ބޭނުންވީ ފާދިރީއަކަށް ވާން، ނަމަވެސްވީ މުސްލިމަކަށް

ޖޯން ނެލްސަން އެމެރިކާގެ ކެލިފޯނިއާގައި އުޅެ ބޮޑުވީ ނަސާރާ ދީނުގެ ކެތޮލިކް މަޒްހަބަށް ތަބާވާ މީހެއްގެ ގޮތުގަ އެވެ. ސެން ޑިއޭގޯގައި އޭނާ ކިޔަވަމުން ދިޔަ އިރު އޭނާ ބޭނުންވީ ކެތޮލިކް ފާދިރީއަކަށް ވާށެވެ.

ޔުނިވާސިޓީން ފިލީސޮފީ ކިޔަވައިގެން އޭނާ ވަޒީފާއަށް ދާން ފެށި އެވެ. ފަހުން އޭނާ އަށް ވަޒީފާ ލިބިގެން، ދިޔައީ ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށެވެ.

ނެލްސަން ބުނި ގޮތުގައި، ވަޒީފާގައި އޭނާއާ ދިމާވި މުސްލިމަކު އޭނާއަށް ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް ދިނެވެ. އެ ފޮތް އޭނާ ކިޔައި ހަދަ އެވެ. ނަމަވެސް އެއީ ޝައުގެއް އޮވެގެނެއް ނޫނެވެ. ފޮތެއް ކިޔައިލުމަށް ޓަކައި ކިޔާލާ ފަދައިންނެވެ.

ނެލްސަން ބުނީ ޤުރުއާނުގެ އެއްބައި ކިޔަވާފައި އެ ފޮތް އެނދު ކައިރީގައި ހުރި މޭޒުމަތީގައި ބޭއްވީ ކަމަށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ނެލްސަންއަށް އާދަޔާޚިލާފު ކަމެއް ދިމާވި އެވެ. އެއްރޭ ނިދާފައި އޮއްވައި އޭނާ އަށް ހޭލެވުނީ މީހަކު ވަރަށް ބާރަށް "ނަމާދު ކުރޭ" މިހެން ބުނާ އަޑަށެވެ. ނިދިން ހޭލެވި، އޭނާއަށް ހިތާހިތާ ބުނެވުނީ ނަމާދު ކުރަން ނޭނގޭ ކަމަށެވެ. އަނެއްކާ ވެސް އެއްކަލަ އަޑުން އޭނާއަށް ނަމާދު ކުރުމަށް ގޮވާލި އެވެ. މީހަކު ކައިރީގައި ހުރީއެއް ނޫނެވެ. ބޮލުތެރޭގައި އެ އަޑު އިވެނީ އެވެ.

އޭގެ ފަސް ހަފްތާ ފަހުން ހަމަ އެފަދަ ހާދިސާއެއް ދިމާވި އެވެ. މިފަހަރު ބޮލުތެރެއިން އެ އަޑު ގޮވާލީ "ކިޔަވާށޭ"އެވެ. ނެލްސަން އެނދުގެ އެއްފަރާތަށް ބަލާލި އިރު ފެނުނީ ކީރިތި ގުރުއާނުގެ ތަރުޖަމާ ފޮތެވެ. އޭނާ ވަގުތުން އެ ނަގައިގެން ކިޔަން ފެށި އެވެ.

"އަހަރެން ހިތަށް އެރި، މިއީ ނިދުމާއި ވަޒީފާއަށް ދިއުމާ ދެމެދު ކިޔާލަން ކިޔާ ފޮތަކަށް ނުވާނެ. މީގެން ކޮންމެވެސް ކަމެއް ހާސިލުކުރެވެން އޮންނާނެ،" ނެލްސަން ބުންޏެވެ.

ނެލްސަން ބުނީ، އިސްލާމް ދީނާއި އޭނާއާ އޮތް ހަގީގީ ގުޅުމުގެ ފެށުމަކީ އެއީކަމަށެވެ. އެހިސާބުން އިސްލާމް ދީނުން ދައްކައިދިން މަގާއި ގުޅުމުގައި އޭނާ ބާރަށް ހިފައިފި އެވެ. ނެލްސަން ބުނި ގޮތުން، އިސްލާމް ދީނުގެ ރޫހާއި އަސާސުތަކުގައި ހިފަހައްޓައިފި ނަމަ މަގުފުރެދިގެން ނުދާނެކަން އޭނާއަށް ގަބޫލު ކުރެވުނެވެ. އެހެންކަމުން އޭނާ ނިންމީ އިސްލާމަކަށް ވުމަށެވެ. އެއީ 2010 ވަަނަ އަހަރެވެ.

އޭރު އޭނާގެ އާއިލާ ދިރިއުޅެމުންް ދިޔައީ އެމެރިކާގަ އެވެ. އޭނާ އެމެރިކާއަށް ގޮސް އަންހެނުންގެ ގާތުގައި އެ ވާހަކަ ބުނުމުން އަންހެނުން ހުރީ ހިތްހަމަނުޖެހިފަ އެވެ.

"އަންހެނުން ހުރީ އޭނާއާ މަޝްވަރާނުކޮށް މުސްލިމަކަށް ވީމަ ހިތްހަމަނުޖެހިފައި. އަހަރެން ބުނިން އަހަރެންގެ އަގީދާ ބަދަލުކުރަން މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެއޭ،"

ނެލްސަން ބުނީ، އިސްލާމް ދީނުން އޭނާއަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ކޮންމެ ކަމަކަށްވެސް ވަގުތެއް ވާކަން ކަމަށެވެ.

"ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވޭ. އެއީ ތިބާ ނޫނީ އަހަރެން ނިންމާ ވަގުތެއް ނޫން. ތިބާގެ ހިތް ހުޅުވިފައިވާ ނަމަ ހިދާޔަތް ލިބޭނެކަން ޔަގީން،" ނެލްސަން ބުންޏެވެ.

comment ކޮމެންޓް