އަންނަ ފިތުރު އީދުގައިވެސް ގއ. މާމެންދޫ "ވަން ޑޭ ކަޕް" އޮންނާނެ

ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ބޭއްވި ވަން ޑޭ ކަޕް ފުޓްސަލް މުބާރާތުގެ ތެރޭން -- ފޮޓޯ: އެސްއެމްއެސް

ފިތުރު އީދާ ދިމާކޮށް ގއ. މާމެންދޫގައި ކުރިއަށް ގެންދާ "ވަން ޑޭ ކަޕް" ފުޓްސަލް މުބާރާތް މިއަހަރުވެސް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މުބާރާތް އިންތިޒާމްކުރާ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) އިން ބުނެފިއެވެ.

އެސްއެމްއެސް އިން ބުނީ، "ވަން ޑޭ ކަޕް 2017"ގެ ނަމުގައި މިފަހަރުގެ ފިތުރު އީދާ ދިމާކޮށް ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ޖޫން 24، 2017ވާ ހޮނިހިރު ދުވަހުގެ 14:00އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މާމެންދޫ ޒުވާނުންނަށް ޚާއްސަކޮށްގެން، ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުލުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00ގައެވެ.

މިދިޔަ އަހަރުގެ ފިތުރު އީދުގައިވެސް އެސްއެމްއެސް ވަންޑޭ ކަޕް ބާއްވާފައިވާ އިރު، ޖުމުލަ އަށް ޓީމު ވާދަކުރި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ "އެފްސީ ކަދެމަލެ" އެވެ.

މެއިން ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ހަމަޖެހިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 2000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ވަން ޑޭ ކަޕް ފަށާނީ 27 ވަނަ ދުވަހު ހެނދު 7:00ގައެވެ.

comment ކޮމެންޓް