ތެލުން ނަގާ ޑިއުޓީ ކުޑަކުރާ އިސްލާހު ހޯމަ ދުވަހުގެ ކުރިން ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް

ރާއްޖެ އެތެރެކުރާ ތެލުން ނަގާ ޑިއުޓީ ކުޑަކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހު ހޯމަ ދުވަހުގެ ކުރިން ނިންމަން ފާސްކޮށް އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވާގޮތުން މީގެ ކުރިން ތެލުގެ ބާވަތްތަކުން ނަގަމުން ދިޔަ 10 ޕަސެންޓް ޑިއުޓީ އެ އިސްލާހާ އެކު ފަސް ޕަސެންޓަށް ކުޑަވެެގެންދާނެ އެވެ.

އެބިލާ ބެހޭ ގޮތުން މިއަދު ބޭއްވި މުޅީ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ހޯމަދުވަހުގެ ކުރިން އެ ބިލުގެ މަސައްކަތް ނިންމަން ފާސްކޮށްފައި ވަނީ 37 މެމްބަރުންގެ ތާއީދާ އެކު އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން ވެސް ވަނީ އިސްލާހަށް ތާއީދު ކުރައްވާފަ އެވެ. އަދި ހުށަހަޅުއްވާފައި ވަނީ ތެލުން ނަގާ ޑިއުޓީ ސުން ޕަސެންޓަށް ކުޑަކުރުމަށެވެ.

މީގެ ކުރިން ގާނޫނުގައި ބުނެފައި ވަނީ ޑީސަލް އަދި ޕެޓްރޯލުން ނަގާނީ 10 ޕަސެންޓް ޑިއުޓީ ކަމަށެވެ. ނަމަވެސް އެ އިސްލާހު ފާސްވެއްޖެ ނަމަ އެ ބާވަތްތަކުން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަވެގެން ދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް