އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

ޕެޓްރޯލް ޝެޑް

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގުހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، ތެލުގެ ޑިއުޓީ ދަށްކުރުމާ ގުޅިގެން، އެ ކުންފުނިން ވިއްކާ ޑީސަލް ލިޓަރަކުން 51 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި މިއަދުން ފެށިގެން އަގުހެޔޮކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް، ތެލުގެ އިމްޕޯޓު ޑިއުޓީ 10 ޕަސަންޓުން ފަސް ޕަސަންޓަށް ކުޑަކޮށްފައެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ، އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކުރުމަށް ނިންމީ، ތެލުގެ ޑިއުޓީއަށް ގެނައި ބަދަލުގެ އިތުރުން، އިންޖީނުގެތަކަށް ތެޔޮ ފޯރުކޮށްދިނުން ހަމައެކަނި އެސްޓީއޯއާ ހަވާލުކޮށްފައި ވާތީ ކަމަށެވެ.

ކުރިން ޑީސަލް ވެސް އަދި ޕެޓްރޯލް ވެސް ލީޓަރެއް ވިއްކަނީ، 8.95 ރުފިޔާއަށެވެ. އެސްޓީއޯއިން މިއަދު އިއުލާނުކުރި އާ އަގުތަކަށް ބަލާއިރު، ޑީސަލް ލީޓަރެއްގެ އަގު ވަނީ 8.44 ރުފިޔާއަށް، އަދި ޕެޓްރޯލް ލީޓަރެއް 8.65 ރުފިޔާއަށް ކުޑަކޮށްފައެވެ. މިއީ ޑީސަލް ލީޓަރަކުން 51 ލާރި، އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރީގެ ހެޔޮވުމެކެވެ.

ސްޓެލްކޯގެ އިންޖީނުގެތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯއަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށްވެސް ތެޔޮ ފޯރުކޮށްދިނުމަށް މެއި މަހު ވަނީ އެސްޓީއޯއަށް ހަވާލުކޮށްފައެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ، ޔުޓިލިޓީސް ކުންފުނިތަކުގެ އިތުރުން، މަސްވެރިންނަށް ވެސް ތެޔޮ ފޯރުކޮށްދެނީ އެސްޓީއޯއިން ކަމުން، ސްޓެލްކޯއާއި ފެނަކައިގެ އިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވެސް ތެޔޮ ވިއްކުމަށް ހެޔޮ އަގުތަކެއް ކަނޑައެޅިގެން ދާނެކަމަށެވެ.

comment ކޮމެންޓް