މަހުޖަނު އެލޮން މަސްކްގެ ނިއުރަލިންކް ކުންފުނީގެ ބްރެއިން ޗިޕް، ދެވަނަ މީހަކަށް އިމްޕްލާންޓް ކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭއިން ދީފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން، ނިއުރަލިންކްގެ ބްރެއިން ޗިޕް ދެވަނަ މީހެއްގެ ގައިގައި އިމްޕްލާންޓް ކުރުމުގެ ހުއްދަ ދީފައި މިވަނީ މި އިމްޕްލާންޓް ހެދި ފުރަތަމަ ޕޭޝަންޓަށް ދިމާވި މައްސަލަތަކަށް އެ ކުންފުނިން ހައްލުތަކެއް ހުށަހެޅުމުން ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެއެވެ.
ރޮއިޓާސް އިން މިދިޔަ ހަފުތާގައި ރިޕޯޓުކުރި ގޮތުގައި، އެ ކުންފުނީގެ ފުރަތަމަ ޕޭޝަންޓުގެ ސިކުނޑީގެ ތެރޭގައި ހުރި ކުދި ކުދި ވަޔަރުތަކަށް ދިމާވި މައްސަލައަކީ އެލޮން މަސްކް ކުންފުންޏަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.
އެހެންކަމުން ޑިވައިސްގެ ބައެއް ވަޔަރުތައް ސިކުނޑީގެ އަޑިއަށް އެމްބެޑްކޮށްގެން މައްސަލަ ހައްލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑަބްލިއުއެސްޖޭގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކުންފުންޏާ ގުޅުން ހުރި މީހަކާއި އެ ކުންފުނިން ބެލި ލިޔުމަކާ ހަވާލާދީފައެވެ.
މިކަމާ ގުޅިގެން ނިއުރަލިންކް އާއި އެފްޑީއޭއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނިއުރަލިންކުން ފުރަތަމަ ފަހަރަށް އިންސާނެއްގެ ގައިގައި ވަޔަލެސް ބްރެއިން ޗިޕެއް އިމްޕްލާންޓް ކުރީ މި އަހަރުގެ ކުރީކޮޅުއެވެ. މި ބޮޑު ކުރިއެރުން މަސްކް ހާމަކުރެއްވީ ޖެނުއަރީ މަހުގެ 29ވަނަ ދުވަހު އެކްސްގައި ކޮށްފައިވާ ޕޯސްޓުތަކަކުންނެވެ.
އިމްޕްލާންޓޭބަލް ބްރެއިން-ކޮމްޕިއުޓާ އިންޓަފޭސް (ބީސީއައި) އުފެއްދުމުގެ މަސައްކަތް ނިއުރަލިންކުން އަންނަނީ ކުރަމުންނެވެ.
މިދިޔަ އަހަރުގެ މެއި މަހު އެ ކުންފުންޏަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހިއުމަން ޓްރަޔަލްތައް ކުރިއަށް ގެންދަން ހުއްދަ ލިބުނެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިއުރޯޓެކްނޮލޮޖީ ފާމުން ވަނީ ހިއުމަން ޓްރަޔަލް ރެކްރޫޓްކުރުމުގެ މަސައްކަތް ފަށާފައެވެ.
މިދިޔަ ފެބްރުއަރީ މަހު މަސްކް ވިދާޅުވީ، ނިއުރަލިންކުން ބްރެއިން-ޗިޕެއް އިމްޕްލާންޓް ކުރި ފުރަތަމަ އިންސާނީ ޕޭޝަންޓު މުޅިން ރަނގަޅުވެފައިވާ ކަމަށް ފެންނަ ކަމަށާއި އެ މީހުންގެ ވިސްނުން ބޭނުންކޮށްގެން ކޮމްޕިއުޓަރު މައުސް އެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ނިއުރަލިންކް އިން ވަނީ އެ ކުންފުނީގެ ފުރަތަމަ ޕޭޝަންޓް ޗިޕްގެ އެހީގައި އޭނާގެ ވިސްނުން ބޭނުންކޮށްގެން އޮންލައިން ޗެސް ކުޅޭތަން ވެސް ދައްކާލައިފައެވެ.
މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ޖަނަވާރުންގެ ގިނަ ޓެސްޓުތަކެއް ހަދައި، ކާމިޔާބީގެ ރޭޓް ބޮޑު ކަމަށް ބުނެފައެވެ.
ކާމިޔާބު ބްރެއިން ޗިޕް އިމްޕްލާންޓެއް ހެދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ނަމަވެސް މި ޕްރޮޑަކްޓްގެ ކާމިޔާބީ ދެނެގަނެވޭނީ ދިގު މުއްދަތަކަށް ހުންނާނެހެން މިކަން ކުރެވި، ސައިޑް އިފެކްޓްތައް ނައްތާލެވިގެން ކަމަށް އެކުންފުނިން ބުނެއެވެ.