އެލްޖީއޭ ބޯޑަށް އައްޔަން ކުރުމަށް ހުށަހެޅި ނަންތަކަށް ކޮމެޓީން ރުހުން ދީފި

އެލްޖީއޭ ބޯޑަށް އައްޔަން ކުރުމަށް ރައީސް ހުށަހެޅުއްވި ބޭފުޅުން.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި ތިން ނަންފުޅު ދިރާސާ ކުރި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ ތިން ބޭފުޅުންނަށް ރުހުން ދީފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު އަލުން އެކުލަވާލާ އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ތިން ބޭފުޅުންނަށް ކޮމެޓީން ރުހުން ދިނީ 90 ޕަސެންޓަށް ވުރެ މަތިން މާކްސް ދިނުމަށްފަހު އެވެ.

އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ ނިމިދިޔަ ދައުރުގައި ވެސް އެލްޖީއޭގެ ބޯޑު މެމްބަރުކަން ކުރެއްވީ އާމިރު އަލީއަށެވެ. އާމިރަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

އެލްޖީއޭ ބޯޑަށް ހުށަހެޅި ނަންތަކަށް ލިބުނު މާކްސް:

  • އާމިރު އަލީ، ގއ. ކަނޑުހުޅުދޫ، ހެޕީކޯނަރ: 94.2 ޕަސެންޓް މާކްސް - އާމިރަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް.
  • އަހުމަދު ހަސަން، ސ. ހިތަދޫ، ފަރުދާބަގީޗާގެ: 92.4 ޕަސެންޓް މާކްސް - އަހުމަދު ހަސަނަކީ މަދަނީ ޖަމިއްޔާއެއް މެމްބަރެއް.
  • މިންނާ ރަޝީދު، ފ. ނިލަދޫ، ހަތިކޮޅު: 92.0 ޕަސެންޓް މާކްސް - މިންނާއަކީ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަނބަލެއް.

އެ ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުގައި ބަލާފައި ވަނީ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އަދި ވިޜަން އާއި ނަޒާހަތްތެރިކަމާއި ހާސިލުކޮށްފައިވާ ތައުލީމީ މަސައްކަތަށެވެ.

އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވި ތިން ނަންފުޅަށް ކޮމެޓީން ރުހުން ދިނުމަށްފަހު، ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ. އެ ބޭފުޅުން މަގާމަށް އައްޔަން ކުރެވޭނީ، މަޖިލީހުގެ ތަޅުމުން އެ ނަންތައް ފާސްކުރުމުންނެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް:

  • ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް
  • ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރެއް
  • މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރެއް
  • ޗީފް އެގެޒެކެޓިވް އޮފިސަރެއް
comment ކޮމެންޓް