ޒާއިރާ ދަތުރު ކުރަމުން ދިޔަ ކާރު ކޯރަކަށް ވެއްޓި އެކްސިޑެންޓެއް ހިނގައިފި

މިދިޔަ އަހަރު ނުކުތް ސުޕަހިޓް ފިލްމު 'ދަންގަލް' އިން މަޝްހޫރުކަން ހޯދި ބަތަލާ ޒާއިރާ ވަސީމް ދަތުރު ކުރަމުން ދިޔަ ކާރު ކޯރަކަށް ވެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓުގައި ޒާއިރާ އަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަޝްމީރުގަ އެވެ. ކާރު ކޯރަށް ވެއްޓުނީ ބޮލެވާޑް ރޯޑް އިން ދުއްވާފައި ދަނިކޮށް، ޑްރައިވަރު އަތުން ކާރުގެ ކޮންޓްރޯލް ދޫވެގެން ކަމަށް ޚަބަރުތައް ބުނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އެއީ ސިޔާސީ މީހެއްގެ ކާރެކެވެ. އެކްސިޑެންޓު ހިނގި އިރު ކާރުގައި ޒާއިރާގެ އިތުރުން އޭނާގެ އެކުވެރިޔަކު ވެސް އިނެވެ. އެ ދެމީހުން ސަލާމަތް ކޮށްފައި ވަނީ އެ ހިސާބުގައި ތިބި އާންމު ރައްޔިތުންނެވެ.

އެކްސިޑެންޓުގައި ޒާއިރާ އަށް އަނިޔާ އެއް ލިބިފައި ނުވާ ނަމަވެސް، އޭނާގެ އެކުވެރިޔާ އަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.

އާމިރު ޚާންގެ ހިޓް ފިލްމު 'ދަންގަލް' އިން ބޮލީވުޑަށް ތައާރަފުވި ޒާއިރާ އެ ފިލްމުގައި އަދާކޮށްފައި ވަނީ ގީތާ ޕޯގަޓްގެ ރޯލެވެ. ޒާއިރާ އަށް އެ ފިލްމުން ބޮޑު ތަރުހީބެއް ލިބުނު އިރު، އޭނާ އަށް ވަނީ އެންމެ މޮޅު އަންހެން ސަޕޯޓިންގް އެކްޓަރުގެ ގައުމީ އެވޯޑު ވެސް ލިބިފަ އެވެ.

ޒާއިރާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ 'ސީކްރެޓް ސުޕަސްޓާ' ކިޔާ ފިލްމަކުންނެވެ.

comment ކޮމެންޓް