ވީނިއުސްގެ ސީނިއާ އެޑިޓަރު ރިފާއު ފުލުސް އޮފީހަށް ހާޒިރުވަން އަންގައިފި

ވީނިއުސްގެ ސީނިއަރ އެޑިޓަރ އަހްމަދު ރިފާއު --- ސަން ފައިލް ފޮޓޯ

އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ހައްޔަރުކުރި މައްސަލައާ ގުޅޭގޮތުން ވީ މީޑިއާގެ އޮންލައިން ނޫސް "ވީނިއުސް" ގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެން، އެ ނޫހުގެ ސީނިއާ އެޑިޓަރު އަހްމަދު ރިފާއު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރާ ރިފާއު "ސަން"އަށް ވިދާޅުވިގޮތުގައި މިރޭ 8:30 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް މިއަދު އެންގި ކަމަށެވެ.

ނަމަވެސް ވަރަށް ވަގުތު ކުޑަތަންކޮށްފައި އެންގުމުން، ހާޒިރުވާން ދަތިވުމުން މާދަމާރެއަށް ހާޒިރުވުން ބަދަލުކޮށްދޭން ފުލުހުންގެ ގާތުގައި އެދުނު ކަމަށް ރިފާއު ވިދާޅުވިއެވެ.

"ރޯދަ ވީއްލަން ވަރަށް ގާތްވެފައި ވަނިކޮށް ފުލުހުން ގުޅާފައި ބުނީ މިރޭ ޖައްސާލަބަލާށޭ. ދެން އަޅުގަނޑު އެދިގެން މާދަމާއަށް ބަދަލުކުރީ،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރިފާއު ވިދާޅުވިގޮތުގައި، ފުލުހުން އޭނާ ހާޒިރުކުރަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އާޒިމް ހައްޔަރުކޮށްފައިވާ މައްސަލައިގައި، ވީނިއުސްގައި ޖަހާފައިވާ ޚަބަރަކާ ގުޅޭގޮތުންނެވެ.

"އާޒިމްއާ ގުޅޭ ޚަބަރަކާ ގުޅިގެންނޭ ފުލުހުން ބުނީ. އާޒިމްއާ ގުޅޭ ހައެއްކަ ޚަބަރު އިއްޔެ ވީނިއުސްގައި ޖަހާފައި ވާނެ. އޭގެން ސީދާ ކޮން ޚަބަރެއް ކަމެއް ފުލުހުން ނުބުނޭ،"

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް، ޖޫން އަށްވަނަ ދުވަހު ހައްޔަރުކުރީ "ޝަރުއީ ނިޒާމާ މެދު ދޮގު މައުލޫމާތު ފެތުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ" ތުހުމަތުގައެވެ.

comment ކޮމެންޓް