ލޮނު ޒިޔާރަތްކޮޅު ތޮށިމަތީގައި ނާސިހާ އިނީ އިށީނދެލައިގެންނެވެ. ޖެހެމުން ދިޔަ މަޑުވައިރޯޅީގެ ތެރޭގައި އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދެއެވެ. އުދަވަމުން އައި ހަނދުން ފަތުރާފައިވާ ރީތި ރަން އަލިން ތެމާލާފައިވާ ކަނޑުމަތީގައި ހަނދުވަރުގެ ރަން އަލި ވިދަމުން ބަބުޅަމުން ދިޔައީ ރަނުގެ ޗާދަރެއް ފަދައިންނެވެ. ބުރިޖުގެ މަތީގައި ހުރި އޮރެންޖް ބައްތިތަކުން ފާންކޮށްފައިވާ އައްޔާއި އުދަވަމުން އައި ހަނދުގެ އަލި އޭނާގެ ދޮން ބައްޓެއް ފަދަ މޫނަށް އެޅިފައި ހުއްޓެވެ. އޭނާގެ މޫނުގައިވާ ހިތާމަޔާއި އުދާހުގެ އަސަރުތައް ފޮރުފައި ލެވޭނެ ފަދަ ކުޅަދާނަ ކަމެއް އެއަލިތަކަށްވެސް ނެތް ކަހަލައެވެ.
ނާސިހާގެ ނަޒަރު ހުއްޓިފައި ވަނީ މާލެ ހުޅުލެ ގުޅުވައިދޭ ރީތި ދިގު ބުރިޖަކަށް ނޫނެެވެ. އެބުރިޖުގައި ދިއްލާއަޅާފައި އޮތް އޮރެންޖް ކުލައިގެ ބައްތިތަކަކަށް ވެސް ނޫނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ، ބާނިލައި ނަގައި މުގުރަމުން އައިސް ލޮނުޒިޔާރަތްކޮޅުގެ ތޮށިގަނޑު ބުޑަށް ޖަހަމުން ދިޔަ ރާޅުތަކުގެ ފޮނަށެވެ. ފެތުރި ހުދުވެފައިވާ އެފޮނުގަނޑުވެސް އޮތީ ރަންކުލައަކުންނެވެ. ވަށައިގެންވާ މާހައުލުގެ ރަން އަލިން ފެންވަރައިގެންނެވެ.
ބުރިޖާއި ގުޅިފައިވާ އަމީނީ މަގާއި، ތޮށިގަނޑުގެ އެއްގަމުން އޮތް ބޮޑުތަކުރުފާނު މަގުވެސް އޮތީ ހިމޭން ވެފައެވެ. ފަތިސްވަމުން އައި ވަގުތު ނަމަވެސް މާލެ އޮތީ މަރުނިދީގައެވެ. ދުއްވާއެއްޗެއް، މީހެއްގެ ހިލަމެއް ނެތެވެ. ނާސިހާ ނޫން މީހަކު އެތާކު ފެންނާކަށް ނެތެވެ. ދެކޭ ކޮންެމެ މީހަކަށް އެމަންޒަރު ފެންނާނީ ހުވަފެނީ ޢާލަމެއްގެ ތެރޭން ދެކޭ މަންޒަރެއްގެ ގޮތުގައެވެ.
ނާސިހާ އެތަނުގައި އިންނަތާ އެތައް ގަޑިއެއްގެ އިރުވީއެވެ. ޖެހި ބުދެއްހެން ހަރަކާތް ހުއްޓިފައެވެ. އޭނާގެ ހަރަކާތްތައް ހުއްޓިފައިވާ ފަދައިން އޭނާގެ ހިތާއި ސިކުނޑިވެސް ހުއްޓުނީ ކަންނޭނގެއެވެ. ވަޔާއި ވިހުރުވޭ އިސްތަށިގަނޑުން މެނުވީ ހަރަކާތެއް ފެންނާކަށް ނެތެވެ. ލޮލުން ނީރާލި ކަރުނަވެސް ހުރީ އެސްފިޔައިގެ ފަރުދާގެ ތެރޭގައި ހިފެހެއްޓިފައެވެ. ގާދޫކޮލުން އަންނަ ފިނިފިނި ވައިރޯޅިތައް އޭނާގެ ހަށިގަނޑުގައި ބީހިލައި އިސްތަށިގަނޑު ވިހުރުވާލަމުން ދަނީ އޭނާގެ ހިތާމައިގައި ބައިވެރިވާކަން ހާމަކުރާފަދަ ގޮތަކަށެވެ.
ރާއިދުގެ ވަކިވުން ޤަބޫލު ކުރާކަށް ނާސިހާއަކަށް ފަސޭހައެއް ނޫނެވެ. އޭނާ ނެތްކަމަކަށް ނާސިހާގެ ހިތެއް އެއްބަހެއް ނުވެއެވެ. އެހެން ކަމުން އޭނާ އެހޯދަނީ ރާއިދެވެ. ބާނިލައި ނަގާ ބިޔަ ރާޅުގެ ކޮޅުގައި ސާފު ބޯޑުމަތީގައި އޭނާ ނާސިހާ އިން ދިމާއަށް ހަމަ އަތުވެދާނޭ ހިތް ބުނަނީ އެވެ. ރާޅުގެ ފޮނުގަނޑު ތެރެއިން އޭނާ ބޯހިއްކާލައި ނާސިހާއަށް ހަނާ އަޅާލަފާނޭ ހީވަނީއެވެ. އެއީ އެތައް ފަހަރަކު އޭނާ ދުށް މަންޒަރެވެ. އެދެމީހުންގެ ލޯބީގެ އުފާވެރި ދުވަސްތަކުގައެވެ. މިއަދުވެސް އޭނާ އެދެނީ އެމަންޒަރު ތަކުރާރު ވުމަށެވެ.
ރާއިދަކީ ރާއްޖޭގައި ނުއުފެދޭ ވަރުގެ މޮޅު ރާޅާއެޅުންތެރިއެކެވެ. އެތައް މުބާރާތެއްގައި އޭނާ އެތައް ވަނަތަކެއް ހޯދިއެވެ. އޭނާގެ އެކާމިޔާބީތަކުން އެންމެ ބޮޑު އުފަލެއް ލިބެނީވެސް ނާސިހާއަށެވެ. އެއިން ކޮންމެ ދުވަހަކު ނާސިހާ ރާއިދާއި އެކު ފޮޓޯ ނަގައެވެ. ތަށިތަކާއި މެޑަލްތައް ހިފައިގެން ސެލްފީ ނަގައެވެ. ކާމިޔާބީގެ އުފަލުގައި ރެސްޓޯރެންޓްތަކަށް ކާން ދެއެެވެ. އެކަމަކު އެއުފާވެރި ދުވަސްތައް އެނބުރި ނާންނާނެ ގޮތުގައި މާޒީވެ ހިނގައްޖެކަން ޤަބޫލު ކުރާކަށް މިއަދު ނާސިހާ ބޭނުމެއް ނޫނެވެ. ފަސޭހައެއްވެސް ނޫނެވެ.
މިތޮށިގަނޑާއި، ކުރިމަތިން ފެންނަން އޮތް ކަނޑާއި، ބާނިލައި މުގުރަމުން އައި ކޮންމެ ރާޅެއްގެ ފޮނާއި، ތޮށިގަނޑު ބުޑަށް ޖަމާވެ ފިނޮޅު ހެދިފައިވާ ވެލިގަނޑުގައިވާ ކޮންމެ ގާކޮޅަކާއި، ކޮންމެ ވެލިފުކެއް ނާސިހާއަށް އާކޮށްދެނީ ރާއިދުގެ ހަނދާނެވެ. އޭނާ އާއި އެކު ހޭދަވި އުފާވެރި ވަގުތު ތަކެވެ. ނާސިހާ ބޭނުމީ އެހަނދާންތައް އާކުރާށެވެ. އެހަނދާންތަކުގެ ތެރޭގައި ބެހި ގެއްލިގެންދާށެވެ.
ރާއިދު ރާޅާ އަޅަން އަންނައިރު ކޮންމެ ދުވަހަކުވެސް ނާސިހާ އޭނާ އާއި އެކު އާދެއެވެ. ތޮށިމަތީގައި އަތްތިލަބަޑިޖަހަން ހުރެއެެވެ. ބައެއް ފަހަރު ކުދިކުދި ގާކޮޅުތައްވެސް ރާއިދާއި ދިމާއަށް ނާސިހާ އެއްލައެވެ. ރާޅާއި އެކު އައިސް ގޮނޑުދޮަށަށް ބީއްސާލާގޮތަށް ދެވަނަ ފަހަރަށް އެނބުރި ރާޅާއި ދިމާއަށް ރާއިދު ދާނީ އަތުން ނަަގައި ލޮނުގޮއްޓެއް ނާސިހާ އާއި ދިމާއަށް އެއްލާފައެވެ. އެއީ ޒުވާން ދެހިތެއްގެ ލޯބީގެ ސަމާސާއެވެ. އެކުވި އަދާއެވެ. އެދެލޯބިވެރިންގެ އެ އުފާވެރި އެމަންޒަރުތައް، ދެކޭ މީހުން ހަސަދަވެރި ވާނެއެވެ. ސިހުރުވެރި ލޯތައް ކަޅި އަޅާނެއެވެ. ޒުވާން އަންހެން ކުދިން ތުން ފިއްތާނެއެވެ.
އެކަމަކު މިދިޔަ އަންގާރަ ދުވަހުގެ ފަހު އެމަންޒަރެއް އެތަަނަކުން ނުފެނެއެވެ. ވަގުތާއި ހާލަތު ބަދަލުވީއެވެ. ތަޤުދީރުގެ އަތުން ނާސިޙާގެ ހަޔާތުގެ އެބާބު ނިންމައިލީއެވެ. އަލުން އައު ބާބެއް ހިތާމަޔާއި މޮޅިއާއި ވޭނާއި ކެކުޅުމާއި އުދާހުގެ އަސަރުތަކުން ފެއްޓީއެވެ. އެއީ މީހަކު ކުރިކަމެއް ނޫނެވެ. ޒަމާނުގެ ބޭވަފާތެރި ކަމެވެ.
*****
އަންގާރަ ދުވަހު ހަވީރުވެސް ރާއިދު އާއި އެކު ނާސިއާ ރާޅުގަނޑަށް އައެވެ. ރާއިދު ހުރީ މޫދަށް އެެރެން ތައްޔާރުވެގެން ސާފު ބޯޑުވެސް ހިފައިގެންނެވެ. ކުރިޔަށް އޮތް ޖުލައި މަހު އޮސްޓްރޭލިޔާގައި އޮންނަ ބައިނަލްއަޤުވާމީ ރާޅާއެޅުމުގެ މުބާރާތަކުން ފުރުޞަތު ލިބިފައި އޮތުމުން އެންމެ ދުވަހެއްވެސް އޭނާ ދޫކޮށްލަން ބޭނުން ނުވާތީއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު އޭނާ ރާޅާއަޅަން އަންނަތާ އޭރު ދެހަފްތާ ވެއްޖެއެވެ.
ދެމީހުން އެކުގައި އަތުގުޅާލައިގެން ރާޅުގަނޑަށް އައީ ހިނގާފައެވެ. އެކި އެކި ވާހަކަ ތައް ދައްކަމުންނެވެ. އޭގެ ތެރެއިން އެއްވާހަކަ އަކީ ނާސިހާއަށް ފެނުނު އަޖައިބެއް ކަހަލަ ހުވަފެނެކެވެ. ހުވަފެނަކަށް ވުރެ ބޮޑަށް އެއީ އެޗްޑީ ކޮލިޓީގައި ބޮޑު އިސްކިރީނަކުން ބެލި ފިލުމެއް ފަދައެެވެ. ކޫރުމެއް ތެޅުމެއް ނެެތެވެ. ހޭލައި ހުއްޓައި ހަމަލޮލަށް ވެސް ފެންނަ މަންޒަރު ފެންނާނީ ހަމައެގޮތަށެވެ. ހަމަ އެހާވެސް ސާފެވެ. މަންޒަރު ހަޤީޤަތާއި އެއްގޮތެވެ.
"މަށަށް ރޭގައި ފާޑެއްގެ ހުވަފެނެއް ފެނުނު" ރާއިދުގެ އަތުގައި ހިފަހައްޓައިގެން ހިނގާފައި ދަމުން ބޯއަރިކޮށް ރާއިދުގެ ކޮނޑުގައި ޖައްސާލަމުން ނާސިހާ ބުންޏެވެ.
"އެހެން މީހަކާއި އިނދެގެން އުޅެނިކޮށްތަ ހުވަފެނުން ފެނުނީ!" ރާއިދު ފެށީ ހޭށެވެ. ލާނެތްގޮތަކަށެވެ. ނާސިހާއަށް ކުއްލިއަކަށް ހުއްޓެވުނެވެ. ހިތް ހީވީ ފުންމައިގެން ބޭރަށް ނުކުތީހެންނެވެ. އޭނާ ރާއިދަށް ބަލައިލީ ހައިރާންވެގެން ހުރެއެވެ. ރާއިދުގެ ހިތަށް އެކަހަލަ އެއްޗެއް އެރިޔަތީއެވެ.
ރާއިދާއި ނާސިހާގެ ގުޅުމަށް ދެފަރާތުގެ އާއިލާވެސް ނުހަނު ޤަބޫލެވެ. އެދެމީހުންނަށް އެހާ މިނިވަންކޮށް އެކަކު އަނެކަކާއި އެކު އުޅެނީވެސް އެހެންވެއެވެ. އެދެމީހުންގެ ހަޔާތަކު ހިތާމައެއް ނެތެވެ. ވިސްނާކަށް އަދި ކަންބޮޑުވާކަށް ޖެހޭ ކަމެއް ނެތެވެ. ދެމީހުންގެ އާއިލާ އަކީވެސް ތަނަވަސް ފޯރާ މާލޭގެ ދެ އާއިލާއެވެ. ވީމާ، އޮންނާނީ ކޮން ކަންބޮޑުވުމެއް ހެއްޔެވެ؟ އެކަމަކު ރާއިދުގެ އެޖުމުލައިން ނާސިހާ ކަންބޮޑުވީ، އެދެމީހުންގެ ކައިވެނި އޮތީ ޑިސެމްބަރަށް ތާވަލު ކުރެވިފައި ކަމުގައި ވާތީއެވެ. މިހާރުވެސް އެކައިވެނީގެ ތައްޔާރީތައް ދެ އާއިލާއިން ފަށާފައި ވާތީއެވެ.
"ކިހިނެއްވީ! ހުއްޓުން އަރާފަ ފާޑަކަށް ތިބަލާލީ! އެހެން ބުނި އެއްޗެއް ނޫނޭ" ރާއިދު ނާސިހާ ގެނެސް ގަޔާއި ގާތްކޮށްލިއެވެ. އަދި ނާސިހާ އަތުލަފިކޮށްގެން ކަހަލަގޮތަަކަށް ހިނގައި ގަތެެވެ. އެކަމަކު އަނެއްކާވެސް ނާސިހާ ހުއްޓުނެވެ.
"ހަމަ ސީރިއަސްކޮށް ބުނެ ބަަލަ ކީއްވެ ރާއި އެހެން ބުނީ" ނާސިޙާ ބޭނުންވީ އޮޅުން ފިލުވާށެވެ. އޭނާ ހުރީ ސީރިއަސް ވެފައެވެ.
"އެ ދެން ހަމަ މަޖަލަށް" އަނެއްކާވެސް ރާއިދު ހެމުން ބުންޏެވެ. އެކަމަކު މިފަހަރު ރާއިދުގެ އަޑުގައި ހުރީ ސީރިއަސް ރާގެކެވެ.
"އެނގޭތަ އަހަރެންނަށް ފެނުނު އެއްޗެއް! އަހަރެންނަށް ފެނުނީ، އެތާ ތޮށި މަތީގައި އަހަރެން އިންދާ ފުލުހުންގެ ހުދު ސައިކަލެއްގައި އަންނަނީ ވަރަށް ރީތި ފިރިހެނެއް. އަހަރެން ހަމަލޮލުން ދުވަހަކުވެސް ނުދެކެން އެހާ ރީތި މީހެއް. އޭނާ ބުނަނީ ބަލައޭ މިއައީ ހިނގާށޭ! ދެން ހުވަފެނުގައި އިނގޭ އެއީ މަގޭ ފިރިމީހާކަން. އެކަމަކު ދުވަހަކުވެސް ދުށް އަދި ފޮޓޯއަކުން ނަމަވެސް ފެނުނު މީހެއް ނޫން އެއީ" ނާސިހާ އޭނާއަށް ފެނުނު ހުވަފެން އެ ފެނުނުގޮތަށް ކިޔައި ދިނެވެ.
ރާއިދު ހިމޭން ވިއެވެ. އޭނާ ފުންވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެކަން ނާސިހާއަށް ފާހަގަކުރެވުނެވެ. ދެމީހުންގެ ދެމެދުގައި ދާދި ދެންމެއާއި ހަމައަށް އޮތް މަޖާކަން ކެނޑިއެއްޖެއެވެ. ދެއްކުނު ވާހަކައަކުން މިއުފާވެރި ވަގުތުކޮޅު ފަނިވީއޭ ނާސިހާގެ ހިތަށް އެރިއެވެ. އެހެންވެ އޭނާ ބިރުގަތެވެ. ހިތުގެ ވިންދު އަވަސްވިއެވެ. ކަންބޮޑުވިއެވެ.
"އޭ! އަނެއްކާ ދެރަވީތަ! އެއީ ހުވަފެނެކޭ" ނާސިހާ ރާއިދާއި ގާތްވެލަމުން އަނެއްކާވެސް ބުންޏެވެ. ރާއިދު ނޫނެކޭ ބުނެ ބޯހޫރާލިއެވެ. އޭނާ ނާސިހާއަށް ބަލާލާފައި ހީލީ އަސަރެއް ނެތް ހިނިތުންވުމަކުންނެވެ. ރާޅުގަނޑުގެ ތޮށިމަތީގައި އިށީނދެވެން ދެންވެސް ރާއިދު އަނގައިނެއް ނުބުންޏެވެ.
ނާސިހާ ތޮށިގަނޑު މަތީގައި އިށީނުމުން އޭނާގެ ކައިރީގައި ފައިވާން ބަހައްޓާފައި އަދި ޖީބުގައި އޮތް ފޯނާއި ޓީޝާޓު ނާސިހާގެ އަތަށް ދީފައި އޭނާ ހިނގައިގަތީ ސާފު ބޯޑު ހިފައިގެން މޫދާއި ދިމާއަށެވެ. އިތުރު އެއްޗެކޭ ނުބުނެއެވެ.
"ރާއި" ނާސިހާއަށް ގޮވާލެވުނީ އަސަރާއި އެކުގައެވެ. ރާއިދު އެނބުރި ބަލާލިއެވެ. އަދި އެއްމިޔަކަނުން ހީލުމަށް ފަހު އައިސް ނާސިހާގެ ކުރިމަތިންވާގޮތަށް ކޮޅުކަކޫ ޖައްސައިގެން އިށީނެވެ.
"އަސްލުވެސް ބުނެބަލަ ދެރަވީތަ! އަހަރެންނަށް ފެނުނު ހުވަފެން ކިޔައި ދިނީމަ." ނާސިހާ ބޭނުންވީ އޮޅުން ފިލުވާށެވެ.
"ނޫނޭ އެކަމާއި ދެރައެއް ނުވޭ! އެކަމަކު މިހައިރާންވީ އަހަރެމެން ދެމީހުންނަށްވެސް އެއްކަހަލަ ހުވަފެނެއް އެއްރޭގައި ފެނުނީމަ" ރާއިދު ފުންނޭވާއެއް ދޫކޮށްލިއެވެ.
"ރާއިދަށްވެސް ހުވަފެނެއް ފެނުނުތަ! ކިޔައިދީ ބަލަ!" ނާސިހާ ޝައުޤުވެރިކަން ފާޅުކުރިއެވެ. ރާއިދު ބަލާލީ ނާސިހާގެ މޫނަށެވެ. މައުނަވީ ގޮތަކަށެވެ. ހީވަނީ ނާސިހާއަށް ފެނުނު ހުވަފެނާއި އޭނާއަށް ފެނުނު ހުވަފެން ގުޅުވާލައި އެ ދެހުވަފެނުގެ ތަޢުބީރު އޭނާއަށް އެނގުނީ ހެންނެވެ.
"އަހަރެންނަށް ފެނުނީ އަހަރެން މޫދުގައި އޮއްވައި މީހަކު އައިސް ނާސިހާ ގޮވައިގެން ދާތީ. ދެން އަހަރެން ފަހަތުން ދެވޭތޯ ވަރަށް އުޅުނިން. އެކަމަކު މޫދަކުން ނޭރުނު. ފަހަތަކުން ނުދެވުނު. އެހެން އުޅެނިކޮށް ހޭލެވިއްޖެ" ރާއިދު ކިޔައިދިނެވެ.
"ޔާރައްބީ! ހިނގާ ގެއަށްދާން. ދެން މިތަނަށް އަންނާނެ ކަމެއް ނެތް. މީ ވަރަށް ސުންޕާ ތަނެއް ކަންނޭނގެ." ނާސިހާ ކަންބޮޑުވެފައި ބުންޏެވެ. ރާއިދު ފެށީ ބާރަށް ހޭށެވެ. މޮޔަ ކުއްޖެކެވެ. ހުވަފެނަކީ ބިލާހެއްކަމަށް ރާއިދު ޤަބޫލު ކުރިއަސް ނާސިހާ އެގޮތަށް ޤަބޫލު ނުކުރާހެން ހީވުމުން އޭނާ ގާތަށް ހިނިއައީ އެވެ.
"ހުވަފެނެއްގަ ފެނިދާނެ ކޮންމެ އެއްޗެއްވެސް. އެއީ ޝައިޠާނާގެ ވަސްވާސް" ނާސިހާގެ ކޮލުގައި ހިފާލަމުން ރާއިދު ބުންޏެވެ. އަދި ނާސިހާގެ ނިއްކުރީގައި ބޮސްދީފައި ދުވެފައި ގޮސް މޫދަށް ފުންމާލިއެވެ. އަދި ބޯޑުމަތީގައި އޮވެ އަތުން ޖަހަމުން ބާނިލައި ނަގާ ބިޔަރާޅުތަކުގެ ތެރެއަށް ދިޔައެވެ.
*****
އެއީ ޝައިތާނާގެ ވަސްވާހެއް ކަމުގައި ވިނަމަ ކޮންފަދަ ރަނގަޅު ހެއްޔެެވެ؟ އެ ހުވަފެންތަކަކީ ބިލާހަކަށް ވިނަމަ އެއީ ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ ތޮށިމަތީގައި އެކަނި މާއެކަނި އިން ނާސިހާ އޭނާގެ އަމިއްލަ ހިތާއި ސުވާލު ކުރަމުން ދިޔައެވެ.
ނާސިހާއަށް ފެނުނީ ބިޔަ ރާޅުބާނިތަކުގެ ކުރީގައި އޭނާ އާއި ދިމާއަށް ގެނައި ސާފު ބޯޑެވެ. ރާއިދެއް ނޫނެވެ. އެސާފު ބޯޑުއައިސް ނާސިހާ އިން ދިމާއިން ފަސްގަނޑަށް ލައްވަމުން އައިއިރު އެ ސާފު ބޯޑުގެ ފަހަތަކުން ރާއިދެއް ނައެވެ. މާސިންގާ އެބިޔަ ރާޅުތަކުގެ ތެރެއަށް ރާއިދު ގެއްލުނީއެވެ. ނާސިހާއަށް ހީވީ އަނެއްކާވެސް ބިރުވެރި ހުވަފެނެއް ފެނުނީ ކަމުގައެވެ.
ނާސިހާ ރޮއެ ރޮއެފާ ރާއިދަށް ގޮވަން ފެށުމުން އެތައް ބަޔަކު އެތަނަށް ޖަމާވިއެވެ. ރާއިދު މޫދަށް އެރުނު އިރު ރާޅާ އަޅަން މޫދުތެރޭގައި ތިބި ކުދިންވެސް އެއްގަމަށް އަރައިގެން އައިސް ސުވާލުކުރިއެވެ. އެދުވަހުގެ އެވަގުތު ކޮޅުގެ ފަހުން ރާއިދު ގެއްލުނީއެވެ. އެމާސިންގާ ކަނޑުގެ ބިޔަ ބާނިތަކުގެ ތެރެއަށެެވެ. ވީގޮތެއް އެކަކަށްވެސް ނޭނގުނެވެ. ސިފައިންނާއި ފުލުހުން މުޅި ސަރަހައްދުގައި އަތްފުނާއެޅިއެވެ. ކޯސްޓްގާޑުގެ ޑައިވަރުން އެތައް ފަހަރަކު އެތަނަށް ފީނި އެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން ވީ ފައިދާއެއްް ނެތެވެ، ރާއިދެއް ނުފެނުނެވެ. އޭނާގެ ލިސާނެއްވެސް ނުފެނުނެވެ.
އޭގެފަހުން މިއަދަށް 6 ދުވަސް ވީއެވެ. އެދުވަހަށް ފަހު މިފާއިތުވި ކޮންމެ ރެއެއް ނާސިހާ ހޭދަކުރަނީ، މިތޮށި މަތީގައެވެ. އާއިލާގެ މީހުން އޭނާ މިތަނުން ގަދަކަމުން އެތައް ފަހަރަކު ގެންގޮސްފި ވެސް މެއެވެ. އެކަމަކު ކިރިޔާ ތަންވަޅެއް ލިބޭ އިރަށް އޭނާ އައިސް އިންނަނީ މިތާ ތޮށި މަތީގައެވެ. މިރޭވެސް ގޭގެ އެންމެން ނިދައި ފައި ހިލަވަޅު އޮބުމުން އޭނާ އަވަސް އަވަހަށް މިތަނަށް އައީއެވެ. ގެއްލިފައިވާ ލޯބި ހޯދާށެވެ. އެލޯބީގެ ހަނދާންތަކުގައި ބެހޭށެވެ.
އޭނާގެ ހިތް ބުނަނީ ރާއިދު އަންނާނެ ކަމަށެވެ. ފެންނާނެ ކަމަށެވެ. ރާއިދު މޫދުން އަރައިގެން އަންނައިރު ތޮށިމަތީގައި އިންނަން ނާސިހާ ބޭނުންވަނީ އެހެންވެ އެވެ. ރާއިދު ވަކިވެއްޖެ ކަމުގައި އޭނާއަށް ޤަބޫލު ނުކުރެވެނީއެވެ.
"ކީއްވެފަ މިތާ އެކަނި ތިއިނީ" ނާސިހާ އެނބުރިލީ އޭނާއަށް ދަންނަ އަޑެއް އިވުނުކަމުގެ އިހުސާސްވީމައެވެ. ކައިރީގައި ހުރި މީހާ ފެނިފައި ނާސިހާގެ ހަށިގަނޑާއި ހިއްސުތަކުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކޮށްފިއެވެ. ހިމޭން ކަން ކެނޑިއްޖެއެވެ. ދެލޮލުގައި ހުރި ވޭނީ ހިތާމައިގެ އަސަރު ހައިރާންކަމަށް ބަދަލުވެއްޖެއެވެ.
"ކަލޭ...!" ނާސިހާއަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނާ އަނބުރައި ގަތީއެވެ. ނާސިހާ ވެއްޓުމުގެ ކުރިން ރިޔާޒް ނާސިހާގެ ގައިގައި ހިފެހެއްޓިއެވެ. އަދި ތޮށިގަނޑުމަތީގައި ރީތިކޮށް ބޭއްވިއެވެ. އެއަށްފަހު ކައރީގައި ހުރި އޭނާގެ ހުދުކުލައިގެ ވޭވު ސައިކަލުގެ މަޑިދަށުން ފެންފުޅިއެއް ނަގައި ނާސިހާގެ މޫނުގައި ފެން އުނގުޅައި އޭނާ ހޭއެރުވިއެވެ.
"އޯކޭތަ!" ނާސިހާ ލޯހުޅުވާލުމުން ރިޔާޒް ބުންޏެވެ. ނާސިހާއަށް މަންޒަރު ފެންނަނީ ފޯކަސް ގެއްލިފައިވާ ކެމެރާއަކުން ނަގާފައިވާ މަންޒަރެއްގެ ގޮތުގައެވެ. ނާސިހާ ތެދުވެ އިށީނެވެ. އޭނާގެ ގައިގައި ރިޔާޒް ހިފަހައްޓާލައިގެން ހުއްޓެވެ. ނާސިހާ ހަމައަކަށް އެޅުނީވެސް ވިއްސަކަށް މިނިޓްފަހުންނެވެ. އޭނާއަށް ބެލެމުން ދިޔައީ ރިޔާޒަށެވެ. ހަމައެމޫނެވެ. ހަމަ އެއިސްކޮޅެވެ. ފުލުހުންގެ ސައިކަލެއް ނޫނަސް ކައިރީގައި ހުރީ ހުދު ސައިކަލެކެވެ.
ނާސިހާއަށް ރިޔާޒުގެ ގައިގައި ބައްދާލެވުނީ އިޚުތިޔާރަކާއި ނުލައެވެ. އެމޭގައި ބޯއަޅައި ލެވުނީ ހިތް އޭނާގެ އަތުން ދޫވެެގެން ގޮސްފައިވާތީއެވެ.
ދެމީހުން އެކަކު އަނެކަކަށް ތަޢާރަފްވިއެވެ. ހާލު ކިޔައި ދިނެވެ. އޭރު ދުވަހުގެ އިރުވެސް ފެނުން ތޮޅިލައިފިއެވެ. ރިޔާޒްގެ ސައިކަލު ފަހަތުގައި ގެއަށް ދިޔުމަށް ރިޔާޒު ދިން ދައުވަތު ނާސިހާއަށް ޤަބޫލު ކުރެވުނީވެސް އިޚުތިޔާރަކާއި ނުލައެވެ. ރިޔާޒްގެ ގައިގައި އޭނާ ބައްދާލައިގެން އިނީ ރާއިދު ގެއްލުނު ފަދައިން ރިޔާޒުވެސް ގެއްލިދާނެތީ ކަންނޭނގެއެވެ.
ނާސިހާގެ ހަޔާތުގައި އަލުން އައު ފަތިހަކުން އައު ދުވަހެއް ފެށިއްޖެއެވެ. ދެމީހަކު ދުށް ދެހުވަފެނެއްގެ އެއް ތަޢުބީރާއި އެކުގައެވެ. ހިތާމައިގެ ރެއެއްގައި ތަޤުދީރުގެ އަތުން ކުރަހާލި އުފާވެރިކަމުގެ ތަސްވީރަކާއި އެކުގައެވެ.
---ނިމުނީ--