ދިވެހި ބަހުގެ އެކެޑަމީން ބާއްވަން ހަމަޖެހިފައިވާ، ކުރުވާހަކަ ލިޔުމާއި، މަޒުމޫނުލިޔުން އަދި ޅެން ހެދުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ މި މަހުގެ 29 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމުގެ ވަގުތު ހަމަވުމުގެ ކުރިން ފޯމު ފުރުމަށް އެ އެކެޑަމީން ވަނީ އެދިފައެވެ.
ކުރިން އޮތް ގޮތުން އެ މުއްދަތު މާދަމާއަށް ހަމަވެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ސަން އަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހިމް ވިދާޅުވީ މުބާރާތުގެ މުއްދަތު އިތުރުކުރީ، ގިނަ ސްކޫލުތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ހަފުތާއެއްހާ ދުވަސް އިތުރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތްތަކުގައި އަމިއްލަ ރަށުގައި ތިބެގެންވެސް ބައިވެރިވެލެވޭނެ ކަމަށް އެ އެކެޑަމީން ބުނެއެވެ.
ދިވެހިބަހުގެ އެކަޑަމީން ނެރުނު ބަޔާނުގައި ބުނީ، މި މުބާރާތްތައް ކުރިއަށް ގެންދާނީ ހަތަރު ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ:
- ސްކޫލުތަކުގެ ބައި
- މަތި ތައުލީމުގެ ބައި (ޔުނިވާސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކަޑަމީ)
- އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ/18 އަހަރުން މަތީ އުމުރުފުރާ)
- އޮފީސް/ކުންފުނި/ކުލަބު/ޖަމިއްޔާ/ޖަމާއަތްތަކުގެ ބައި
އެގޮތުން، ސްކޫލުތަކުގެ ބައި ކުރިއަށް ގެންދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެއީ ކީސްޓޭޖް ތިނެއް، ކީސްތޭޖް ހަތަރެއްގެ އިތުރުން ކީސްޓޭޖް ފަހެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު އެ ކަމަށް ޚާއްސަ ކުރެވިފައިވާ ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން ލިބޭނެ ކަމަށް އެ އެކެޑަމީން ބުނެއެވެ.
މިއީ ދިވެހި ބަހުގެ އެކަޑަމީން ބާއްވާ ކުރުވާހަކަ ލިއުމުގެ 35 ވަނަ ގައުމީ މުބާރާތެވެ. ޅެން ހެދުމުގެ 26 ވަނަ ގައުމީ މުބާރާތެވެ. އަދި މަޒުމޫނު ލިޔުމުގެ 38 ވަނަ ގައުމީ މުބާރާތެވެ.
މުބާރާތްތައް ބޭވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހުއެވެ. އަދި މުބާރާތް އޮންނާނެ ތަނާއި ވަގުތު މުބާރާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން، އެ މުބާރާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެކަޑަމީން އަންގާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.