ގައުމީ ފުޓްސަލް ޓީމުގެ ޓްރަޔަލް މިރޭ އެފްއޭއެމް ޓާފް ދަނޑުގައި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕްގެ ތެރޭން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ސެޕްޓެމްބަރު މަހު ތުރުކުމެނިސްތާނުގައި ބާއްވާ 5 ވަނަ އޭޝިއަން އިންޑޯ ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ކުޅުންތެރީން ނެގުމަށްޓަކައި ބާއްވާ ޓްރަޔަލްއެއް މިރެއާއި މާދަމާރޭ އެފްއޭއެފް ޓާފްގައި ކުރިއަށް ދާނޭ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ސަން ސްޕޯޓްސްއަށް ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމު އެކުލަވައިލުމަށް ބާއްވާ ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުސަތު އެކަމަށް އެދޭ ހުރިހާ ކުޅުންތެރީންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

ޖަވާ ވިދާޅުވީ، ސިލެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޖޫން 12، 13 މި ދެދުވަހުގެ ރޭ 22:30އިން ފެށިގެން އެފްއޭއެމްގެ އެއްނަންބަރު ޓާފްގައި ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމަށް ފުރަތަމަ ނަގާނީ 30 ކުޅުންތެރީންގެ ސްކޮޑެކެވެ. އެގޮތުން މިއަހަރުގެ ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތް ކުރިއަށް ދިޔައިރު، ބައެއް ކުޅުންތެރީން ހޮވާފައިވާއިރު، އަދިވެސް ފުރުސަތު ހުޅުވާލީ، އިތުރު ފަރާތްތަކަށްވެސް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ޖަވާ ވިދާޅުވިއެވެ.

"އޮފީސް ކުންފުނި ތަކުގެ މުބާރާތުގައި ބައިވެރި ނުވާ، ވަރަށް މޮޅެތި ކުޅުންތެރީންވެސް ތިބެދާނެ. އެހެންކަމުން އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ފަހު ރަނގަޅު ސްކޮޑެއް އެކުލަވައިލާން،" ޖަވާ ވިދާޅުވިއެވެ.

ގައުމީ ފުޓްސަލް ސްކޮޑް އެކުލަވައިލުމަށް ފަހު، ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ، ކޯޗު އަބްދުﷲ ނަސީރު (ބީޖީ އަބޯ)ގެ އިރުޝާދުގެ ދަށުންނެވެ.

ޖަވާ ވިދާޅުވީ، 30 ކުޅުންތެރީންގެ ސްކޮޑެއް ނެގި ނަމަވެސް މުބާރާތަށް ގެންދެވެނީ، 10 ކުޅުންތެރީން ކަމަށެވެ.

"10 ކުޅުންތެރީންގެ ޓީމެއް މި ނަގަންޖެހެނީ. އެހެން ނަމަވެސް އަޅުގަނޑުމެން ގެންގުޅޭނަން ބެކަޕް ކުޅުންތެރީންނާއެކު 16 ކުޅުންތެރީންގެ ސްކޮޑެއް،" ޖަވާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، ހުނަރު ހުރި ޒުވާން ގިނަ ކުޅުންތެރީންތަކެއް މި ޓްރަޔަލްގައި ބައިވެރިވެ އެ ކުޅުންތެރީންގެ ހުނަރު ދައްކާލަދިނުން."

ޖަވާ އިތުރަށް ވިދާޅުވީ، ގައުމީ ފުޓްސަލް ސްކޮޑެއް އަލަށްއެކުލަވައިލާއިރު، މިއީ ހަމައެކަނި އޭޝިއަން އިންޑޯ ގޭމްސް ގައި ބައިވެރިވުމަށް އެކުލަވައިލެވޭ ޓީމެއް ނޫންކަމަށާއި ކުރިއަށް އޮތްތާނގައި، ފުޓްބޯޅަ ފަދައިން، އޭއެފްސީ ސަރަހައްދުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވެސް ރާއްޖޭން ވާދަކުރާނޭ ކަމަށެވެ.

comment ކޮމެންޓް