އުގެއިލްގެ "ފޭސް އޭޖިން" ސޮފްޓްވެއާ އެފަދަ އެހެން ސޮފްޓުވެއާތަކަށްވުރެ ކުރީގައި

އުގެއިލްގެ ސޮފްޓުވެއާ: ޓެސްޓުތަކުން ވަނީ އެއީ އެފަދަ އެހެން ސޮފްޓްވެއާތަކާ އަޅާ ބަލާއިރު މާ ފުރިހަމަ ސޮފްޓްވެއާއެއް ކަން ދައްކާފައި--

ދިވެހި ސައިންޓިސްޓު، ޕްރޮފެސަރު ހަސަން އުގައިލް ވަނީ ޅަ އުމުރުގެ ފޮޓޯއެއް ބޭނުންކޮށްގެން، އެކުއްޖާ އުމުރުން ދުވަސްވުމުން ހުންނާނެ ގޮތް ދައްކުވައިދޭ ސޮފްޓްވެއާއެއް އުފައްދަވާފަ އެވެ. އަދި އެސޮފްޓްވެއާގެ އެންމެ ފަހުގެ ޓެސްޓުން ވަނީ އެއީ އެފަދަ އެހެން ސޮފްޓްވެއާތަކާ އަޅާ ބަލާއިރު މާ ފުރިހަމަ ސޮފްޓްވެއާއެއް ކަން ދައްކާފަ އެވެ.

ްޕްރޮފެސަރު އުގައިލް އިސްކޮށް ހުންނަވާ ސައިންސުވެރިންގެ ޓީމަކުން އުފެއްދި އެސޮފްޓްވެއާ މަސައްކަތް ކުރާ ގޮތަކީ ކުޑަ ކުއްޖެއްގެ މޫނުގެ ފޮޓޯއެއް ބޭނުންކޮށްގެން، އެކުއްޖާގެ ކޮލާއި، އަނގަ އާއި ނިއްކުރި ފަދަ މުހިއްމު ސިފަތައް ބަލައި، ކޮމްޕިއުޓާ އަލްގޮރިދަމްއެއް ބޭނުންކޮށްގެން އެކުއްޖަކު އުމުރުން ދުވަސްވުމުން ހުންނާނެ ސިފަތައް ފޮޓޯއެއްގެ ގޮތުގައި ދެއްކުމެވެ.

އުގެއިލްގެ ސޮފްޓުވެއާ: ޓެސްޓުތަކުން ވަނީ އެއީ އެފަދަ އެހެން ސޮފްޓްވެއާތަކާ އަޅާ ބަލާއިރު މާ ފުރިހަމަ ސޮފްޓްވެއާއެއް ކަން ދައްކާފައި--

މިފަދަ އެހެން ސޮފްޓްވެއާތައް މީގެ ކުރިން އުފައްދާފައިވީ ނަމަވެސް ޕްރޮފެސަރު އުގައިލްގެ ސޮފްޓްވެއާގެ ހާއްސަ ކަމަކީ އޭގައި ބޭނުން ކުރާ އަލްގޮރިދަމް އަށް އިންސާނުން އުމުރުން ދުވަސްވުމުން މޫނުގެ ސިފައަށް އަންނަ ބަދަލުތައް 'ދަސްކޮށްދީފައި' ވުން ކަމަށް ޕްރޮފެސަރު އުގައިލްއާ ހަވާލާދީ ޑެއިލީ މެއިލްގައިވެ އެވެ.

އެގޮތުން އެސޮފްޓްވެއާގައި ބޭނުން ކުރާ އަލްގޮރިދަމް އަށް ވަނީ ތަފާތު އުމުރުގެ، ތަފާތު ނަސްލުތަކާއި ޖިންސުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުންގެ މޫނުގެ ޑޭޓާ 'ފީޑް' ކޮށްފައި ކަމަށް ޕްރޮފެސަރު އުގައިލް ވިދާޅުވެފައިވެ އެވެ. އަދި ކުއްޖަކު އުމުރުން ދުވަސްވުމުން ހުންނާނެ ގޮތް ބަލާ އިރު، އެކުއްޖާގެ އާއިލާގެ މެމްބަރުންގެ މައުލޫމާތު ލިބިފައިވާ ނަމަ އެމައުލޫމާތުވެސް ބޭނުން ކުރެވޭ ގޮތް ހަދާފައިވާ ކަމަށް ޑެއިލީ މެއިލްގައިވެ އެވެ.

ޕްރޮފެސަރު އުގައިލް ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ކުރީގެ 'ފޭޝަލް އޭޖިން' ސޮފްޓްވެއާތަކަށް ވުރެ އެ އާސޮފްޓްވެއާއިން ދައްކާ ނަތީޖާ އަސްލާ މާ އެއްގޮތް ވާނެ އެވެ.

އެ ސޮފްޓްވެއާ ޓެސްޓު ކުރުމަށް ސައިންސުވެރިން ވަނީ 'ޑީ-އޭޖިން' ކިޔާ މެތަޑެއް ބޭނުންކޮށްފަ އެވެ. އޭގެއިން ދައްކުވައިދޭނީ ދުވަސްވެފައި ހުންނަ މީހަކު އެއަށް ވުރެ ޅަ އުމުރުގައި ހުންނާނެ ގޮތެވެ. އަދި އެ މީހެއްގެ ޅަ އުމުރުގެ އަސްލު ފޮޓޯއަކާއި ސޮފްޓްވެއާއިން އުފެއްދި ފޮޓޯއާ އަޅާ ކިޔުމުން، އެސޮފްޓްވެއާއިން ދައްކުވައިދެނީ ރަނގަޅު ސިފަތައްތޯ އެނގިގެންދާނެ އެވެ.

ޕްރޮފެސަރު އުގައިލްގެ ސޮފްޓްވެއާ ޓެސްޓު ކުރުމުގެ ގޮތުން ބޭނުން ކުރި ފޮޓޯއަކީ 1991 ވަނަ އަހަރު، އުމުރުން އެންމެ 21 މަހުގައި ގްރީސް އިން ގެއްލުނު ބެން ނީދަމް ކިޔާ ކުއްޖެއްގެ ފޮޓޯއެކެވެ.

ޕްރެފެސާ އުގެއިލް:

ބެން އަދިވެސް ހޯދިފައި ނުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ވަނީ ބެން އުމުރުން 11 އަދި 14 އަހަރާ ދެމެދުގަޔާއި، 17 އަހަރާއި 20 އަހަރާ ދެމެދުގަޔާއި، 20 އަހަރާއި 22 އަހަރާ ދެމެދުގައި ހުންނާނެ ގޮތުގެ ފޮޓޯތަކެއް އުފައްދާފަ އެވެ.

އަދި ޕްރޮފެސަރު އުގައިލްގެ ސޮފްޓްވެއާ އިން ވަނީ ބެން އުމުރުން ހަ އަހަރާއި، 14 އަހަރާއި، 22 އަހަރުގައި ހުންނާނެ ގޮތުގެ ފޮޓޯތަކެއް އުފައްދާފަ އެވެ. އެފޮޓޯތަކާ އަޅާ ބަލާއިރު ކުރީގެ ތަހުގީގުތަކުން އުފައްދާފައިވާ ފޮޓޯތައް ވަރަށް ތަފާތު ކަމަށް ސައިންސުވެރިންނަށް ފާހަގަ ކުރެވުނެވެ.

އަދި ޑީ-އޭޖިން މެތަޑް ބޭނުންކޮށްގެން ކުރީގެ ތަހުގީގުތަކުން އުފެއްދި ފޮޓޯތަކާއި، ޕްރޮފެސަރު އުގައިލްގެ ސޮފްޓްވެއާ އިން އުފެއްދި ފޮޓޯ އަޅާ ކިޔުމުން އެނގިގެން ދިޔައީ، ބެންގެ ކުޑައިރުގެ އޮރިޖިނަލް ފޮޓޯއާ ބޮޑަށް ވައްތަރީ ޕްރޮފެސަރު އުގައިލްގެ ސޮފްޓްވެއާ އިން އުފެއްދި ފޮޓޯކަމަށެވެ.

ޕްރޮފެސަރު އުގެއިލް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު އިނގިރޭސިވިލާތުން އެކަނިވެސް 300،000 މީހުން ގެއްލެ އެވެ. އަދި އެއީ ގެއްލިފައިވާ މީހުން ހޯދުމަށް ބޭނުން ކުރާ ގޮތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޕްރޮފެސަރުގެ ޓީމަށް ހިތްވަރު ލިބުނު އެއް ސަބަބުން ކަމަށް ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.

ޕްރޮފެސަރު އުގައިލް ވިދާޅުވި ގޮތުގައި ފުލުހުން ފަދަ ކަމާ ބެހޭ ފަރާތްތަކުން ދަނީ ގެއްލިފައިވާ ކުޑަކުދިން ހޯދުމަށް މިހާރުވެސް އެސޮފްޓްވެއާ ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް