އިތިއޯޕިއާގެ ގަދީމީ ސަހަރަކުން ރާއްޖެއަށް ނިސްބަތްވާ ތަކެތި ފެނިއްޖެ

އިތިއޯޕިއާއިން ހޯދި ގަދީމީ ސަހަރު -- ފޮޓޯ: ޕްރޮފެސަރު އިންސޮލް

އިތިއޯޕިއާގެ އިރުމަތިން އާކިއޮލޮޖިސްޓުން ހޯދި ގަދީމީ ސަހަރަކުން ރާއްޖެ އަށް ނިސްބަތްވާ ތަކެތި ފެނިއްޖެ އެވެ.

ދިހަ ވަނަ ގަރުނުގައި މީހުން ދިރިއުޅުނު ކަމަށް ބެލެވޭ އެސަހަރުގައި ރާއްޖޭގެ އިތުރުން މިސްރު، އިންޑިއާ، ޗައިނާ، މަޑަގަސްކަރަ އަދި ޔަމަނަށް ނިސްބަތްވާ ގަހަނާ ފަދަ ތަކެތި ފެނިފައިވެ އެވެ.

އަދި ޓެންޒޭނިއާ އާއި ސޯމާލީލޭންޑުގައި ހުންނަ މިސްކިތްތަކާ އެއްގޮތް މިސްކިތެއް ވެސް އެސަހަރުން ފެނުނު ކަމަށާއި އެއީ 12 ވަނަ ގަރުނުގައި އަޅާފައިވާ މިސްކިތެއް ކަމަށް އާކިއޮލޮޖިސްޓުންގެ ޓީމުން ބުންޏެވެ. މީގެ އިތުރުން އެމިސްކިތް އެސަހަރުގައި ހުރުމުން އެނގިގެންދަނީ އެފްރިކާގެ ތަފާތު އިސްލާމީ މުޖުތަމައުތަކުގެ މެދުގައި ތާރީހީ ގުޅުންތައް އޮތްކަން ކަމަށް ވެސް އެޓީމުން ބުންޏެވެ.

ލީޑް އާކިއޮލޮޖިސްޓް ޓިމޮތީ އިންސޮލް ވިދާޅުވި ގޮތުގައި އެސަހަރު އޮތް ހާލާ ރީޖަން އަކީ އިތިއޯޕިއާގައި ވިޔަފާރި ކުރުމުގައި އެންމެ ކުރީގައި އުޅުނު ސަރަހައްދު ކަމަށާއި އެއީ ގަހަނާ އުފައްދާ، މުއްސަނދި ބައެއް އުޅުނު ސަރަހައްދެއްކަން އާ ހޯދުމުން އެނގިގެން ދިޔަ އެވެ.

އިތިއޯޕިއާއިން ރާއްޖޭގެ އިތުރުން އެހެން ބައެއް އިސްލާމީ ގައުމުތަކަށް ނިސްބަތްވާ ގަހަނާ ފަދަ ތަކެތި ފެނިފައިވޭ -- ފޮޓޯ: ޕްރޮފެސަރު އިންސޮލް

އަދި ބޭރު ގައުމުތަކުގެ މީހުން ހާލާގައި ދިރިއުޅުނު ކަމަށާއި އެމީހުންގެ ވިޔަފާރި ރެޑް ސީ އާއި އިންޑިއާ ކަނޑަށް ވެސް ފޯރާފައިވާ ކަމަށް ޕްރޮފެސަރު އިންސޮލް ވިދާޅުވި އެވެ.

އިތިއޯޕިއާގައި ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައިވާ ގޮތުން އެސަރަހައްދުގައި މީގެ ކުރިން ދިރިއުޅުނީ އާދަޔާ ހިލާފަށް ބިޔަ މީހުންނެވެ. ސަބަބަކީ އެސަރަހައްދުގައި މީހުން ދިރިއުޅުނު ގެތައް އަޅާފައި ވަނީ އާދައިގެ އިންސާނުންނަށް އުފުލޭ ވަރަށް ވުރެ ބޮޑު ގާ ބޭނުންކޮށްގެން ކަމަށް އެވާހަކަތަކުގައިވެ އެވެ.

ނަމަވެސް ޕްރޮފެސަރު އިންސޮލް ވަނީ އެވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ވިދާޅުވެ އެވާހަކަތައް ދޮގު ކުރައްވާފަ އެވެ.

އެގަދީމީ ސަހަރު އަންނަ އަހަރު އިތުރަށް ކޮނުމަށް ރާވާފައިވާ އިރު ސަހަރުގެ މީހުން ކައި އުޅުނު އެއްޗެހި ބެލުމަށްޓަކައި، އެސަހަރުގެ ގަބުރުސްތާނުން ފެނުނު އިންސާނުންގެ ކަށި ޓެސްޓު ކުރާނެ ކަމަށް އާކިއޮލޮޖިސްޓުން ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް