ރޯދައިގެ ވަސިއްޔަތް: ޤުރުއާނުން ރިވެތި އަހުލާގު ދަސްކުރަމާ

އިސްލާމީ މަރުކަޒުގައި މީހަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖްތަމައެއްގެ އަފްރާދުންނަށް އެކުގައި ހަމަޖެހިގެން ދިރިއުޅެވޭނީ، ދޭދޭ ފަރުދުންގެ މެދުގައި ރަނގަޅު ގުޅުމެއް އޮވެގެންނެވެ. އެ ގުޅުމުގެ އަސްލަކީ ރިވެތި އަހުލާގެވެ. ރިވެތި އަހުލާގަކީ އިޖްތިމާއީ ހަޔާތުގައި ކޮންމެހެން ބޭނުންޖެހޭ ކަންކަމުގެ ތެރެއިން ހިމެނޭ، އެއާއި ނުލާ ހަމަޖެހޭ ދިރިއުޅުމެއް ނޫޅެވޭނޭ އެއްޗެކެވެ. މުޖްތަމައުގައި އޮންނަޖެހޭ އަހުލާގީ މިންގަނޑު ނެތިއްޖެނަމަ، އެމުޖުތަމައުގެ ފަރުންދުންގެ މެދުގައި މައްސަލަތައް އުފެދި، މަސްލަހަތުތައް ގެއްލި، ލޭ އޮހޮރުވުމާއި ފިތުނަ ފަސާދަ އާންމުވެދާ ހުއްޓެވެ.

އެބައެއްގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަނިޔާވެރިވެ ފިތުނަ ފަސާދަ އާންމުވުމުން މެނުވީ، އެއްވެސް އުންމަތެއްގެ ބަޔަކު މާތްﷲ ނެތިކުރައްވާފައި ނުވެއެވެ. އަދި އެއްވެސް އުންމަތެއްގެ ބަޔަކު، އެބައިމީހުންނީ ސޯލިހު ރަނގަޅު ބަޔަކުކަމުގައި ވާނަމަ މާތްﷲ އެބައިމީހުން ނެތިނުކުރައްވައެވެ.

ކީރިތި ގުރްއާނުން ލިބޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުން ވޭތިކުރާ މީހެއްގެ ހަޔާތަކީ ރިވެތި އަހުލާގުން ޒީނަތްތެރިވެގެންވާ ހަޔާތެކެވެ. ކީރިތި ގުރްއާނުގެ އާޔަތްތަކާމެދު ވިސްނައި ފިކުރު ކޮށްލުމުން ރިވެތި އަހުލާގަށް އެފޮތް ދައުވަތުދޭ މިންވަރު އެނގިގެންދެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ އަޚުލާގަކީ ކޮބައިތޯ ސުވާލުވެވުމުން ޖަބަކީވެސް އެއީވެއެވެ. "އެކަލޭގެފާނުގެ އަޚުލާކީ ޤުރްއާނެވެ."

ކީރިތި ޤުރްއާނުގައި ރިވެތި އަޚުލާޤުގެ އެތައް ސިފަތަކެއްވަނީ އަންގަވާފައެވެ. އެގޮތުން ﷲއަށް އީމާންވީ އަޅުތަކުންގެ އަހުލާގީ މިންގަނޑު ބަޔާންކުރައްވައި، ފުރުޤާން ސޫރަތުގެ 63 ވަނަ އާޔަތުންފެށިގެން 76 ވަނަ އާޔަތަށް ވަނީ، ރިވެތި އަހުލާގުގެ ސިފަތައް ބަޔާންކޮށްދެއްވާފައެވެ. އޭގެ ތެރޭގައި، މީސްތަކުންގެ މެދުގައި ބޮޑާވެނުގަތުމާއި، މަޑުމައިތިކަމާއި ހިތްތިރިކަމާއެކު ހިނގާބިނގާވެ އުޅުމާއި، ޒުވާބުކުރުމުން އެއްކިބާވުމާއި، އަދި އަޅުކަމުގައި ގިނަވަގުތުން ހޭދަކުރުން ހިމެނެއެވެ. ހަމަ އެފަދައިން ހޭދަކުރުމުގައި މުއްބާރުކޮށް ދަހިވެތި ނުވުމާއި، އެއާއެކު އިސްރާފުނުކުރުމާއި، ބޮޑެތި ފާފަތަކަށް އަރައިގަތުމުން ދުރުހެލިވުންފަދަ ސިފަތައްވެސް ހިމެނެވެ.

މި މާތް މައްސަރުގައި ކީރިތި ޤުރްއާން ކިޔަވާހިނދު، އެޤުރްއާނުގައިވާ ރިވެތި އަހުލާގުގެ ސިފަތަކަށް އަޅުގަނޑުމެން ވިސްނައިލުން ކީއްތޯއެވެ! ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ރިވެތި އަޚުލާޤުގެ ސިފަތަކުގެ ތެރެއިން، ވަކިވަކި ސިފަތަކަށް ބަލާލަމާ ހެއްޔެވެ.

ތެދުވެރިވުން

މި ޒަމާނުގައި އެންމެ ބޭނުންޖެހިފައިވާ އެއް ސިފައަކީ ތެދުވެރިކަމުގެ ސިފައެވެ. ތެދުވެރިކަން ނެތިގޮސް މަކަރާއި ހީލަތްހެދުން ވަނީ އާންމުވެފައެވެ. ތެދުވެރިވުމަށް އަންގަވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ " (التوبة 119) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަގިވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!"

ތެދުވެރިވުމަށް ކީރިތި ޤުރްއާން ބާރުއަޅުވާ މިންވަރުގެ އިތުރަށް، އޭގެ އިދިކޮޅު ސިފަކަމުގައިވާ، ދޮގުހެދުމުން އެއްކިބާވުމަށްވެސް އެތައް އާޔަތެއްގައި ވަނީ އަންގަވާފައެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. "إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ " (غافر 28) މާނައީ: "ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑު ދޮގުވެރިއެއްކަމުގައިވާ މީހަކަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."

އަހުދަށް ވަފާތެރިވުން

އަހުދަށް ވަފާވެރިވުމަކީ ވަރަށް މާތް ސިފައެކެވެ. އަހުދު ފުއްދާ މީހުންނަށް މަދަހަ ކިޔުވައި މާތްﷲ ވަހީކުރައްވައި ވެއެވެ. "وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ" (المؤمنون 8) މާނައީ: "އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ އަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ."

މުޖްތަމައެއް ބަދަހިކަމާއެކު ދެމިއޮތުމަށް އެހީތެރިވެދޭ އެންމެ މުހިންމު އެއް ސިފައަކީ އަހުދަށް ވަފާތެރިވުމުގެ ސިފައެވެ. ފަރުދުންގެ މެދުގައި ކުރެވޭ އެކިއެކި މުއާމަލާތްތަކުގައި ވަފާތެރިކަން ނެތިއްޖެނަމަ، އިތުބާރުގެއްލި، މީސްތަކުންގެ ހައްގުތައް ގެއްލިގެންދެއެވެ. އަހުދަށް ވަފާތެރިވުމަށާއި، އެ އަހުދާމެދު ގިޔާމަތްދުވަހުން ސުވާލުކުރައްވާނޭކަމުގައި ކީރިތި ޤުރްއާންގައި ވަނީ އަންގަވާފައެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. "وَأَوْفُواْ بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْؤُولاً" (الإسراء 34) މާނައީ: "އަދި ތިޔަބައިމީހުން، އަހުދު ފުއްދާށެވެ! ހަމަކަށަވަރުން، އަހުދަކީ (އެއާމެދު) ސުވާލު ކުރައްވާނޭ ކަމެއްކަމުގައި ވިއެވެ."

ކޮންމެ ހާލަތެއްގައިވެސް އަދުލުވެރިވުން

ޢަދުލުވެރިވުމަކީ މުޖްތަމައުގެ ސުލްހަވެރިކަމާއި، އަމަންއަމާންކަމާއި ގުޅިފައިވާ ސިފައެކެވެ. ހައްގުގެ މަގުގައި ދެމިތިބެ، މީސްތަކުންގެ ހައްގުތައް އެބައިމީހުންނަށް ހޯދައިދީ، އަނިޔާވެރިކަމުން އެއްކިބާވެގެން މެނުވީ އެކުވެރިކަމާއެކު ހަމަޖެހިގެން މީސްތަކުންނަށް ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (النحل 90) މާނައީ: "ހަމަކަށަވަރުން، އަދުލުވެރިވުމަށާއި، އިހުސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވައުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

ތިމާގެ އަމިއްލަ ނަފްސަށާއި، ގާތްތިމާގެ މީހުންނާއި، އަދި އެނޫން މީހުން ތަފާތުކުރުމެއްނެތި އަދުލުވެރިވުމަށް މާތްﷲ ވަނީ ކީރިތި ޤުރްއާންގައި އަންގަވާފައެވެ. "وَإِذَا قُلْتُمْ فَاعْدِلُواْ وَلَوْ كَانَ ذَا قُرْبَى" (الأنعام 152) މާނައީ: "އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، އަދުލަށް (ތެދަށް) ބުނާށެވެ!"

ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުން

އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަންކަމަށް އަމުރުކޮށް، ނުރަނގަޅު ކަންކަން ހުއްޓުވައި، މުޖްތަމައުގައި ފިތުނަ ފަސާދަ އުފަންދަން މަސައްކަތް ކުރާ މީހުން އެ އަމަލުތަކުން ދުރުކުރުވުމަށް މަސައްކަތްކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ކީރިތި ޤުރްއާންގެ އެތައް އާޔަތެއްގައިވަނީ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތައް ނަހީކުރުމަށް މާތް ﷲ އަމުރު ކުރައްވާފައެވެ.

އެ އިލާހު ވަހީކުރައްވާފައިވެއެވެ. "وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ" (المائدة 2) މާނައީ: "އަދި ހެޔޮކަންތައް ކުޅައުމާއި، ތަގުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"

ނޭނގޭ ކަންކަމުގައި ބަސްބުނެ އުޅުން ނަހީކުރެއްވުން

ދުލުން ހެޔޮ ބަހެއް މެނުވީ ނުބުނުމަށާއި، ތިމާގެ ދުލުން ބުނާ ބަސްތަކަކީވެސް އެއާމެދު ސުވާލުކުރެއްވޭނޭ، އަދި ތިމާ އެ ބަސްތަކާމެދު ޒިންމާވާންޖެހޭނޭ އެއްޗެއްކަމުގައި ދީނުގައި ވަނީ ކަނޑައަޅުވާފައެވެ. ވީމާ، ތިމާއަށް ނޭނގޭ ކަންކަމާމެދު ބަސްބުނެ، ދޮގު ވާހަކަތައް ފެތުރުމުން އެއްކިބާވާންޖެހެއެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولـئِكَ كَانَ عَنْهُ مَسْؤُولاً" (الإسراء 36) މާނައީ: "އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނެ ކަމެއްކަމުގައިވިއެވެ."

އަދިވެސް ވަހީކުރައްވާފައިވެއެވެ. "وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَـذَا حَلاَلٌ وَهَـذَا حَرَامٌ لِّتَفْتَرُواْ عَلَى اللّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللّهِ الْكَذِبَ لاَ يُفْلِحُونَ" (النحل 116) މާނައީ: "ﷲއާ މެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ހަލާލު ކަމެކޭ، އަދި މިއީ ހަރާމް ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، ﷲއާ މެދު، ދޮގުހަދާ މީހުން ނުދިނޭހުށްޓެވެ."

ބޮޑާކަމާއި ކިބުރުވެރިކަން ނަހީކުރެއްވުން

ކިބުރުވެރިކަމުގެ ސިފައަކީ މާތްﷲ ނުރުއްސަވާ ސިފައެކެވެ. އަދި މީސްތަކުންގެ ތެރެއިން ދުނިޔޭގައި ބޮޑާވެ ކިބުރުވެރިވެގަތް މީހުން އާހިރަތުގައި ނިކަމެތި ކުރައްވާނޭކަމުގައިވެސް ރިވާވެގެންވެއެވެ. އަދި މީސްތަކުންގެ މެދުގައި ހަށިފުއްޕައި ގަދަކަން ދައްކައި ނުހެދުމަށްވެސް މާތްﷲ ވަނީ އަމުރުކުރައްވާފައެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ. "وَلاَ تَمْشِ فِي الأَرْضِ مَرَحاً إِنَّكَ لَن تَخْرِقَ الأَرْضَ وَلَن تَبْلُغَ الْجِبَالَ طُولاً" (الإسراء 37) މާނައީ: "އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާއަކަށް ނުދެވޭނެތެވެ."

އަދިވެސް ވަހީކުރައްވާފައިވެއެވެ. "وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحاً إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ" (لقمان 18) މާނައީ: "އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަހުރުވެރިވާ އެއްވެސް މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ."

އިސްރާފުކުރުން ނަހީކުރެއްވުން

ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމުގައި ހޭދަކުރާ ހިނދު ވިސްނައިލުން މުހިންމުވެގެންވާ އަނެއް ސިފައަކީ އިސްރާފުކުރުމުގެ ސިފައެވެ. އެ ސިފައަކީ މާތްﷲ ލޯބިވެވޮޑިނުގަންނަވާ ސިފައެއްކަމުގައި ކީރިތި ޤުރްއާނުގައި ވަނީ އަންގަވާފައެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. "يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ" (الأعراف 31) މާނައީ: "އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަ ކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

ކުށްހީ ކުރުމާއި، ޣީބަބުނެ، ދޭތެރެ ޖައްސައި ޖާސޫސްކޮށް ހެދުން ނަހީކުރެއްވުން

މީސްތަކުންގެ މެދުގައި ރިވެތި އަހުލާގުގެ އުސޫލުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް އެ ސޫރަތެއްގައި ބަޔާންކުރައްވާފައިވާ ސޫރަތަކީ ޙުޖުރާތު ސޫރަތެވެ. އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް، ހަޖޫޖައި ނުހެދުމަށާއި، އެކަކު އަނެކަކުގެ ޢައިބުކިޔައި ޣީބަބުނެ ނުހެދުމަށް މާތް ﷲ ވަނީ އަންގަވާފައެވެ. މިކަންކަމަކީ، މިއަދު ގިނަ ބައެއްގެ ދުލުގެ ކުރީން ފަސޭހަކަމާއެކު ބުނެއުޅޭ ބަސްތަކެކެވެ. މާތް ﷲ ރުހިވޮޑިގެންނުވާ، އެފަދަ ބަސްތަކުން އެއްކިބާވުމަށް ކޮންމެ މީހަކުމެ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ * يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ" (الحجرات: 11، 12) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބު ތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފަސީޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. * އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަގުވާވެރިވާށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަހީމުވަންތަ ރަސްކަލާނގެއެވެ."

މި މާތް މައްސަރުގައި އަޅުގަނޑުމެންގެ ނަފްސުތައް ރިވެތި އަހުލާގުން ޒީނަތްތެރިކޮށް، އެކަންކަމުގެ މަތީގައި ދެމެހެއްޓުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް