ސައުދީއަށް ދިނަސް ދެރަށް ބަލަހައްޓާނީ މިސްރުން

އަޤަބާގެ ކަނޑުއޮޅި ފެށޭ ހިސާބުގައި، މިސްރުގެ ތީރާން (ވ) އަދި ޞަނާފީރު (ކ) ޖަޒީރާ ފެންނަ ސެޓަލައިޓް ފޮޓޯއެއް ---

ރަތް ކަނޑާއި އަގަބާގެ ކަނޑުއޮޅި ގުޅޭ ސަރަހައްދުގައި އޮންނަ މިސްރުގެ ދެ ޖަޒީރާއެއް ކަމުގައިވާ ޖަޒީރަތު ތީރާން އަދި ޖަޒީރަތު ޞަނާފީރު ސައުދީ އަރަބިއްޔާއަށް ދިނުމަށް މިސްރުގެ ސަރުކާރުން ނިންމި ނަމަވެސް، އެ ދެ ރަށުގެ ހުރިހާ ކަމެއް ބަލަހައްޓާނީ މިސްރުން ކަމަށް އެގައުމުން ބުނެފިއެވެ.

މިސްރު ސަރުކާރުން އެހެން ބުނެފައިވަނީ، އެ ދެ ރަށް ސައުދީ އަރަބިއްޔާއަށް ދިނުމާ ބެހޭގޮތުން މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި މިހާރު މަޝްވަރާކުރަމުން ދާއިރު، އެ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއްގައެވެ.

މި މައްސަލައިގައި މިސްރުގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ އިރު، އެ މައްސަލައާ ގުޅިގެން މިސްރު ސަރުކާރުން މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވަނީ ދެރަށް ސައުދީއަށް ދިނުމުން ގެއްލޭނީ އެސަރަހައްދުގައި އޮތް މިސްރުގެ ސިޔާދަތީ ބާރު ކަމަށާއި، ނަމަވެސް މިސްރާއި ސައުދީގެ ގައުމީ ސަލާމަތާ ގުޅޭ މަސްލަހަތު އެތަނުގައި އަބަދުވެސް އޮންނާނެ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ މިސްރު ރައްޔިތުން ސަނާފީރާއި ތިރާންއަށް ދަތުރުކުރުމަށް ވީސާއެއް ބޭނުން ނުވާނެ ކަމަށާއި، ސައުދީގެ ސިޔާދަތީ ބާރު އެތަނަށް ހިނގި ނަމަވެސް އެ ދެރަށް ބަލަހައްޓާނީ މިސްރުން ކަމަށެވެ.

ތީރާން އަދި ސަނާފީރު ސައުދީއަށް ވެދުންކުރުމަށް މިސްރުގެ ރައީސް އަބްދުލްފައްތާހު ސީސީ ނިންމީ، 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެގައުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްްއަޒީޒް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ސީސީ އެފަދައިން ސައުދީއާ ޑީލް ހަދައި، ދެ ރަށް ދިނީ އެ ދެ ރަށް ގުޅުވާލައި، ސައުދީއާ މިސްރާ ދެމެދު ކޯޒްވޭއެއް އެޅުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެހެން ނަމަވެސް އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި، އެފަދައިން ދެރަށް ސައުދީއަށް ނުދެވޭނެކަމަށް މިސްރުގެ ހައި ކޯޓަކުން ޖޫން މަހުގެ ތެރޭގައި ނިންމި އިރު، އެގައުމުގެ ސުޕްރިމް އެޑްމިނިސްޓްރޭޓިވް ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފައެވެ.

comment ކޮމެންޓް