ފީފާގެ ނިވަލަށް ވަންނަން ބައްސާމަށް ފުރުސަތު ނުދީ ހައިކޯޓުން މައްސަލަ ބޭރުކޮށްލައިފި

ބައްސާމް: ކްރެޑިޓް ކާޑަށް ގާތްގަނޑަކަށް 90،000 ރުފިޔާ ދެއްކުމުން، ބޭންކުން ވަނީ އޭނާގެ މައްސަލަ ނަގައިފައި --

އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޚިޔާނާތުގެ މައްސަލަތައް ފީފާގެ ބަހެއް ނެތި ނުބެލޭނެ ކަމަށް ބުނެ، ބައްސާމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ބައްސާމް، ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަ ފީފާގެ ބަހެއް ނެތި ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި ދިފާއު ކްރިމިނަލް ކޯޓުން އޮތީ ބަލައި ނުގަންނަން މިދިޔަ މަހު ނިންމާފައެވެ. ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މި މައްސަލައެވެ.

https://www.sun.mv/214713

އެކަމަކު މި މައްސަލައިގައި ގާނޫނީ ބަހުސެއް ނެތް ކަމަށް ބުނެ ހައިކޯޓުން މިއަދު ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ.

ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ. ހައިކޯޓަށް ހުށަހަޅައިގެން މި އުޅެނީ ވެސް މި މައްސަލައިގެ ތެރެއިން އުފެދުނު ހުސޫމާތެކެވެ.

އެ މައްސަލައިގައި ބައްސާމްގެ ލީގަލް ޓީމުން ދިފާއުގައި ބުނީ ޚިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި، ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އެކަމަކު އެ ދިފާއު ކޯޓުން ބަލައެއްނުގަތެވެ.

https://www.sun.mv/214847

ބައްސާމްގެ ވަކީލުން ވިދާޅުވީ، ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

ޖަލުގައި އިނދެ، އޮންލައިންކޮށް ޝަރިއަތުގައި ބައިވެރިވެ، ބައްސާމް ވެސް ވިދާޅުވީ، އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަން ކަމަށާއި އެގޮތުން ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އެފްއޭއެމްގެ މައްޗަށް އައިސްގެން ނުވާނެ ކަމަށެވެ. އަދި އެ އެންގުމާ ޚިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކުރި ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމްގެ ވާހަކަތަކުގެ ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ފީފާއަށް ބާރު ލިބިގެން ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ކަމަށާއި ނަމަވެސް ޖިނާއީ ކަންކަން ހިނގާ ނަމަ ދިވެހި ފުލުހުންނަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.

މި މައްސަލައިގައި ދަށު ކޯޓު މަރުހަލާގައި މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް