މާދަމާއިން ފެށިގެން ބިހާއި އަލުވި އަނެއްކާވެސް ހޯލްސޭލްކުރަން ފަށަނީ

އަލުވި -- ފޮޓޯ/ އެސްޓީއޯ

ހޯލްސޭލްކުރުން މަޑުޖައްސާލާފައި އޮތުމަށްފަހު، އެސްޓީއޯއިން އަނެއްކާވެސް ބިހާއި އަލުވި މާދަމާއިން ފެށިގެން ހޯލްސޭލްކުރަން ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ކޮންމެ ރަމަޟާން މަހަކާވެސް ދިމާކޮށް އެސްޓީއޯއިން ރާއްޖެއަށް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓްތަކެއް ގެނެސް، ހެޔޮ އަގުގައި ވިއްކައެވެ. މިއަހަރުގެ ރަމަޟާން މަހަށްވެސް އެތަކެތި ގެނެސް، މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ދިޔައީ ވިއްކަމުންނެވެ.

ބިސް ކޭހަކާއި ބިސް ޓްރޭތަކެއް -- ފޮޓޯ/ އެސްޓީއޯ

އެހެން ނަމަވެސް އަތޮޅުތެރެއަށް ބިހާއި އަލުވި ފޮނުވުމަށް މަސައްކަތް ކުރުމަށްޓަކައި، މާލޭގައި އެތަކެތި ހޯލްސޭލްކުރުން އެސްޓީއޯއިން ވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަޑުޖައްސާލައިފައެވެ. އެތަކެތި ހޯލްސޭލްކޮށް ވިއްކުން މަޑުޖައްސާފައި އޮތް ނަމަވެސް، އެތަކެތި އެސްޓީއޯގެ ސުޕަމާޓުން ދިޔައީ ރީޓެއިލްކޮށް ވިއްކަމުންނެވެ. އަދި ހޯލްސޭލްކޮށާއި ރީޓެއިލްކޮށް، ފިޔާވެސް ވިއްކަމުން ދިޔައެވެ.

އެސްޓީއޯއިން މިރޭ ބުނިގޮތުން، ފިޔާ އަލުވި އަދި ބިހުގެ އާ ޝިޕްމެންޓެއް ވަނީ ދާދި ފަހުން އަނެއްކާވެސް ގެނެސް، ކްލިއާ ކޮށްފައެވެ.

އެސްޓީއޯއިން ބުނީ މާދަމާއިން ފެށިގެން އެތަކެތި ހޯލްސޭލްކުރުން އަލުން ފަށާނެ ކަމަށެވެ.

އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްސަކޮށް ރާއްޖެ ގެނައި ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކުމަށް ކަނޑައެޅި އަގުތަކަކީ ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 220 ރުފިޔާއަށް، އަދި ބިސް ކޭހެއް 270 ރުފިޔާއަށެވެ.

comment ކޮމެންޓް