ދިވެހި ހަގު ހާފިޒަށް ދުބާއީ ގުރުއާން މުބާރާތުގައި ތައުރީފު

އުމުރުން 13 އަހަރުގެ ނާދިހް (ކ) އޭނާ ދަނީ ދުބާއީގައި ކުރިއަށްދާ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑްގައި ރާއްޖެ ތަމްސީލް ކުރަމުން ---

ކޮންމެ އަހަރަކު ދުބާއީގައި ބާއްވަމުން އަންނަ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑްގެ މިއަހަރުގެ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ އަލްހާފިޒް ނާދިހް އަބްދުލް ހަމީދުގެ ކިޔެވުމުގައި އެންމެންނަށް ހައިރާންކަން ގެނުވައިފި އެވެ.

ނ. މާފަރު، ނާދީގޭ އުމުރުން 13 އަހަރުގެ ނާދިހް މިހާރު ވަނީ އެ މުބާރާތުގެ އޮޑިޝަން ރައުންޑުން ފާސްވެ، އެވޯޑްގެ ފައިނަލް ބުރުގައި މިދިޔަ އަންގާރަ ދުވަހު ކިޔަވާފަ އެވެ. އެ ބުރުގައި ރާއްޖެއާއެކު ހަތް ގައުމެއްގެ ބައިވެރިން ކިޔެވިއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް އަޑަކީ ހާފިޒް ނާދިހްގެ ކިޔެވުމެވެ. އެކަން ދުބާއީގެ ބައެއް މީޑިއާ ތަކުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ދުބާއީގެ ނޫހެއް ކަމަށްވާ ގަލްފު ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކަލާފާން ސްކޫލުގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ނާދިހް ބުނީ، ކިޔެވުމުގައި ކޮންމެ ވެސް ވަރަކަށް ކުށް ކިޔުނު ނަމަވެސް، މުބާރާތުގައި ފުރުސަތެއް އޮތް ކަމަށެވެ.

"އަހަންނަށް އެނގޭ މިއަށްވުރެ ރަނގަޅަށް ކިޔެވޭނެ ކަން، އެކަމަކު އެ ކުށްތައް ކިޔެވުނީ ކޮންމެވެސް ވަރަކަށް ހާސްވެގެން. އިންޝާﷲ، އަހަރެންގެ އުއްމީދަކީ އެންމެ ރީތި އަޑުގެ ކެޓަގަރީ އިން ފުރުސަތެއް ލިބޭނެ ކަމަށް،" ސައުދީ އަރަބިއާގައި މިދިޔަ އަހަރު ބޭއްވި ކިންގް އަބްދުލް އަޒީޒްގެ ބައިނަލްއަގްވަމީ ޤުރުއާން މުބާރާތުގައި ބައިވެރިވެ ފައިނަލް ބުރުގައި ވާދަކުރި ނާދިހް ބުނެފައިވެއެވެ.

ގުރުއާނާބެހޭ މަރުކަޒުން ބޭއްވި 500 ދަރިވަރުންނަށް ހިފްޒު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ ޝަރަފާއެކު ނާދިހް ވަނީ މިދިޔަ އަހަރު ތެރޭ ހާފިޒް ކޮމިޓީއަށް ޤުރުއާން ކިޔަވައިދީ އުމުރުން އެންމެ 11 އަހަރުގައި ހާފިޒަކަށް ވެފަ އެވެ.

ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނާދިހަށް ދިނުމާއެކު އޭނާ ވަނީ ޝަހީދު އަލީ މިސްކިތުގައި ތަރާވީހް ނަމާދު ވެސް ކޮށްފައެވެ.

ނާދިހާއެކު ފައިނަލް ބުރުގައި ވާދަކުރި ބައެއް ބައިވެރިންގެ ތެރޭގައި ހާފިޒުންގެ އާއިލާއަކަށް ނިސްބަތްވާ އަދި އެތައް ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ވާދަކޮށް ގަދަ 10ގައި ހިމެނޭ ސޯމާލިއާއަށް އުފަން 21 އަހަރުގެ އިސްމައިލް އުމަރާއި މުބާރާތުގައި ރަޝިއާ ތަމްސީލްކުރާ 23 އަހަރުގެ އިސްލާމް ޓީޗަރެއް ހިމެނެއެވެ.

ދުބާއީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގައި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ 21 ވަނަ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑްގައި ޖުމްލަ 103 ގައުމަކުން ބައިވެރިވެ ވާދަކުރަމުންދާއިރު، މިހާތަނަށް އައިއިރު 11 ގައުމެއްގެ ބައިވެރިން ވަނީ ޑިސްކޮލިފައިވެއެވެ. އަދި 39 ހާފިޒަކު ފައިނަލު ބުރުގައި މިހާތަނަށް 39 ހާފިޒަކު ވަނީ ކިޔަވާފައެވެ.

ފައިނަލް ބުރުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.

comment ކޮމެންޓް