ކޯޓެޑިއުއާގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުން ކާބޯ ވާޑޭއާއި މިސްރު ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަަނަ ބުރުން ކާބޯ ވާޑޭ ޖާގަ ހޯދީ ގްރޫޕް ބީގެ އެއްވަނަ މަގާމު ކަށަވަރު ކޮށްގެންނެވެ. މުބަރާތުގައި ރޭ ކާބޯ ވާޑޭއާއި މިސްރު ބައްދަލުކުރި މެޗު 2-2 ވީ އެއްވަރެވެ. މެޗާ ކުރިމަތިލީއިރު ވެސް ކާބޯ ވާޑޭއަށް ދެވަނަ ބުރު ޔަގީންވެފައިވީ ނަމަވެސް މިސްރަށް ފުރުސަތު އޮތީ މެޗު ކާމިޔާބުކޮށްގެން ނުވަތަ އެއްވަރު ވެއްޖެނަމަ ގްރޫޕްގައި ދެން ކުޅޭ މެޗުގެ ނަތީޖާއަށް ބަލައިގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ކާބޯ ވަޑޭއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ޖަހައިދިނީ ބެންޗިމޯލް ޓަވަރޭސެވެ. މިސްރުގެ ފުރަތަމަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޓްރެޒެގޭއެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް މިސްރަށް މެޗުގެ ލީޑު ނަގައިދިނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި މުސްތޮފާ މުހައްމަދު ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު މިސްރުން އުފާފާޅުކުރި ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ނުވަވަނަ މިނެޓުގައި ކާބޯ ވާޑޭގެ ބްރަޔަން ސިލްވާ ޓެޒެއިރާ ޖޫނިއާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް މިސްރު ހާސް ކޮށްލައިފައެވެ.
މި ނަތީޖާއާ އެކު ކާބޯ ވާޑޭ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރިއިރު މިސްރަށް ދެވަނަ މަގާމު ކަށަވަރު ވެގެންދިޔައީ ތިން މެޗުން ލިބުނު ތިން ޕޮއިންޓުގެ އިތުރުން މި ގްރޫޕްގައި ދެން ކުޅުނު ގާނާއާއި މޮޒަމްބީކްގެ މެޗު އެއްވަރު ވެގެން ނިމުމުންނެވެ. އެހެންކަމުން ގާނާއަށް ލިބުނީ ދެ ޕޮއިންޓެވެ.
ގާނާއާއި މޮޒަމްބީކް ބައްދަލުކުރި މެޗުގެ އިތުރު ވަގުތާ ހަމައަށް 2-0 އިން ކުރީގައި އޮތީ ގާނާއެވެ. މިޒަމްބީކުން މެޗުގައި ކާމިޔާބު ކުރި ދެ ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓާއި ހަތަރުވަނަ މިނެޓުގައެވެ.