މަންމަ

ވިލިމާލޭ ކުޑަކުދިންގެހިޔާގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އެކަކަށް އޮވެވޭ ވަރުގެ އެނދެއްގައި އުމުރުން އެންމެ ނުވަ މަހުގެ ތުއްތު ސަވާ މޭމަތީގައި ބާއްވާލައިގެން އުމުރުން ތޭރަަ އަހަރުގެ ސަރާ އޮތެވެ. ދެއަތުން ސަވާގެ ހަށިގަނޑުގައި ވަށާލައިގެން އޮތް އިރު ދެލޮލުގެ އަރިމަތިން ފައިބައިގެންދާ ކަރުނަތައް ދެފަރާތުގެ ކަންފަތް ތެރެއަށް ހިނދެމުން ދެއެވެ. ފުން ނިންޖަކުން ނިދާލާފައި އޮތް ސަވާގެ މޫނުމަތިން ވެސް ގިނައިރު ރޮއެފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. މަތިން މަޑު ރާގަކަށް އެނބުރެމުންދާ ފަންކާ އަށް ސަރާގެ ނަޒަރު ސީދާވެފައި ވިއެއް ކަމަކު އޭނާގެ ހިތާއި ސިކުނޑި ގުޅިފައިވަނީ މީގެ އަށް ގަޑީރު ކުރިން ބަޔަކު މީހުން ބިމު އަޑީގައި ވަޅުލާފައި އައި އެ ދެބެންގެ ލޯބިވާ މަންމަގެ ހަނދާންތަކެވެ.

"ކޮއްކޯ. މެންދުރު ކާން ތައްޔާރުވެފައި ހުރީ. އަވަހަށް ހިނގާ" ކުއްލިއަކަށް ސަރާ ސިހުނީ ތަނުގައި މަސައްކަތްކުރާ އޯގާތެރި ދައްތައެއްގެ އަޑުންނެވެ. އެއްފަރާތަކަށް ބޯއަރިކޮށްލާ އެނދު ކައިރީގައި ހުރި މެދުއމުރުގެ އަންހެންމީހާ އަށް ބަލާލަމުން ސަރާ ދެފަރާތަށް ބޯހަލުވާލީ ކާން ދެކޮޅުހަދަމޭ ބުނާ އުސޫލުންނެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް މިވަގުތު އޭނާގެ އަރުން އެތެރެއަށް ފެންފޮދެއް ވެސް ނުދާނޭކަން އޭނާ އަށް އެނގޭތީއެވެ.

ބާލީސް މަތީގައި ސަވާ ބާއްވާލުމަށްފަހު އެނދުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ދެބެންގެ ހެދުންތައް އަޅާފައި ހުރި އާދައިގެ ސްކޫލް ދަބަހެއް ސަރާ ހުޅުވާލިއެވެ. އޭނާ އެތަނަށް އަންނަން ފޮށްޓަށް އެއްޗެހި އެޅިއިރު މަންމަ ސަނާގެ ބައެއް ސާމާނު ވެސް ވަނީ އެދަބަހަށް އަޅާފައެވެ. މަންމަގެ ދެތިން ހެދުން އަތަށް ނެގުމަށްފަހު ހެދުންތައް މޭގައި ޖައްސާލަމުން ސަރާ އަށް ބާރަށް ރޮއެގަނެވުވެ. ކުއްލިއަކަށް ކަރުނަތަކާއިއެކު އޭނާގެ ފުސްވެފައިވީ ދެލޯ އަމާޒުވީ ހެދުންތަކުގެ ތެރެއިން އޭނާގެ އުނގުމައްޗަށް ވެއްޓުނު ކުޑަކުދިން ތާނަ ލިޔަން ގެންގުޅޭ ކަހަލަ ކަރުދާސް ތުނި ފޮތަކަށެވެ. ހެދުންތައް ދޫކޮށްލަމުން އެފޮތް ނަގާ ދެލޯ ކައިރި ފޮހެލުމަށްފަހު އެފޮތަށް ރަނގަޅަށް ބަލާލިއެވެ. ފޮތް ހުޅުވާލިތަނާ ނިދާފައި އޮތް ސަވާ ރޯންފެށި އަޑަށް ބާލީހާއެކު ކޮއްކޮ ގެނެސް ދަމާލާފައިވާ ދެފައި މަތީގައި ބާއްވާލަމުން ދެފަރާތަށް ކުޑަކޮށް ތަޅުވާލިއެވެ. އިސާހިތަކުން ސަވާގެ ރުއިމުގެ އަޑު މަޑުމަޑުން ކެނޑެމުން ދިޔައެވެ.

"ދަރިފުޅާއެވެ. މީ މަންމަ ހަމައެކަނި ދަރިފުޅަށްޓަކައި މިދުނިޔެއަށް ދޫކޮށްފައިވާ އަގުހުރި ހަދިޔާއެކޭ ހީކޮށްލާށެވެ. މިފޮތުގައި މަންމަ ހިއްސާ މިކުރަނީ މަންމަގެ ހަޔާތުގެ ވާހަކަތައް ވަރަށް ކުރު ކޮށެވެ. މަންމަ ދެކޭ ގޮތުގައި މިވާހަކަތަކީ ދަރިފުޅަށް އެނގެންޖެހޭނެ ވާހަކަތަކެކެވެ. ދަރިފުޅު އަބަދުވެސް އަހަމެއްނޫން ހެއްޔެވެ؟ މަންމަ ހިތާމަކުރަނީ ކޮންކަމަކާ ހެއްޔެވެ؟ މަންމަ ދެރަވަނީ ކީއްވެ ހެއްޔެވެ؟ އެސުވާލުތަކުގެ ޖަވާބު ދަރިފުޅަށް މިފޮތް ކިޔާ ނިމޭއިރު ލިބޭނެެއެވެ. ތީ މަންމަގެ ހިތްވަރުގަދަ ދަރިފުޅެވެ. ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވައްޓާނުލާ މި ފޮތް ކިޔާ ނިންމައްޗެވެ. ދަރިފުޅުމެންދެކެ މަންމަ ވަރަށް ލޯބިވަމެވެ.

މަންމަ ހަނދާން ހުންނަން ފެށިއްސުރެ މަންމަގެ އާއިލާ އެއް ނުދެކެމެވެ. މަންމަ އުޅުނީ އެކަނިއެވެ. މީހުންނަށް މަސައްކަތްކޮށް ދިނުމުން އެމީހުން މަންމަ އަށް ބަނޑުފުރާ މުއްތި ކުރެވޭ ވަރަށް ކާއެތިކޮޅު ދެއެވެ. ހިތްހެޔޮ ބައެއް މީހުން ލާފައިދޭ ބާހެދުން އެއީ މަންމަގެ އެންމެ އާ ހެދުންތައް ކަމުގައި ދެކުނީމެވެ. މަންމަ ނިދަނީ ހިތްހެޔޮ ދެމަފިރިއެއްގެ ގޭގައެވެ.

މަންމަ ފުރާފުރިހަމަވެ އަށާރަ އަހަރުވީތަނާ މަންމަގެ ހަޔާތަށް އަލަށް ފިރިހެނަކު އައެވެ. އެއީ ވައްކަމުގެ މައްސަލައެއްގައި ރަށަށް އަރުވާލާފައި ހުރި މީހެކެވެ. އެމީހާ ދެކެ މަންމަ ހިތާއި ފުރާނައިން ލޯބިވީމެވެ. ނަމަވެސް ރަށުގެ ގިނަ މީހުން ރުހޭ ކަމެއް ކަމުގައި އެކަމެއް ނުވިއެވެ. އެހެންކަމުން މަންމަ އަށް ޖެހުނީ އޭރު މަންމަ އުޅުނު ގެ ދޫކޮށްލާށެވެ. އެގޭ މީހުން މަންމަ އެގޭގައި ހުންނަން ބޭނުންނުވީއެވެ. މަންމަ ދާނެ އެއްވެސް ތަނެއް ނެތެވެ. ރަށުގައި އުޅޭ މީހުން ހަޑި އެއްޗެހިކިޔާ މަލާމަތް ކުރަން ފެށުމުން މަންމަ ރަށުން ފޭބީމެވެ. މަންމަ ދިޔައީ އޭރު މަންމަ ރައްޓެހިވެގެން އުޅުނު މީހާގެ ރަށަށެވެ. އޭނާ އެއް އަހަރު ފަހުން ސަލާމަތްވެގެން އައިސް މަންމަ އާއި ކައިވެނިކުރާނެ ކަމުގައި ބުނެ މަންމަގެ ގެނބެމުންދިޔަ ހިތަށް ހިތްހަމަޖެހުން ގެނެސްދިނެވެ.

އަނެއްކާ ވެސް ބީރައްޓެހި ބައެއްގެ ތެރޭގައި މަންމަ އުޅެން ޖެހުނީ ވަރަށް ހާލުގައެވެ. މަންމަ ހުރީ މަންމަގެ ލޯބިވެރިޔާގެ މައިންބަފައިން ކައިރީގައިި ނަމަވެސް އެމީހުންގެ ފަރާތުން މަންމަ އަށް ލިބިގެން ދިޔައީ އަނިޔާ އާއި ނަފްރަތެވެ. މަންމަ ކެތްކުރީ މިދިނިޔެއަކީ އިމްތިޙާންގެ ގޮވައްޗޭ ހިތަށް އަރުވަމުންނެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދަނިކޮށް މަންމަގެ ލޯބިވެރިޔާ ބުނި ފަދައިން އެއް އަހަރު ވީތަނާ އޭނާ ސަލާމަތްވެގެން އަތުވެއްޖެއެވެ. މަންމަގެ ނިވެމުންދިޔަ ބައްތީގެ ހުޅުކޮޅަށް ދެން ކުޑަވެސް ލޮޅުމެއް ނާރާނޭ ހިތާ މަންމަ އުފާ ކުރީމެވެ. ނަމަވެސް ކަންތައްވީ މަންމަ ހީކުރި ގޮތަކަށް ނޫނެވެ. އޭނާ މަންމަގެ ނުރުހުމުގައި މަންމަގެ އިއްފަތްތެރިކަން ފޭރިގަތެވެެ. މަންމަގެ ދުނިޔެ ހުއްޓިއްޖެ ކަމުގެ އިހުސާސް އެދަނޑިވަޅުގައި މަންމަ އަށް ކުރެވުނުވެ. މަންމަ ރޯއަޑު އަހާނޭ އެއްވެސް ފަރާތެއް ނެތެވެ. މަންމަ ކުރި ދިގު އިންތިޒާރުގެ އިނާމަކަށް ލިބުނީ ޒަހަރަށް ވުރެ ވެސް ހިތި އެއްޗެކެވެ. އެވާހަކަތައް އެހެން މީހަކަށް ކިޔާ ނުދިނުމަށް އޭނާ މަންމަ އަށް ބިރުދައްކާ އިންޒާރުދިނެވެ. ނަމަވެސް އޭރު މަންމަ ވަނީ ދިރިއުޅުންމަތިން މުޅިން ފޫހިވެފައެވެ. މަރުވޭތޯ ދުޢާ ވެސް ވެސް ކުރެވެން ފެށިއެވެ. ނަމަވެސް މަރުވަންދެން ވެސް ދިރިއުޅެން ޖެހޭނެނޫން ހެއްޔެވެ؟ އެހެންކަމުން އާހިތްވަރަކާއެކު މަންމަ ދިރިއުޅުމައިގެން ކުރިއަށްދާން ފެށީމެވެ.

ނަމަވެސް ދަރިފުޅާއެވެ! އޭގެ ދޮޅުމަސް ފަހުން މަންމަ ކުރިމަތިލާން ޖެހުނީ ހާދަ ލަދުވެތި ކަމަކާއެވެ. މަންމަ ދަރިފުޅަށް ބަލިވެ އިނީއެވެ. ގިނަ ދުވަސްތަކެއް ނުވެ މުޅި ރަށަށް މަންމަ ބަދްނާމް ވެއްޖެއެވެ. ހުންނަ ގެއިން ވެސް މަންމަ ނެރެލައިފިއެވެ. މަންމަ އަށް އެހާލު ޖެއްސީ ކާކުކަން އެންމެންނަށް ރޮމުން ބުނެދެމުން ދިޔައީމެވެ. ނަމަވެސް އެކަކު ވެސް މަންމަ އަށް އިތުބާރެއް ނުކުރިއެވެ. އެރަށުގެ ވަލާއި ކައިރީގައި ހުރި އާދައިގެ ބާ ގެގަނޑެއްގައި ދަރިފުޅު ބަނޑަށް ލައިގެން މަންމަގެ ހިތްދަތި ދުވަސްތައް ގުނަން ފެށީމެވެ. ހަނޑޫ ބަސްތާއެއްގައި ފީފުކެއް އޮތަސް މުޅި ހަނޑޫ އެތި ފީނުވާނޭ ބުނާ އުސޫލުން އެރަށު އެންމެންނަކީ ނުބައި ބައެއްގެ ގޮތުގައި މަންމަ އަށް ގަބޫލުކުރަން ދަތިވާން ފެށީ އެރަށުން ބައެއް ހިތްހެޔޮ މީހުންގެ އޯގާތެރިކަން އެކަނި އުޅެމުން އައި މި މަންމަ އަށް ލިބެން ފެށުމުންނެވެ.

މަންމަ ދަރިފުޅު މި ދުނިޔެއަށް ގެނައީ އެކަނި އޮވެއެވެ. މަންމަ އަށް އެހީވެދެން އެގެއަށް މީހަކު އައީ މަންމަ ދަރިފުޅު ވިހާފައި ފޫޅުވެސް ވަކިނުވެ އޮށްވައެވެ. ރަށުގެ ބައެއް މީހުން ކަމާބެހޭ ފަރާތަށް އަންގާނެ ކަމަށާއި ، މަންމަ އާއި އަޅާލާނެ މީހަކު ނެތުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ވަހަކަ ދައްކަން ފެށިއެވެ. އެކަން އެމީހުން ހުއްޓާލީ މަންމަ ރޮއެ އާދޭސް ކުރި ވަރުންނެވެ. ސަބަބަކީ މަންމަ އެކަނި އުޅެން ބޭނުންވާތީއެވެ. ބައެއްގެ ހިމާޔަތުގައި މަންމަ ނިމިދާން ބޭނުންނުވާތީއެވެ. މަންމަގެ ލޯބިވާ ތިދަރިފުޅަށް ދެރަގޮތެއްވާން މަންމަގެ ހިތް ނުރުހޭތީއެވެ.

ދަރިފުޅު ގޮވައިގެން އެކަނި ދުވަސްތައް ވޭތުކުރަމުން ދަނިކޮށް އަނެއްކާ ވެސް ނުލަފާ ޖަނަވާރެއްގެ ވަކިތަކުގެ ޝިކާރައަކަށް މަންމަ ވެގެން ދިޔައިރު ދަރިފުޅަށް ކިރިޔާ ފިރުކެވޭ ކަމެވެ. އެރޭ ދަރިފުޅު ގޮތްހުސްވެފައިި އޮތް މި މަންމަ އަށް ބަލަން އިނދެ ރޮމުން ދިޔަ ގޮތް އަދިވެސް މަންމަ އަށް ފެންނަ ކަހަލައެވެ. ދަރިފުޅަށް ކާންދޭން މަންމަ ތައްޔާރުކޮށްފައި ހުރި ބަކުން ތަށީގައި ހިފާލާނެހާ ހިތްވަރު ވެސް މަންމަގެ ނެތެވެ. އެންމެ ފަހުން މަންމަ ކޫއްތެމުން ގޮސް އެތައްޓާއި މަންމަގެ ދެފައި ކައިރިވީ ވަގުތު މަންމަ ފައިތިލަ ތަށީގައި ޖެހި މަންމަގެ ފައިތިލަ މައްޗަށް ބަކުން ތަށި ބަނޑުންވީއެވެ.

ދަރިފުޅަށް އެނގޭ ހެއްޔެވެ؟ އެދުވަހު ދަރިފުޅު ކެއީ މި މަންމަގެ ފައިތިލަ މަތީގައި ހުރި ކާއެތިކޮޅެވެ. އެވެސް ދަރިފުޅު އަމިއްލަ އަށް ފިރުކެމުން ރޮމުން އައިސް އަނގަ ޖަހައިގެންނެވެ. އެވަގުތު މަންމަގެ ހިތަށް ހާދަ ތަދުވިއެވެ. އެންމެފަހުން ދަރިފުޅު ރޮއެރޮއެ ބަލިވެގެން ނިދީ މަންމަގެ ފައިތިލަ މަތީގައެވެ. އެހާލުގައި އަނެއްކާ ވެސް މަންމަ ކެތްކޮށް ދިރިއުޅުމައިގެން ކުރިއަށް ދަނިކޮށް ދެވަނަ ފަހަރަށް މަންމަ ބަލިވެ އިނދެއްޖެއެވެ. މިފަހަރު މަންމަގެ ނަސީބު މަންމަ އާއި އެއްކޮޅުވެ ބަލިވެއިންތަނާ ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔައީ ރަށުތެރެއަށް މަންމަ ބަދުނާމް ވުމުގެ ކުރިންނެވެ. އެކަމަށްޓަކައި މަންމަ ކަލާނގެ ހަޟްރަތަށް ހާސްފަށުން ޝުކުރު ކުރީމެވެ.

ދަރިފުޅުގެ އުމުރުން ތޭރަ އަހަރު ވަންދެން މަންމަ އެރަށުގައި ހޭދަކުރީމެވެ. އުޅެމުން އައި ގެގަނޑު ވިއްސާރައިގާ ޖެހި ހަލާކުވުމުން ދަރިފުޅު ގޮވައިގެން މަންމަ ކުރިން އުޅެމުން އައި ރަށަށް ބަދަލުވީ އެނޫން ގޮތެއް ނެތުނީމައެވެ. ރަށު ބައެއް މީހުންގެ ފަރާތުން މަންމަ އަށް ހިނިތުންވުމެއް ލިބުނަސް ގިނަމީހުން ތިބީ މަންމަ ދެކެ ފޫހިވެފައި ކަން އެނގުނީ އެމީހުން މަންމަ ފެނި މޫނު އަނބުރާލި ގޮތުންނެވެ. އަދި ދަރިފުޅަކީ ބައްޕަ ނެތް ކުއްޖެއްކަން އެނގުނު ހިސާބުން މަންމަ އަށް ކުރާ ނަފްރަތު އިތުރުވެގެން ދިޔައެވެ.

ނަމަވެސް މަންމަ އަށް ލިބުނު ހިތްހެޔޮ އެކުވެރިއެއް ކައިރީގައި ދަރިފުޅު ގޮވައިގެން އަނެއްކާ ވެސް އުޅެމުން ދިޔައީ މަންމަގެ ހަޔާތުން މާޒީވެ ދިޔަ ދުވަސްތައް ހަނދާން ނައްތާލަމުންނެވެ. ދަރިފުޅާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަން ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. މަންމަ އަށް ލިބުނު ހިތްހެޔޮ އެކުވެރިޔާ ބަލިވުމާއި ގުޅިގެން މާލެ އައުމުން އެގޭގައި ދަރިފުޅާއި މަންމަ އެކަނިވިއެވެ. މަންމަ ކުރި މަސައްކަތުން ކައިރި ފިހާރައަކުން މަންމަ އަށް މަސައްކަތު މީހެއްގެ ވަޒީފާ ލިބުމުން ދަރިފުޅު ރަށުގެ ޓިއުޝަން ނަގައިދޭ ކުއްޖެއް ކައިރިއަށް ފޮނުވަންފެށީ ކިޔެވުމަށް ދަރިފުޅު ފޯރި ހުންނަ ވަރުންނެވެ.

ދުވަސްތައް އެގޮތުގައި ހޭދަވަމުން ދިޔައިރު ފިރިހެނެއްގެ ފަރާތުން މަންމަ އަށް އެއްވެސް ގޯނާއެއް ނުލިބޭއެވެ. މަންމަ ހީކޮށްގެން ހުރީ މާޒީވެދިޔަ ފަދަ ހިތްދަތި ދުވަސްތަކެއް ދެން މަންމަގެ ހަޔާތުގައި ނުދައްކަވާނެ ކަމަށެވެ. އެކަމަކު މަންމަގެ ލޯބިވާ ދަރިފުޅާ އެހެނެއްނުވިއެވެ. މި މަންމަގެ ހަޔާތަށް ތިންވަނަ ފަހަރަށް ވިހަގަދަ ހަރުފައެއް ވިހަލީ އެއްރެއެއްގެ މެންދަމު ދަރިފުޅު ނިދާފައި ވަނިކޮށެވެ. މަންމަ ރޮއެރޮއެ ހަކަތަ ހުސްވާ ވަރުވިއެވެ. ފުރަތަމަ ފަހަރަށް ތަޤްދީރާއި މެދު މަންމަގެ ހިތުގައި ޝަކުވާ އުފެދުނެވެ. މަންމަގެ ހާލަތު އެންމެ ބޮޑަށް ދެނެވޮޑިގެންވާ ފަރާތަށް ދުޢާ ކުރަމުން ކެތްކުރަމުން ދަނިކޮށް މަންމަ ސަވާ ކޮއްކޮަ އަށް ބަނޑުބޮޑު ވެއްޖެއެވެ. ރަށު މީހުންގެ ހިތުގައި މަންމަގެ މައްޗަށް ނަފްރަތު އިތުރު ވެގެން ދިޔައެވެ. މަގުމަތިން ހިނގާފައި ދާއިރު މީހުންގެ ފަރާތުން މަލާމާތާއި އަނިޔާތައް ވެސް ލިބެމުން ދިޔައެވެ.

މަންމަ ކޮއްކޮ ވިހެއީ ދުވަސްނުފުރާ ބަނޑަށް އަށް މަހުގައެވެ. މަންމައަށް އެހީވީ ގެ ކައިރީގައި އުޅުނު މުސްކުޅިފުރާގެ ދައިތައެކެވެ. ކޮއްކޮ އަށް ހަމަސް ވީތަނާ މަންމަ ވަރަށް ބޮޑަށް ބަލިވާން ފަށައިފިއެވެ. މަންމަގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާތީ ދަރިފުޅު އެތައް ފަހަރަކު މަންމަ އާއި ސުވާލުކުރީމެއް ނޫން ހެއްޔެވެ؟ ދުވަހެއް ދުވަހަކަށް މަންމަގެ ބަލި ބޮޑުވަމުން ދިޔަސް މަންމަގެ ބައްޔަކީ ކޮބައި ކަމެއް ޙުދު މަންމަ އަށް ވެސް ނޭނގޭއެވެ.

މަންމަގެ ހަޔާތުގައި މާޒީވެ ގޮސްފައިވާ ހިތްދަތި ދުވަސްތައް ދަރިފުޅަށް މިކިޔާ ދެވުނީއެވެ. ދެން އޮތީ މަންމަގެ ނަޞޭޙަތެކެވެ. ދަރިފުޅު މަންމަގެ މި ނަޞޭޙަތް ކަނުލާ އަޑު އަހައްޗެވެ. މިދުނިޔެއަކީ ވަރަށް ކެހިވެރި ތަނެކެވެ. ހަސަދައާއި ރުޅިވެރިކަން ހުންނަ ކޮންމެ މީހެއްގެ ކިބައިން އެކަން ފެންނަން ނުހުރެދާނެއެވެ. ކުރިމަތީގައި ވަރަށް ރަނގަޅު ވެގެން އުޅުނަސް ހިތުގައި ރުޅިވެރިކަން ބަހައްޓައި ، ދުރުގައި ހުރެ މަލާމަތްކޮށް ހަދާ މީހުން ވެސް މިދުނިޔޭގައި އެންމެ ގާތްކޮށް އުޅޭ މީހުންގެ ތެރޭގައި ވެސް އުޅޭއެވެ. އެންމެ ގާތްކޮށް އުޅޭ މީހަކީ ހެޔޮ އެދޭ މީހެއް ކަމުގައި ނުވެވެސް ހިނގައިދާނެއެވެ.

ދަރިފުޅާއެވެެ! ހަނދާން ބަހައްޓައްޗެވެ. ފުރާނައިން އަތްދޮވެލާން ޖެހުނަސް ދަރިފުޅުގެ އިއްފަތްތެރިކަން ހިމާޔަތް ކުރެވޭތޯ ބަލައްޗެވެ. މަންމަ ފަދައިން ބަލިކަށި އަންހެނަކަށް ދަރިފުޅު ވެސް އަދި ކޮއްކޮ ވެސް ވިޔަ ނުދެއްޗެވެ؟ އެތެރެ ހަށީގައި ނޭވާ ހުރިހާ ހިނދެއްގައި ނަމާދެއް ދޫކޮށްނުލައްޗެވެ. އާޚިރަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމަކީ ނަމާދެވެ. ދަރިފުޅަށް ދެރަގޮތެއް ހެދި މީހަކަށް އަބަދުވެސް މާފް ކުރައްޗެވެ. އެއީ ﷲ އަށްޓަކައި ކުރެވޭ ހެޔޮކަމެކެވެ. ކޮއްކޮއަށް އުފާވެރި މުސްތަގްބަލެއް ހޯދަދެއްޗެވެ. އަބަދުވެސް ހަނދާންކުރައްޗެވެ. އުނދަގު މަގުތަކަކީ ބައެއްފަހަރު އެންމެ ރީތި މަންޒިލަށް ގެންގޮސްދޭނެ ރާސްތާއެވެ.

މަންމަގެ އެންމެފަހު އެދުމަކީ ދުވަހަކު ވެސް ތިދެކުދިން ވަކިނުވުމެވެ. މަރު ނޫނީ އެހެން އެއްވެސް އެއްޗެއް ތިދެކުދިންގެ ދެމެދަށް ހުރަހަކަށް ވިޔަ ނުދެއްޗެވެ. ކޮއްކޮގެ މަންމައެއްގެ ރޯލު އެންމެ ފުރިހަމަ ގޮތުގައި ދަރިފުޅު އަދާ ކުރައްޗެވެ. މަންމަ މިދުނިޔެ ދޫކޮށް މިދަނީ އުފަލުންނެވެ. މަންމައަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ޞާލިޙް ދަރިންތަކެއް މިދުނިޔެއަށް ދޫކޮށްފައެވެ. އެއް ދަރިއަށް ރަނގަޅު ތަރުބިއްޔަތެއް ދީފައެވެ. އެދަރިއަކީ ތީއެވެ. މަންމަގެ ސަރާއެވެ. ދަރިފުޅަށް މަންމަ ދިން ތަރުބިއްޔަތުން މުޙިއްމު ނުކުތާތައް ހޮވާލައިގެން ކޮއްކޮ ތަރުބިއްޔަތު ކުރައްޗެވެ. އޭރުން އެދުނިޔޭގައި ވެސް މަންމަ އުފާކުރާނަމެވެ. ދަރިފުޅު ނުރޮއްޗެވެ. ކޮންމެކަމެއް ވެސް ވާނީ ރަނގަޅަށެވެ. ކޮއްކޮއަށް މަންމަގެ ވަރަށް ސަލާން ބުނެދެއްޗެވެ. މި މަންމަގެ މުޅި ރޫހަކީ ތިދެކުދިންނެވެ.

ފޮތް ލައްޕާލުމާއެކު ސަރާ އަށް ރޮވިއްޖެއެވެ. އަނގަ މަތީގައި އަތް އަޅާލީ އަޑުބޭރުވެ ނިދާފައި އޮތް ސަވާ އަށް ހޭލެވިދާނެތީއެވެ. މިދުނިޔޭގައި ލޯބިވާ މަންމަ ދިރިއުޅުނު ހިތްދަތި ހާލު އެނގި ހިތް ފަޅައިގެންދާވަރު ވިއެވެ. އެފަދަ ލޯބިވެތި މަންމައެއް އަބަދު ކައިރީގައި ހުރުމަށް ނޭދޭނީ ފަހެ ކޮން ދަރިއެއް ހެއްޔެވެ؟

"އަހަރުނުވާ ތުއްތު ކުދިން ބައިތިއްބަން މިތަނުގައި ވަކިން ކޮޓަރިތަކެއްް ހުރޭ. މީގެ ފަހުން ސަވާ ހުންނާނީ ސަރާ އާއި ވަކިން. އަވަހަށް ގެނޭ ކޮއްކޮ" ރޮމުންދިޔަ ސަރާ ސިހުނީ އަންހެންކުއްޖެއްގެ އަޑުންނެވެ. އެ އަންހެންކުއްޖާ އަށް ސަރާ ބަލާލީ ކަރުނުން ފުރިފައިވީ ދެލޮލަކުންނެވެ. ބާލީސްމަތީގައި ނިދިފައި އޮތް ސަވާ ނަގާ ކޮނޑުމައްޗަށް ލަމުން ބާރަށް ބައްދާލީ އެއްވެސް މީހަކަށް އޭނާ އާއި ކޮއްކޮ ވަކިނުކުރެވޭނޭ ބުނާ ފަދައިންނެވެ.

"ހެޔޮނުވާނެ. އަޅުގަނޑުގެ ފުރާނަ ނަގައިގެން ގެންދޭ. އެކަމަކު މި ކޮއްކޮ އަޅުގަނޑާއި ދުރުނުކުރޭ. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި މި ކޮއްކޮ އަޅުގަނޑު ކައިރީގައި މި ކޮޓަރީގައި ބަހައްޓަދީ. މަންމަ ވެސް ބޭނުންވަނީ އެގޮތް. މި ކޮއްކޮ އާއި ނުލާ އަޅުގަނޑު މަރުވެދާނެ...." ސަރާ އަށް ރޮވޭ ވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. އެ އަންހެންކުއްޖާ ސަރާގެ ބަސް ގަބޫލުކުރީ ޔަގީނުން ވެސް އެބަސްތަކުން އެހިތަށް އަސަރެއްކޮށްގެން ކަން ޔަގީނެވެެ.

ކޮޓަރިތެރެ ހުސްވުމާއެކު ސަރާ ސަވާ ގައިގާ ބާރަށް ބައްދާލާ ކޮލުގައި ބޮސްދިނެވެ. މޭތެރޭގައި ސަވާ ފޮރުވާލީ ހިތާއިހިތުން މަންމަ އަށް ވަޢުދުވަމުންނެވެ. ބާލީސްމަތީގައި ބޯއަޅާލީ މޭމަތީގައި ސަވާ ބާއްވާލަމުންނެވެ. ކަރުނުން ފުސްވެފައިވި ދެލޯ މަޑުމަޑުން ލެއްޕެމުން ދިޔައިރު ހަފަރާތުން ވަށާލާފައިވާ އަނދިރިކަމުގެ ތެރެއަށް އަލިކަން ގެނެސްދިނީ ޚިޔާލަށް ފެނިގެން ދިޔަ ލޮބުވެތި މަންމަގެ ފަރި ހިނިތުންވުމެވެ. އެވަގުތު ކަރުނައިގެ ތެރެއިން ސަރާގެ ތުންފަތްމައްޗަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

comment ކޮމެންޓް