މިސްރުގެ ދެ ޖަޒީރާއެއް ސައުދީއަށް ދޭން ނުޖެހޭ ކަމަށް ކޯޓުން ނިންމައިފި

ފޮޓޯ/ އަލްޖަޒީރާ

ރަތް ކަނޑުގައި އޮންނަ، މިސްރުގެ ދެ ޖަޒީރާއެއް ސައުދީ އަރަބިއްޔާއަށް ނުދެވޭނެ ކަމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ރަތް ކަނޑާއި އަގަބާގެ ކަނޑުއޮޅި ގުޅޭ ސަރަހައްދުގައި އޮންނަ މިސްރުގެ ދެ ޖަޒީރާއެއް ކަމުގައިވާ ތިރާން އަދި ސަނަފިރް ޖަޒީރާ ސައުދީ އަރަބިއްޔާ އަށް ދިނުމަށް ނިންމީ މިސްރުގެ ސަރުކާރުންނެވެ. އެއީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މި އަހަރުގެ އޭޕްރިލް މަހު މިސްރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ ސައުދީ ރަސްގެފާނަށް ވެވަޑައިގެންނެވި ވައުދެކެވެ.

ދެގައުމުގެ ސަރުކާރުން ހެދި ޑީލަކީ، މިސްރުން އެގައުމުގެ ދެ ރަށަކީ ސައުދީގެ ދެ ރަށް ކަމަށް ނިންމައި، ދެ ޖަޒީރާ ވެސް ސައުދީއަށް ދިނުމުން އޭގެ ބަދަލަށް އެތައް ބިލިޔަން ޑޮލަރެއްގެ އެހީ ސައުދީގެ ފަރާތުން މިސްރަށް ދިނުމެވެ.

ނަމަވެސް މިސްރުގެ މަތީ ކޯޓަކުން ހުކުމް ކޮށްފައިވާ ގޮތުން، މިއީ ކުރެވޭނެ ކަމެއް ނޫނެވެ.

ސައުދީއާއި މިސްރުގެ އޮފިޝަލުން ބުނާ ގޮތުން، މި ދެ ރަށަކީ ވެސް ސައުދީގެ ދެ ރަށެވެ. ދެ ރަށް މިސްރުގެ ބާރުގެ ދަށަށް ދިޔައީ އެތަންތަން ބަލަހައްޓައިދިނުމަށް ސައުދީ އިން 1950 ވަނަ އަހަރު މިސްރުގެ ފަރާތުން އެދުމުންނެވެ.

ދެ ރަށް އަލުން ސައުދީއަށް "ދިނުމަށް" މިސްރުން ނިންމުމުން އެމައްސަލަ ކޯޓަށް ހުށަހެޅީ މިސްރުގެ ބައެއް ގާނޫނީ ވަކީލުންނެވެ. އެމީހުން ބުނީ، މިސްރުގެ ބޯޑަރުތަކަށް ބަދަލު ގެނެވޭނީ އެގައުމުގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށެވެ.

މިސްރުގެ ރައީސް އޭޕްރިލް މަހު ނިންމެވި ނިންމެވުމާ ގުޅިގެން މިސްރުގެ ގިނަ ރައްޔިތުންތަކެއް ވަނީ އެގައުމުގައި މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާތަކާ ގުޅިގެން 150 އަށް ވުރެ ގިނަ މީހުން ޖަލަށް ވެސް ލެވުނެވެ.

comment ކޮމެންޓް