޮށްފައިވާ ގޮތުން އޭނާ ކުރި ކުށެއްތޯ ޝައްކު އުފެދޭ ކަމަށެވެ.

ފުލުހުންގެ މައްޗަށް ތުހުމަތުކޮށް އިސްމާއިލް ރަޝީދުގެ އާއިލާއިން ބުނެފައި ވަނީ އޭނާގެ ގާނޫނީ ވަކީލު ބަދަލުކޮށް ފުލުހުން ބުނާ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ހުށަހެޅި ކަމަށެވެ.

އަދި ފުލުހުން ބުނާ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ބަޔާން ދިނުމަށް ހުށަހެޅުމުގެ އިތުރުން ދައުލަތުގެ ހެއްކަކަށް ވެއްޖެ ނަމަ މިވަން ކޮށްދޭނެ ކަމަށް ބުނި ކަމަށް ވެސް އާއިލާ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އިސްމާއިލް ރަޝީދާ މެދު ޓޯޗާގެ އަމަލުތަކެއް ހިންގި ކަމަށް ވެސް އޭނާގެ އާއިލާ އިން ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން ވިދިވިދިގެން ދެ ދުވަސް ވަންދެން ހުސް ފާރަކަށް ކުރިމަތިލައިގެން ގޮނޑިއެއްގައި ބޭންދުމާއި ނިދުމުގެ ފުރުސަތު ނުދީ އިރުއިރު ކޮޅާ ގޮވައި މައްސަލައިގެ ވާހަކަ ދައްކާ ކަމަށް އާއިލާއިން ބުންޏެވެ.

އެހުރިހާ ތުހުމަތުތަކެއް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާ ނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށެވެ.

ފުލުހުން ރޭ ފޮޓޯ އާންމުކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލުމުގައި އިސްކޮށްތިބި މީހުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ ތަހުގީގު ވެސް ދަނީ ކުރިއަށް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން 1850 ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފްޓޭޖް އެނަލައިޒްކޮށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެހެންމެ 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯ ބަލައި އެނަލައިޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތަހުގީގަށް މިހާރު ވެސް އުނދަގޫތަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް