ރޫޖެހިފައިވާ އެނދުމަތީގެ ބެޑްޝީޓް އެއްވަރުކޮށްލުމަށްފަހު މަޑުމަޑުން ދުވެލާފައިގޮސް ޝާއިނާ ވިލުނޫކުލައިގެ ދޮރުފޮތިގަނޑު އެއްފަރާތަކަށް ކަހާލީ ޖެހެމުންދިޔަ ފިނި ވައިރޯޅި ބާރުވާހެން ހީވުމުންނެވެ. ހިތްނަށާލި ކަހަލަ އިހުސާސެއް ކުރެވުނީ ފެނުނު ހިތްގައިމު މަންޒަރުންނެވެ. އަތްމަތި ހަލުވިކޮށްލާފައި ދޮރުގެ ތަންޑު ނެއްޓުވުނު ގޮތެއްވެސް ނޭނގުނެވެ. ބޯއަރިކޮށްލާފައި އުޑުމައްޗަށް އަވަސްނަޒަރެއް ހިންގާލެވުނެވެ. ގުޅަޖެހިފައިވާ ކަޅުވިލާތަކުން މުޅި އުދަރެސް ބައްދާލާފައިވާއިރު ދުނިޔެމައްޗަށްވަނީ ޒާތެއްގެ އަނދިރިކަމެއް ވެރިވެފައެވެ. ޖެހެމުންދިޔަ ވައިރޯޅި ހިނދެއް ހިނދަކަށް ބާރުވަމުން އައިސް ޝާއިނާގެ ހަން އޮމާން މޫނުގައި ބީހިލުމާއި އެކު އެ ކުރެވުނު ފޮނި އިހުސާސަކުން ދެލޯމަރާލެވުނީ އިހުތިޔާރުން ބޭރުގައެވެ.
" ކަނބުލޯ ކިތައްވަނަ އުޑުގައިތަ؟ "
އިވުނު ފިރިހެންވަންތަ ބަރު އަޑުން ގެނުވި ކުއްލި ސިހުމާއިއެކު ޝާއިނާއަށް އަވަސް އަވަހަށް ވަށައިގެން ހޯދާލެވުނެވެ. މާ ދުރުނޫން ހިސާބެއްގައި އޭނާގެ ހަރަކާތްތަކަށް ފާރަލާން މީހަކު ހުރިކަމެއް ރެޔަކާލީ ދެނެވެ. ގަތްލަދާ އެކު އިސްޖަހާލެވުނީ ކުށްވެރިޔަކު ފަދައިންނެވެ. ޝާއިނާގެ ހަރަކާތްތަކަށްއައި ބަދަލާއެކު އެ ދޮން ކޯތާފަތަށް ވެރިވި މައުސޫމް ކުލަވަރުން އެ ފިރިހެނާ ރަކި ފާޑަކަށް ހީލި އަޑު އިވުނެވެ. އަވަސްއަރުވާލާފައި ދޮރު ލެއްޕުނުލެއް ބާރުކަމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދޮރުފޮތިގަނޑުގައި ހިފާ ދަމާލަން އުޅުނު އަތަށް ހުއްޓުންއެރީ އެޒުވާނާގެ މޫނު ދުށުމަށް ހިތްދެމުންދިޔަ އިންޒާރެއްގެ ވަރުގަދަ ކަމުންނެވެ. ދެލޯ ހަނިކޮށްލައިގެން ކަތި ނަޒަރަކުން ބަލަން ހުރި ޒުވާނާ ފެނުމުން ތަފާތު ވިންދެއް ހިތުގައި ޖެހިހެން ހީވިއެވެ. އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާ ނޫކުލައިގެ ގަމީހުގެ އަތުކުރީން ހާމަވެފައިވާ މުލައްދަނޑީގެ ވަރުގަދަކަން ފާޅުވޭވޭހުއްޓެވެ. ތެޅިގަލުގެ ފާރުގައި އެއްފައި ވިއްދާލައިގެން ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރިއިރު ވަރަށް ހުވަފެނީ ގޮތެއް ހުއްޓެވެ. މާހައުލަށް ވެރިވެފައިވީ ފިނިކަމާއެކު މުށިކުލައިގެ ހަތަރެސްކަން މޫނުން ތާޒާކަން ފާޅުވޭވޭ ހުއްޓެވެ. ބޮލުގެ ދެފަރާތުން މެދަށް، މައްޗަށް ރާޅެއްހެން ހިއްލާލާފައިވާ ކަޅު، ފަން، ވަރުގަދަ އިސްތަށިގަނޑުން ޒަމާނަށް ލޯބިކުރާކަން އެނގެއެވެ.
"ޝާއިނާ! ނަމާދަށޭކިޔާފައި އައިސް ނިދީދޯ؟ މިހާރު އެހެރަ ހަތަރުގަޑި ބައިވީ... މީ ދެން ވަރުގަދަކަމެއް. މިހާރު ނުކުމޭ ސައި ހަދަން. އަދި އެހެރީ ހިއްކަން އެޅި ކުޑަސޮރުގެ އެއްޗެހިތައް ނުނަގާ. ދުވަހަކުވެސް ބުނާކަމެއް ނުވާނެ." ރުޅިވެރި ރާގެއްގައި ފަތިވަރު އަމުނާލާފައި ޒާހިދާ ބުންކަނޑާފައި މައިގޭތެރެއަށް ވަނެވެ. އެއީ އޭނާގެ އާދައެވެ. ޒީލަވަރުގަދަ އަންހެނެކެވެ. ޝާއިނާ ހަރުކޮށް ހިނގާފައިގޮސް ކޮޓަރި ދޮރު ހުޅުވިއިރު ޒާހިދާގޮސް އޮބާލަނީއެވެ.
ކަޅުބުރުގާ ބޮލަށް ހެޔޮވަރު ކޮށްލުމަށްފަހު ގޭތެރެއަށް ނުކުތީ އާދައިގެމަތިން ގޭތެރޭގެ ކަންކަން ފުރިހަމަ ކޮށްލުމަށެވެ. އުމުރުން 22 އަހަރުވީއިރު ޝާއިނާއަކީ އެއުމުރުގެ އެހެން ކުދިންނާ ވަރަށް ތަފާތު ކުއްޖެކެވެ. ލަދުރަކި ހިތްހެޔޮ، މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އުމުރުން ހަތްއަހަރުގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި އޭނާގެ މައިންބަފައިން ދުނިޔެ ދޫކުރުން ވެގެން ދިޔައީ ޝާއިނާގެ ރީތި ދިރިއުޅުން ނަރަކައަކަށްވެގެން ދިއުންފަދަ ކަމަކަށެވެ. ޝާއިނާގެ ބަލަދު އެރީ އޭނާގެ ދޮއްޓަށް ހުރި ހަމައެކަނި ބޭބެ ޖައުސް އަށެވެ. ކޮޅުކޮޅު ދައްކާފައިވެސް ބޭބެ ޝާއިނާއާއި ހަވާލުވީ ބައްޕަގެ ބޮޑު ގޯތީގެ ދަހިވެތިކަން ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. ބޭބެއަކީ ދަހިވެތިކަން ބޮޑުވެގެންގޮސް ދުނިޔޭގައި ދަތްއަޅަންވެސް ފަސްނުޖެހޭ ޒާތެއްގެ މީހެކެވެ. ބޭބެމެންނާއެކު އެބޯޖަންގަލީގައި 15 އަހަރު ހޭދަކުރެވުނުއިރު އެދިރިއުޅުމަށް ޝާއިނާވަނީ އާދަވެފައެވެ. ދައްތަގެ ރުޅިވެރި ބަސްތަކެވެ. ބޭބެގެ ރުންކުރު މިޒާޖެވެ. ދުވަހަކުވެސް މަންޒަރު ބަދަލެއްނުވެއެވެ. އޯލެވެލްގެ ފުރިހަމަ ނަތިޖާ އަތަށްއެރުމުން އުފަލުން ފޮޅެމުން ގެއަށްއައިސް އިތުރަށް ކިޔަވަން ބޭނުންވާ ވާހަކަ ބުނުމުން ކަންފަތަށް ވިރުވާއަޅާލި ހިތްދަތި ޖުމުލަތައް ދެންމެ އިވުނު ބަސްތަކެއްހެން އަދިވެސް ކަންފަތުގައި ހަރުލާފައިވެއެވެ.
" ކޮން ކިޔެވުމެއް؟ އަންހެންކުދިން ތިބެންޖެހޭނީ ގޭގާ. އަނެއްކާ އިތުރު ހަރަދެއް. މަށަކަށް ނުވާނެ. މިހާރުވެސް މިއުޅެނީ ދެކޮޅު ނުޖެހިގެން. ތިވާހަކަ އިތުރަށްދެން ދައްކައިގެން ނުވާނެ."
ލިބުނު ހިތްދަތިކަން ހިތުގެ އެންމެ ފުނަށް އޮއްބާލުމަށްފަހު ހިމޭންކަން އިހުތިޔާރު ކުރަން ޖެހުނީ އެނޫން އެހެންގޮތެއް ނެތުމުންނެވެ. މާދަމާ ރަނގަޅު ދުވަހެއް ފެނިދާނެ ކަމަށް ކުރަމުންއައި އުންމީދު އަދިވެސްވަނީ ހަމަ އުންމީދެއްގެ ގޮތުގައެވެ. މައިންބަފައިންގެ ގޭގައި އުޅެންޖެހިފައިވަނީ ބައެއްގެ ޝިކާރައަކަށް ވެގެންނެވެ. އެގޮތަށްވެސް ރުހިގެން ހުރެވުނީ އެއްބަނޑު އެއްބަފާ ބޭބެއަށް ވުމުންނެވެ. އެ ގުޅުމަށްކުރާ ގަދަރެއްގެ ބޮޑުކަމުންނެވެ.
ކޮތަރު ބައިގަނޑެއްހެން ގޭތެރެއަށް ޖަމާވެފައިވާ ޒާހިދާގެ ރައްޓެހިންނަށް ސައި ތައްޔާރުކުރުމަށްފަހު ބޭރު ރޯނުގައި ހިއްކަން އަޅާފައިވާ އާޔަންގެ ހެދުންތައް ނެގުމަށް ބޭރަށް އަޅާލި ފިޔަވަޅާއިއެކު އާދަޔާހިލާފު ފިނިކަމެއް އިހުސާސްކުރެވުނީ އެފައިތިލައިގާ ބީހުނު ބޮޑުތިކި ވާރޭގެ ސަބަބުންނެވެ. އަތްމަތި ހަލުވިކޮށްލާފައި އެއްޗެހިތައް ނަގައި ގުޅައަކަށް ވަށިގަނޑުތެރެއަށް ގަންނަވާލުމަށްފަހު ބާރު ހިނގުމެއްގައިގޮސް ދޮރޯށިން އެތެރެކުރި ފިޔަވަޅު ބޭރުކުރަން ޖެހުނީ އިވުނު ހިތްގައިމު އަޑަކުންނެވެ. އެއީ ހަމަ އެ އަޑެވެ. އެފިރިހެންވަންތަ ބަރުއަޑެވެ. ހިނދުކޮޅަކަށް ނަމަވެސް ޝާއިނާގެ އެ ޖިސްމު މަސްހުނި ހިޔާލުތަކެއްގައި ބަނދެލި ފިރިހެނާގެ އަޑެވެ.
[ ޝާއިނާ... މަޑުކޮށްބަލަ! ]
މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ސިއްރުނުކުރެވުނީ ފެނިދެނިވެ ނޫޅޭމީހަކު ޝާއިނާގެ ނަމުން ގޮވާލުމުންނެވެ. އެހެންވިޔަސް ހެޔޮތާއެވެ. ޝާއިނާ ދުނިޔޭގައި ހުރިކަން ދަންނަ ފިރިހެނަކުވެސް ހުރީތާއެވެ.
ކުރެވުނު ފޮނި އިހުސާސަކުން ހިތުގައި ދުވެލި އުފާވެރިކަމުގެ ރާޅުބާނީގެ އަސަރު ފާޅުވީ އެތުނި މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި ކުޅެލި ލޯބިވެތި ހިނިތުން ވުމަކުންނެވެ. އެއްޗެހި އެޅި ވަށިގަނޑު ވިއްސާރައިން ހިމާޔަތް ކުރުމަށްފަހު ފަސްއެނބުރި ބަލާލެވުނީ ހަމަ ހިތަށް ކެތްނުވެގެންނެވެ. ކަޅުކަންގަދަ ދިގު އެސްފިޔަތަކުގެ ނިވަލުން ފާޅުވާންހުރި މަޑު ރަތްކުލައެއްވެރިވެފައިވި ދެލޮލުގެ އަޅިކަންގަދަ ކަޅިއާއި ޝާއިނާގެ ނަޒަރު ސީދާވި ހިނދު އާއިހުސާސްތަކެއް ހިތުގައި އުތުރި އަރަން ފެށިއެވެ. މުޅި މާހައުލު ފުސްވެފައިވާ ކަހަލައެވެ. ފުސްކަމުގެތެރެއިން ސިފަވަނީ ހަމައެކަނި އެސޫރައެވެ. ހާދަ އިޝްގީ ބެލުމެކެވެ. ހިތްދަމައިގަންނަ ބާރެއް އެނަޒަރުގައިވާ ކަހަލައެވެ. އެތޫނު ދެލޮލުން ފޮނުވި ތީރުތައް ދިފާއުކުރުމަށް ނުކުޅެދިއްޖެކަންއިހުސާސް ކުރެވުނީ ދެނެވެ. ޝާއިނާ ހަމަރަނގަޅަށްވެސް ރަކި ވެއްޖެއެވެ.
[ އީތަން ކިޔަނީ... މިއީ ވަރަށް ބުރަމަސައްކަތުން ހޯދުނު ފުރުސަތެއް..ގެއިން ނިކުތުން މަނައީތަ؟ ] އަމިއްލައަށް ވީ ތަޢާރަފު އީތަންއަށް ނިންމާލެވުނީ ސުވާލަކުންނެވެ.
[ނަންވެސް ހާދަ ރީއްޗޭ.. މިއީ އަނެއްކާ ފެންނަ ހުވަފެނެއްބާ؟ ] އެލަފުޒުތައް އަތުރާލެވުނީ ޝާއިނާގެ ހިތުގައެވެ. ވާނީވެސް އެހެންތާއެވެ. އަލަށް ދިމާވި މީހެއްގެ ކުރިމައްޗަށް ހިތް ބަންޑުންކޮށްލާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ކުރިމައްޗަށް އެރުމަކީވެސް ހާދަ ހިތްވަރެކެވެ.
[ކިހިނެއްވީ އެއްޗެކޭނުބުނީ؟] ކެތްތެރިކަން ކޮޅުންލީ އީތަންގެ އެވެ. ހަމަ ނުހުރެވުނީއެވެ.
[ކަމެއް...ނުވޭ] އަޅައަޅައިގަންނަމުން ޝާއިނާއަށް ބުނެވުނީ އެހާވަރަށެވެ. ލިބުނު ކާމިޔާބުން އީތަންއަށް ހިނިތުން ވެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާގެ ކުރިމަތިން ލަދުމަލެއް ފެންނަކަހަލައެވެ. ބެލިވަރަކަށް މޯޅިވަނީއެވެ. ހާދަ އަންހެން ވަންތަ ސިފައެކެވެ.
[އެއްދުވަހަކު އަތިރިމަތީ ކުޑަކުއްޖަކު ގޮވައިގެން ހުއްޓާ އެންމެ ފުރަތަމަ ފެނުނީ. އޭގެ ފަހުން މިހާރު ބަރާބަރު ތިން ހަފުތާ މިވީ. ކޮންމެ ދުވަހަކު މިތާ މުގޯލި އަޅައަޅާ މިހުންނަނީ. ހަމަ ވާހަކަ ދައްކާލާހިތުން] ލިބުނު ހަނި ފުރުސަތުގެ ބޭނުން ވީހާވެސް ރަނގަޅަކަށް ހިފޭތޯ އީތަން މަސައްކަތް ކުރިއެވެ.
[އަހަރެން އަރާކާއެއްޗެއްހެން ސިފަވާތީތަ ތިހެން ތިހުރީ؟] އީތަންއަށް އުނދަގޫކުރުވީ ޝާއިނާގެ ހަމަހިމޭން ކަމެވެ.
ދިގަށްދެމިގެން ދިޔަ ތުންފަތުން އެ މޫނަށް ގެނުވި މޫރިތި ކުލަވަރުން އީތަންއަށް އެހެންތަނެއް ބެލޭގޮތެއް ނުވިއެވެ.
ތުނިތުނިކޮށް ކަނިލަމުންދިޔަ ވާރޭ ދިޔައީ ބޯކުރަމުންނެވެ. މިނިވަންކަމާއިއެކު ވައިގެތެރޭ އުދުހެމުންދިޔަ ބުރުގަލުގެ ކަންގަނޑު މައިތިރި ކުރަން ޖެހުނީ ޝާއިނާގެ ހިމަހޯލި އިނގިލިތަކުންނެވެ. މަޑުތުރުތުރެއް ހަށިގަނޑުގައި އުފައްދާފައިވަނީ ތަނަށް ވެރިވެފައިވީ އާދަޔާޚިލާފު ފިނިކަމެވެ. އީތަންގެ ލަސްފިޔަވަޅުތަކުގެ މިސްރާބު ހުރީ ސީދާ
ޝާއިނާއާ ދިމާއަށެވެ. ވީޖެހިލުމަކުން އަވަސް އަވަހަށް ފަހަތަށް އެޅުނު ދެތިން ފިޔަވަޅާއެކު ކައްސާލައިގެންދިޔަ މީހާ ހަމައަކަށް އެޅުނީ އެއްލި އަތުން ހިފުނު އީތަންގެ ބާރުގަދަ އަތްތިލައިގެ ސަބަބުންނެވެ. ތަފާތު ޖަޒުބާތެއް ހިތުގައި އުފަންވީ އެއަތްތިލައިންވީ އާދަޔާޚިލާފު ހޫނަކުންނެވެ. ހަތަރުކަޅި ހަމަވީ ވަގުތު ލާންއުޅުނު ނޭވާވެސް އެތެރެހަށީގައި ތާށި ވިހެން ހީވިއެވެ. ހަދާނެގޮތެއް ނުވިސްނުނެވެ.ފާޑަކަށް ހުއްޓުން އަރާފައި ދެމީހުންނަށްވެސް ތިބެވުނީ ބަސް ހުއްޓިފައެވެ.
ވެހެމުންދިޔަ ވާރޭގެ ތިކިތައް އެއްވެސް ރަހުމެއްނެތި ޝާއިނާގެ އޮމާން ކޯތާފަތުގައި ރޮނގުލާފައި އަޅައިގެންހުރި ބުރުގަލުގެ ތެރެއަށް އޮބިގެންދެއެވެ. އީތަންއަށް ހަސަދަވެރި ވެވުނެވެ. އޭނާއަށް ނުލިބުނު ޝަރަފެއް އެ ވާރޭތިކިތައް ހޯދުމުންނެވެ. ވިއްސާރަގަނޑަކަށް ވާނެނަމައޭ އެވަގުތު ހިތަށް އެރިއެވެ.
[ވާ..ވާ..ވާ.. މިހިރަ ކަންތައްގަނޑެއް. ކޮންފިލުމެއްގެ ޝޫޓިންނެއް؟ ގޮތްކުޑަ އަންހެނާ! މިހާރު ގެއަށް ވަދޭ! ތަނަކުން ފިރިހެނަކު ފެންނައިރަށް ހެޔަށްގޮތްވެފާ.. ޕިސް...ޕިސް..] ކަންފަތުގެ ހިނދުރި ވިރުވާލިފަދަ ވިހަގަދަ ޖުމުލަތަކެއް ޒާހިދާގެ އެނުބައި ދުލުން ބޭރުކޮށްލީ ރުޅިވެރިކަމާއި އެކުގައެވެ. އީތަންގެ އިނގިލިތަކާއި ލާމެހިފައިވާ ޝާއިނާގެ އަތްތިލަ ދަމައިގަނެވުނީކުއްލިއަކަށެވެ. ބިރުގަނެފައިވާލެއްވެސް ވަކިން ކުޑައެއްނޫނެވެ. ލަދުގަތްލެއް ބޮޑުކަމުން އިސްޖަހާލެވުނީއެވެ.
އަލަށް ހިތްދީލާލި މީހާގެ ކުރިމަތީގައި މިފަދަ ގޮތަކަށް ބޭޒާރުވެދާނެއެކޭ ހިތަކަށްވެސް ނާރައެވެ. މޫނުމަތި މިލާމޯޅިވީ ވީދެރައަކުންނެވެ. ދައްތައާމެދު ފުރަތަމަ ފަހަރަށް ހިތުގައި ޝަކުވާ އުފެދުނީ އެވަގުތުއެވެ. ހިތް ކިލަނބުވީއެވެ. މީހުންގެ ކުރިމަތީގައި ޝާއިނާނިކަމެތިކޮށްލުމުން ދައްތައަށް ހާދަހާ އުފަލެއް ލިބެއެވެ. ހިތުގައި އުފެދުނު މަޑު ރިހުމާއިއެކު ގެއަށްވަންނަން ހިނގައިގަނެވުނެވެ.
[ޝާއިނާ] ހައިރާންކަން އެކުލެވިގެންވީ އަޑަކުން އީތަންއަށް ގޮވާލެވުނީ ވަރަށް އަސަރާއެކުގައެވެ.
[އީތަން.. އަނެއްކާވެސްތަ؟ އަހަރެންގެ ހިތް އިތުރަށް ދެން ނުތަޅުވާ.. އާދޭސްކޮށްފައި..] ވޭނީ ތުރުތުރަކާއިއެކު އެ ދެ ތުންފަތްދޭތެރެއިން އެލަފުޒުތައް ނުކުތި އީތަންގެ ހިތް ފިއްތާލާފައެވެ.
[ޝާއިނާގެ އަތުގައި..] އީތަންއަށް ބުނެވުނީ އެހިސާބަށެވެ.
[އީތަން ދެން އިހަށް މިތަނުން ދޭ. އެއީ މިވަގުތަށް އެންމެ ރަނގަޅުގޮތް.] ރޮވިފައިވާ ޝާއިނާއަށް ބޯހޫރާލުމަށްފަހު ދުއްވައިގަނެވުނީ ހިތަށްކޮށްފައިވާ ފުން އަސަރަކުންނެވެ.
[މިހާރުދެން އެ ތެޅެނީ ތެޅެންވި އެންމެ ފަހު ވައްތަރަށް. އަމާވެސް އުޅުނު ވައްތަރު ތޯއްޗެއް؟ ނާސިގަނޑު. ގޮތެއްފޮތެއް ނެތިގެން] ޒާހިދާ ގޮވެލިފަތި ގޮވައިގަތެވެ. އޭނާ ހުރީ ހަމައިން ނައްޓާފައެވެ. ލޮލަށް ބޮނޑިވެގަތް ކަރުނަތައް ތިރީރަވައަށް ކެތްނުވެގެން އެރަތްކަން އެކުލެވިފައިވި ކޯތާފަތުން ރޮނގުލާފައި ތިރިއަށް ފައިބައިގަތެވެ. ޝާއިނާގެ ހިތުގައި ޝަކުވާ އުފެދުނީ އޭނާގެ ލޯބިވާ މަންމައަށް އެފަދަ ހުތުރު ބަސްތަކެއް ރައްދުވުމުންނެވެ. ވައިސޫރިއެއްހެން ދައްތަގެ ކުރިމަތިން ކޮޓަރިއަށް އާދެވުނެވެ. ވީ ދެރައަކުންނެވެ. ދޮރުލައްޕާ ތަޅުލުމަށްފަހު އެދޮރުގެ
ނުފުށުގައި ލައްވެލައިގެން ހުރެ ބާރުބާރަށް ރޮވުނެވެ. އެހިތަށް ހާދަ އަސަރެއް ކޮށްފިއެވެ. ހިތްތައް ކުދިކުދިކޮށްލާފަދަ ވޭނީ ގިސްލުމެއްގެ އަޑުމުޅި ކޮޓަރިތެރޭ ގުގުމާފައިވެއެވެ. ކަމެއް ހަނދާންވެގެންޝާއިނާއަށް އޭނާގެ މުށްކެވިފައިވާ ކަނައަތަށް ނަޒަރު ހިންގާލެވުނެވެ. ހުދުކުލައިގެ ކާޑު ކޮޅެއްގައި ކަޅުދެލިން ލިޔެވިފައިވަނީ އީތަންގެ ނަމާއި ފޯނުނަންބަރެވެ. ކަރުނައިގެ ތެރެއިން އެތުންފަތަށް ހިނިތުންވުމެއްވެރިވީ އީތަން ހިތަށް ސިފަވުމުންނެވެ. މަޑުމަޑުން ހިނގާލާފައިގޮސް ތަރުތީބު ކުރެވިފައިވާ ރީތިވާމޭޒުމަތީ ކާޑުކޮޅު ބޭއްވުމަށްފަހު ފާހާނާއަށް ވަނީ ފެންވަރާލުމަށެވެ. 'ފެންޓަސީ' ގޭގެ ބޮޑުދޮރޯށިން ގެއަށްވަދެވޭގޮތަށް ގާއަތުރާފައިވާ ހަނިމަގުން ޖައުސް އާދައިގެ ހިނގުމެއްގައި ގޭތެރެއަށް ވަނެވެ. ހާމަފެންޑާގައި ހުރި ސޯފާގައިދެފައި ވަށްކޮށްލައިގެން ގަޑިގުނަން އިން ޒާހިދާއަކަށް ހިމޭނަކުން ނީނދެވުނެވެ. ކުޅަނދުރުހަތައެއްހެންހުރި މޫނުމަތިން ޒާހިދާގެ އާވިއަރަމުންދިޔަ ހިތް ޖައުސްއަކަށް ސިއްރެއް ނުވިއެވެ. އެތައްގުނައެއް އިތުރުކޮށް އޮލަކޮށް ކައްކާލި ވާހަކަގަނޑުން ޖައުސްގެ މޫނަށް ވެރިވި ކުލަވަރު ފެނި ކާމިޔާބުގެ ވަގު ހުނުމެއް ޒާހިދާގެ ތުންފަތަށް ވެރިވިއެވެ.
[މިހާރުމިއުޅޭ ކުދިން އުޅޭ ގޮތްދޯ... ޕިސް..ލަދުން ބޯފަޅައިގެންދާވަރުވޭ.] ނުރުހުންވުން ފާޅުވާންހުރި ޖައުސްގެ މޫނުމަތިފެނި ޒާހިދާ ޖެހުނީ އަމަށަކު ހިތްހަމަޖެހުމެއް ނޫނެވެ.
އިޝާނަމާދު ކޮށްލުމަށްފަހު ޝާއިނާ ކޮޓަރިން ނިކުތީ އަޅުކަމުން ލިބުނު ހިތްހަމަޖެހުމާއެކުގައެވެ. ބޭބެ އަންނަންވާއިރަށް ކާން ހަދާލުމުގެ ބޭނުމުގައެވެ. ޝާއިނާގެ ހިނގުމަށް މަޑުޖެހުމެއްއައީ ދައްތަގެ ދުލުން ޝާއިނާގެ ނަން ކިއި އަޑު އިވުނުހެން ހީވުމުންނެވެ.
[ޖައުސްއަށް އިނގޭތަ؟ އެޝާއިނާއާ އެއްކޮށް ގަނޑުގަންނަ ސޮރުގެ ރިޕޯޓު ނަގައިލައިފިން..އީތަން އެކޯ.. ޑޮކްޓަރުކަން ކިޔަވައިގެންނޯ އެއައީ. މަވެސް އެ ޒުބޭދާ ދަންނަން.. އެއީ ހައްސަދަރީންނާ ބަންގާޅިކޮށްޓެއް ގެންގުޅޭ މީހެއް. އަބަދު އުޅޭނީ ފިލަނިތައް ފަހަތުލައިގެން ފީކުކުޅެއްހެން.. ދެކޮޅު އެއްވަރު ފަންބޮނޑިއެއްހެން ހުންނަނީވެސް.] ޒާހިދާގެ މަލާމާތުގެ ހުނުމުގެ އަޑުއިވި ޝާއިނާގެ ހިތަށް ނުބައި ގޮތެއް ވިއެވެ.
[ އަދި އެނގޭތަ؟ ބަފާ ބަލިއެނދުގައި އޮންނަތާ 4 އަހަރޯ. ޕޯލިއޯ ޖެހިގެންނޯ..ތިންބަނޑަށް ދަރިން ތިބޭ.. އުޅުނު ގޮތުން ތޯއްޗެއް އެއޮތީ ނުތެދުވެވިފާ.. އެޝާއިނާއަށްވެސް ނޭނގުނު ވިއްޔާ ބޮޑުގޯއްޗެއް އޮތްމީހަކު ހޯދާކަށް. ޔަގީނޭ އެސޮރުވެސް އެއުޅެނީ މި ގެ ފެނިގެންކަން. ލާހިކެއްނޫން މިގެއަށް ފާވާކަށް.. ކުޅިދައްކާލާނަން... ގޮތެއް ރާވަމާ..] ވީދެރައަކުން ލޮލުން ނީރާލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ޝާއިނާ އެނބުރި ކޮޓަރިއަށް ދިޔައީ އީތަން އާ މެދު ހަމްދަރުދީ ވަމުންނެވެ.
ހަވީރު ވެހުނު ބޯވިއްސާރަގަނޑަށްފަހު މާހައުލަށްވަނީ ތެތްފިނިކަމެއް ވެރިވެފައެވެ. ވެރިވެފައިވީ މަރުފަދަ ހިމޭން ކަމާއިއެކު ގަސްތައްވެސް ހެލިލަން ބިރުންތިބިކަހަލައެވެ. ހުޅެވިހަނދުގެ އަލި ބިމަށް ފަތުރާލާފައިވީއިރު ދައުރު ކުރަމުންދިޔަ ފުސްވިލާކޮޅުތަކުން އެކަމަށް ނުފޫޒުފޯރުވަން އުޅޭކަހަލައެވެ. ބިއްލޫރި ކުޑަދޮރުން މާދުރަށް ކަޅިހުއްޓާލައިގެން ހުރި އީތަންއަށް އެއްވެސްކަމަކަށް ޝައުގުވެރިކަމެއް ނުދެވުނެވެ. ޝާއިނާގެ އެ ކުލަދޮން މޫނުން ފެނުނު ބިރުވެރިކަން އަދިވެސް ހިތަށް ސިފަވަނީއެވެ. އެތުނި ހަށިގަނޑަށް އީތަންގެ ބާރުގަދަ އަތުގެ ހިމާޔަތްދޭން ބޭނުންވަނީއެވެ. ފޯނުގެ ވައިބްރޭޓާއިއެކު ސިހިގެންދިޔަ އީތަން އަވަސްހަރަކާތަކާއިއެކު ފޯނަށް އައި މެސެޖު ކިޔާލިއެވެ. [މިއަދުވީ ކަންތަކަށް ވަރަށް ބޮޑަށް މަޢާފަށް އެދެން.]
މެސެޖުގެ ތިރީގައިވާ ޝާއިނާގެ ނަން ފެނި އީތަންގެ މޫނު އުޖާލާވެގެން ދިޔައީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. [މިދަނީ ތިގެ ކައިރިއަށް] އަމިއްލަ އެދުންއިސްކޮށް ފޮނުވާލި މެސެޖާއިއެކު އީތަން އަވަސްވެގަތީ ޝާއިނާގެ ގާތަށް ދިއުމަށެވެ. ލިބުނު ފުރުސަތުގެ ބެނުން ހިފަން ޝާއިނާ ބޭނުންވީ އޭނާގެ 22 އަހަރުވީ ދިރިއުޅުން ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. އުފާވެރިކަމުގެ އަޖުމަ ބަލާލަން އޭނާ ބޭނުންވީ އީތަން އާއެކުގައެވެ. ދިއްލިފައިވާ މޫނަކާއިއެކު އީތަން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއްއައީ އޭނާގެ ހިތުގެ ރާނީ އުދަރެހުން ފާޅުވުމުންނެވެ. ރަތްކުލައިގެ ބުރުގަލުގެ ތެރެއިން ފާޅުވާން ހުރި ޝާއިނާގެ ސާދާ މޫނުފެނި އީތަންގެ ހިތްހުއްޓޭވަރުވިއެވެ. ދުރުގައި ނުހުރެވުނު އީތަންއަށް ޝާއިނާގެ އެމަޑު އަތްތިލައިގައި ހިފާލެވުނީ މަސްތީ ކަމަކާއި އެކުގައެވެ.
ކޮޓަރީގައިހުރި 52 އިންޗި ޓީވީން ދައްކަމުން ދިޔަ ކުލަމަންޒަރަށް ނަފުސު ގަންބާލައިގެންއިން ޒާހިދާއަށް ހޭވެރިކަމެއްވީ ޖައުސް އައިސް ދިއްކޮށްލި ފޯނު ފެނުމުންނެވެ. [ނައީމު.. އަނެއްކާ ކިހިނެއްވީ؟]
[އޭތް.. އެއްކަލަ ސޮރު އެބަހުރި ތި ގެ ކައިރީ. ތިގޭ މަންޖެގެ އަތުގައި ހިފައިގެން ހުރީވެސް. ކިހިނެއް ހަދަންވީ؟] ގަހަކުން ފުންމާލި ރާމާމަކުނެއްހެން ޒާހިދާ އެނދުމަތިން ތެދުވިއެވެ. [ދެ ގޮލާ ޗިސްކޮށްލިޔަސް ހެޔޮ. ސަލާމަތްވިޔަ ނުދޭތި.] އިންޒާރުގެ މެސެޖަކަށްފަހު ޒާހިދާ ފޯނު ބޭއްވީ މަކަރުވެރި ހިނިތުންވުމެއް ޖައުސްއަށް ހަދިޔާ ކުރުމަށް ފަހުގައެވެ.
ހުވަފެނީ ޢާލަމެއްގައި ތިބި ދެނަފުސަށް ހޭވެރިކަމެއްވީ ކައިރި ގޯޅިއަކުން ލަނބާލި ސައިކަލުގެ އަޑާއި އެކުގައެވެ. އެމީހުންނާއި ދިމާއަށް މިސްރާބުހުރި ސައިކަލުގެ އާދަޔާހިލާފު ސޮޕީޑުން ޝާއިނާއަށް ވަހުމެއްވިއެއެވެ. ދައްތަ ފޯނުގައި ހުރެ ދެއްކި ވާހަކަތައް ހިތަށްއެރީ ހަމަ ކުއްލިއަކަށެވެ. ގެނެވުނު އަވަސްހަރަކާތާއި އީތަން ގައިގައި ބާރަށް ހިފައިގަނެ އެއްފަރާތްވެލެވުނީ ހަމަކިރިޔާއެވެ. ސައިކަލު ދުއްވަން އިން ނައީމަށް ލިބުނީ ކުއްލި ސިހުމެކެވެ. ސައިކަލު ކޮންޓްރޯލް ނުކުރެވި ކިސަޑު ކޯރުގެ މެދުން ދެފަރާތަށް ބުރައިގެން ދިޔަ ފެންތަކާއިއެކު ކަހާލައިގެންދިޔަ ސައިކަލު ވެއްޓުނީއެވެ. ހިތަށް ވެރިވި ބިރުވެރިކަމާއިއެކު ޝާއިނާއަށް ބާރަކަށް އީތަންގެ އެ ކަސްރަތީ ހަށިގަނޑުގައި ބައްދައިގަނެވުނެވެ.
ބާރު އަޑުފަށްގަނޑަކާއިއެކު މީހަކު ހޭރިގަތް އަޑު ގޭތެރޭގައިތިބި ޖައުސްގެ ދެމަފިރިންނަށް އިވުނެވެ. ފެހިކުލައިގެ ބޮޑުދޮރޯށިން ދާދި އެކުއެކީގައި ނިކުމެވުނު ދެމީހުންނަށް ދެލޯ ބޮޑުކޮށްލެވުނީ ސައިކަލުދަށުވެފައި އޮތް ނައީމު ފެނުމުންނެވެ. އީތަންއާއި ޖައުސްގެ އެހީތެރިކަމާއިއެކު ނައީމު މަރުކަޒަށް ގެންގޮސް އަވަސް ފަރުވާ ދެވެން ފެށުނެވެ. އެކި މީހުންގެ ކުށަށް ސަޒާދެއްވަނީ އެކިގޮތަށެވެ. މައިބަދައަށް ލިބިފައިވާ ބޮޑު ގެއްލުމާއިއެކު ނައީމުވީ ނުކުޅެދޭ މީހަކަށެވެ.
ތަހުގީގު ކުރެވެމުންދިޔަ މައްސަލައިގާ ތުހުމަތުގެ އިނގިލި ދިއްކުރެވުނީ ޖައުސްގެ ދެމަފިރިންނަށެވެ. ކުރެވުނު ކުށް އިހުސާސް ކުރެވި ޒާހިދާގެ ބަޑި ފަޅައިގެން ދިޔައީ ދެނެވެ. ޖައުސް ހުރީ މޯޅި ވެފައެވެ. ބަސް ހުއްޓި ސަހަރޯވެރި ވެފައެވެ.
[ވަރަށް ލޯބިވޭ ޝާއިނާދެކެ.] ޝާއިނާގެ ކަނައަތަށް އީތަންގެ ވައަތް މަހާލައިގެން ހުރެ އީތަން ފާޅުކުރި ލޯބީގެ ބަސްތަކުން ޝާއިނާގެ ހިތްފުރި ބަންޑުން ވިއެވެ. އީތަންގެ އެވަރުގަދަ ހަށިގަނޑުގައި ދެއަތް ވަށާލައި މީކަލާ ހިތެކޭ ބުނެވުނީ ދެލޯމަރާލަމުންނެވެ.