ކޮލެޖް ނިންމާލުމަށްފަހު ފިރިމީހާ ބަލައި އަންނަންދެން އަހަރެން މަޑުކޮށްލައިގެން އިނީ އަމީނީ ބިލްޑިންގެ ކުރިމަތީގައި ހުންނަ ނިކަގަސްދަށުގައި ހުރި ކުޑަ ބެންޗެއްގައެވެ. މުޅިތަން ގުގުމާލާފައި އޮތީ އަމީނީމަގުގެ ކޮޅުންކޮޅަށް ދެމިފައި އޮތް ދިގު ޓްރެފިކް ކިއުގައި އޮތް އުޅަނދުތަކުގެ ބަރުގޮނުގެ އަޑުންނެވެ. މެންދުރުގެ އެ ވަގުތު ދެމުންދިޔަ ދިލަހޫނު އަތްވައް ބެލުމެއްނެތި އުޅަނދުތަކާއި މީހުން ހެލިފެލިވަމުން ދިޔައިރު މާދުރުނޫން ހިސާބެއްގައި ހުރި މިސްކިތަކުން މެންދުރު ނަމާދަށް ބަންގި ގޮވަމުން ދިޔައަޑުވެސް އިވެއެވެ. ޖެހެމުންދިޔަ މަޑު ރޯޅިންވެސް އިހުސާސްކުރެވެނީ ހޫނުކަމެވެ. އަހަރެންނަށް ކެތްނުވެގެން އަތުގައި އޮތް ކުޑަ ޓިޝޫކޮޅުން އަހަރެންގެ މޫނުމަތިން އޮހެރެމުންދިޔަ ދާތިކިތައް ފޮހެލީމެވެ. އެއަށްފަހު އަތްދަބަހުން އަހަރެންގެ ފުށްދަޅު ނަގައި މޫނު އޮމާންކޮށްލައި އަދި އޭގައި އޮތް ބޮޑީ ސްޕްރޭފުޅި މުޅިގަޔަށް ބުރުވާލީމެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު އަހަރެންގެ ކޮނޑުގައި އަތްލައި "އޭ ބަލަ ނޭނގޭކަމަށް ހަދައިގެން އިންނާނެ ކަމެއްނެތޭ" ކިޔާ ހަޅޭއްލަވައި ގަތުމުންނެވެ. ލިބުނު ސިހުމާއެކު ފަސްއެނބުރި ބަލާލިއިރު އަހަރެންގެ ކޮނޑުގައި ވަރަށް އެހެން ޒާތަކަށް އަތްލައިގެންހުރީ ޒާއިނެވެ.
ގިނަ ދުވަސްތަކަކަށްފަހު އޭނާ ފެނުމުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގެ ތެރޭގައި އޭނާހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދުވަސްތަކޭ ބުނާހާވެސް ދުވަސް ވެއްޖެއެވެ. އެދުވަސްތައް އަހަރުތަކަކަށް ބަދަލުވެގެން ދިޔަކަންވެސް އަހަރެން ހަނދާނެއް ނެތެވެ. އޭނާގެ ދެލޮލުން ފާޅުވެވެހުރީ ރުޅިވެރިކަމާއި ނަފްރަތެވެ. އައިސްފައި ހުރި ރުޅީގައި އޭނާގެ މުޅިމޫނުގެ ކުލަވަރުހުރީ ބަދަލުވެފައެވެ. މީހާ ހުރީ ހިކި އަނަރޫފަވެފައެވެ. މަސްޖަހާލާފައި ކުރިން ހުރި އޭނާގެ ދެކޯތާފަތްވަނީ ފާޑަކަށް ވަޅުވަދެ މީހާގެ އެރީތި ސިފަ ގެއްލިފައެވެ. ލޯކައިރި ކަޅުވެ ދިގުކޮށްފައިހުރި ތުނބުޅީގެ ސަބަބުން އޭނާގެ ވަކިކުރަންވެސް އަހަރެންނަށް ފުރަތަމަ އުނދަގޫވިއެވެ. ވެގެންއުޅޭ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް އަނގައިން އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އޭނާ އަހަރެން ކޮޅަށްނަގައި އަދި މެދުހަށީގައި ހިފައި ކުއްލިއަކަށް އޭނާގެ ހަށިގަނޑާއި ކައިރިކޮށްލިއެވެ. ހިކިއަނަރޫވެފައިވާ އެހަށިގަނޑުގައި އަދިވެސް ބުންވަރު ހުރިކަން އަހަރެންނަށް ޔަގީންވިއެވެ.
ދެބުމަ މައްޗަށް އަރުވާލާފައި ބާރުބާރަށް އޭނާ ނޭވާލަމުން އަހަރެންނާއި ހަތަރުކަޅި ހަމަކޮށްގެން ހުރިއިރު އަހަރެންގެ ތަހައްމަލު ކުރަން ޖެހިދާނެ ލަދަކާމެދު އޭނާ އެއްވެސް ފަރުވާލެއްހުރިހެންނެއް ހިޔެއްނުވެއެވެ. މަގުމަތީގައި މީހުންބޯވެފައި އޮތް އެފަދަ ގަޑިއެއްގައި ޒާއިން އެގޮތަށް ކަންތައް ކުރުމުން އަހަރެން ހުރީ ހަދާނެގޮތް ހުސްވެފައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ނަމަވެސް މަޑުމަޑުން ގިސްލެވެން ފެށުނެވެ. ހިލިހިލާގަނޑެއް އަޅުވާފައި އޮންނައިރު އެހިތްދަތި ވޭނުން ސަލާމަތްވާން މަސައްކަތްކުރަން އުޅޭނެ މީހެއްފަދައިން ޒާއިންގެ އަތްދަށުން ސަލާމަތްވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އެހެނަސް އޭނާ އެއަށްވުރެ މާހުޝިޔާރެވެ. އަހަރެންގެ ފަރާތުން އޭނާ ބޭނުންވަނީ ކޮންކަމެއް ނޭނގިހުރެ އަހަރެންނަށް ވިސްނެމުން ދިޔައީ އެވަގުތު މީހުންނަށް ފެންނަމުން ދާނެ ހަޑި މަންޒަރާއި މެދުގައެވެ.
އޭނާގެ އެރުޅިވެރިކަމާއި ސިއްރުތަކުން ފުރިގެންވާ މޫނާއި އަހަރެންގެ މޫނު ގާތްކޮށްލި ހިނދު ވެރިވެގެންދިޔަ އިހުސާސްތައް ބުނެދޭންވެސް ނޭނގޭ ކަހަލައެވެ. އަހަރެންނާއި ހަތަރުކަޅި ހަމަކޮށް، އޭނާގެ މުށުގެ ތެރޭގައި އަހަރެން ބަނދެ ހައްޔަރުކޮށްލައި އަދި އޭނާގެ އެ މަޑުވިލުނޫކުލައިގެ ދެކަޅިއަށް ބަލަހައްޓައިގެން ހުރެވުނު ހިނދު އެލާމަސީލު ރީތީގެ ގަނޑުވަރަށް އަހަރެން މަޑުމަޑުން ޣަރަޤުވަމުންދިޔަ ކަމުގެ އިޙްސާސްވެސް ކުރެވެން ފެށުނެވެ. އަހަރެންނަށް މިކުރެވެނީ ކޮންކަހަލަ އިޙުސާސްތަކެއް ހެއްޔެވެ؟ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަން ނޭނގިހުރި ޙާލުގައި ވިސްނެމުންދިޔައީ މާޒީއާއި ދޭތެރޭގައެވެ. ބޭވަފާތެރިވެ ފިލައިގެން ދިޔައީވެސް އަހަރެންނެއް ނޫނެވެ. ވީނުވީއެއް ނޭނގި ކޮޅިގަނޑެއްގައި ޖެހި މިސްރާބަކާއިނުލާ ދަތުރުކުރާނެ މުސާފިރެއް ފަދައިން ޒާއިންވެސް އަހަރެންގެ ޙަޔާތުން ގެއްލިގެން ދިޔަ ސަބަބު އަދިވެސް އަހަރެންނަކަށް ނޭނގެއެވެ. އެސުވާލަށް ޖަވާބުވެސް ބޭނުމެވެ. އެކަމަކު އޭނާއާއި އެސުވާލުކުރުމުގެ ހިތްވަރެއް އެވަގުތު އަހަރެންގެ ހައްޓަކު ނެތެވެ.
ހޯސްލާފައި އަހަރެންގެ ކޯތާފަތްމައްޗަށް ފައިބަމުންދިޔަ ކަރުނަތައް ޒާއިން ފޮހެލަން މަސައްކަތްކުރިއެވެ. އޭނާގެ އެމަޑު އަތްތިލައިގެ ބީހިލުމުންވެސް އަހަރެންގެ ހިއްސުތައް އުތުރި އަރައިގެން ދިޔައެވެ. އޭނާގެ އެމަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި އަހަރެން ކިތަންމެހާވެސް ބޮސްދޭން ބޭނުމެވެ. އެމޫނުގައި މިދެއަތުން ނިކަން ލޯބިން ފިރުމާލައި އެތުނބުޅީގައި އަހަރެންގެ ދެއަތުގެ އިނގިލިތައް ހިންގާލަންވެސް ބޭނުމެވެ. ދެޖިސްމު އެކަތިގަނޑަކަށް ހަދައި އެހަށިގަނޑުގައި ނިކަން ބާރަށް ބައްދާލުމަށްވެސް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އެކަމަކު ވަގުތު ފާއިތުވެއްޖެއެވެ. އަހަރެންނަކީ މިހާރު އެހެން މީހެއްގެ ހައްޤެކެވެ. އެހެން މީހެއްގެ ވަފާތެރި އަންބެކެވެ.
ހަށީގައި ހުރިހައި ވަރެއްލާފައި އަހަރެން ޒާއިންގެ އަތްދަށުން ސަލާމަތްވެ ދުއްވައިގަތީމެވެ. ލަދަކާއިހުރެ ތަދެއްނުފިލާނޭ ބުނާނޭ ބީދައިން އެވަގުތު ޓްރެފިކްގައި މަޑުކޮށްގެން ތިބި ހުރިހާ މީހުންގެ ނަޒަރު އަހަރެންނަށް ހުއްޓިފައިވީނަމަވެސް ދެއަތުން ރީއްޗަށް މޫނުފުހެލައި، އަޅާފައިއޮތް ޝޯލު ރީތިކޮށްލަމުން އެތަނުން ނިކުތީމެވެ. ނަސީބު ދިމާކުރިގޮތުން ނިކުތް ވަގުތު ހުސް ޓެކްސީއެއް ފެންނަން އޮތުމުން ހަނާއަޅާލައި އެއަށް އެރީމެވެ. އެއަށްފަހު ފިރިމީހާއަށް "ޓެކްސީގަ ގެޔަށް މިދަނީ" އޭކިޔާ މެސެޖެއް ކޮށްލީމެވެ. މެސެޖް ލިޔަމުން ދިޔައިރުވެސް އަހަރެން އަތް ތުރުތުރު އަޅަމުންދިޔައީ އިންތިހާ ދަރަޖައަށެވެ. ސިކުނޑީގެ ތެރޭގައި ޖަމާވަމުންދިޔަ ބުނެދޭން ނޭނގޭކަހަލަ އިޙުސާސްތައް ބަންޑުންވަމުން ދިޔައިރު އަހަރެންގެ ހިތް ބާރުބަރަށް ތެޅެމުންދިޔައެވެ. ކާރުގެ ކުޑަދޮރުން ބޭރު ބަލަން އިނދެ ވިސްނެމުންދިޔައީ ފިރިމީހާއަށް މިހުރިހާ ވާހަކައެއް ކިޔާދިނުމުން އޭނާ ހިތަށް އަރާފާނޭ އެއްޗަކާއި މެދުގައެވެ. އަހަރެންގެ ހުރިހާކަމެއްވެސް ފިރިމީހާއާއި ހިއްސާކުރުމަކީ އަހަރެންނަށް ލިބޭ ބޮޑު އުފަލެކެވެ. އެކަމަކުވެސް މިއަދު ކަންތައްވެގެން ދިޔަގޮތް އޭނާއަށް ސިއްރުކުރަން ޖެހެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ.
ގެޔަށްގޮސް ހަމަޖެހިލައިގެން އޮވެ އަހަރެން އެކަމާއި ވަރަށް ބޮޑަށް ވިސްނީމެވެ. ޒާއިނަށްޓަކައި އަހަރެންގެ ހިތުގައި އޮތް ފުންލޯތްބާއި ޤަދަރު ކަފުންކޮށް ވަޅުލީފަހުން އޭނާ އެލޯތްބަށް އެދި ސަލާން ޖަހަންއައި ކަމުގައިވިޔަސް އަހަރެން މިއަދު ކުރާނީ ކީއްހެއްޔެވެ؟ ކުއްވެރިޔަކީވެސް އޭނާއެވެ. 9 އަހަރު ފާއިތުވެގެން ދިޔައިރު އޭނާގެ ފަރާތުން އަހަރެންނަށް ލިބުނީ ހަމައެކަނި އެންމެ މެސެޖެކެވެ. އެމެސެޖު ލިބުނު ދުވަސް ވެގެންދިޔައީ އަހަރެންގެ ހަޔާތަށް ކަޅުބޯވިލާގަނޑެއް ތިރިކުރި ދުވަހަކަށެވެ. ޒާއިނަށްޓަކައި މިއަދު މިދެލޮލުން ބޭކާރު ކަރުނަތަކެއް އޮހޮރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭރު އަހަރެންގެ ދުނިޔެ އެފުށްމިފުށަށް ޖެހި ވީރާނާވަމުން ދިޔަ މަންޒަރު ބަލަންހުރީ އަހަރެންގެ ފިރިމީހާ ހަމޫދެވެ. އޭނާގެ ފަރާތުން ލިބުނު ލޯތްބާއި ޤަދަރުގެ ސަބަބުން މިފަނާވަނިވި ދުނިޔޭގައި ހުރުމުގެ ހިތްވަރު އާވެގެން ދިޔައެވެ. ހަމޫދާއި ކައިވެނިކޮށް މިވޭތުވެގެން ދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އަހަރެންނަށް އޭނާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުން މިއަދު އަހަރެންނަކީ މާތްﷲގެ އިރާދަފުޅުން ކާމިޔާބު މީހަކީމެވެ. ހިތާމައިގެ ފުންކަނޑުގައި އޮޔާއި ބެހެމުން ދިޔައިރު އެތޫފާނުން ހަމޫދު އަހަރެން ސަލާމަތްކޮށްދިނީތީ އޭނާއަށްޓަކައި އަބަދަށް ޝުކުރު ޙައްޤެވެ.
އޭގެ އެއް ހަފްތާ ފަހެވެ. ޒާއިން އަހަރެންގެ ޙަޔާތަށް އެނބުރިއައިސް ރޯކޮށްފައި ދުރަށް ފެންނާނެހެން ބެހެއްޓި ދަންމަރުގެ ސަބަބުން އޭނާގެ މަތިން އަހަރެން ހަނދާން ނައްތާލަން ކުރި ހުރިހާ މަސައްކަތެއްވީ ނާކާމިޔާބެވެ. އެދުވަހު ވެގެންދިޔަ ކަންތަކަށް މަޢާފުކުރުމަށާއި އަދި އޭނާއާއި ބައްދަލުކޮށްލުމަށް އެދި އިންސާނަކަށް ކެތްނުވާވަރަށް މެސެޖު ކުރަން ފެށުމުން އަހަރެންނަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. ހަނދާނުން ފުހެލަން ކިތަންމެ މަސައްކަތްކުރި ކަމުގައިވިޔަސް ޒާއިނަކީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ. ގަދަބާރުން އެހަނދާންތަކާއި ދުރަށްދާން މަސައްކަތްކުރި ކަމުގައިވިޔަސް އެކަންވާނީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށްކަން އެނގޭތީ އަހަރެން ވަރަށް ވިސްނުމަށްފަހު އޭނާއާއި ބައްދަލުކުރަން ދިއުމަށް ނިންމީމެވެ. ހަމޫދުވެސް އޮފީހުގައި ގިނަ ވަގުތު ހޭދަކުރާ ބިޒީ ދުވަސްވަރަކަށް ވުމުން އޭނާއަށް ސިއްރުން އަހަރެންނަށް އެކަން ކުރެވޭނެކަމުގެ ޔަޤީންކަން އޮތެވެ. ހަމޫދަކީ މާކަންތައް ބޮޑުކުރާ މީހެއް ނޫންކަން އެނގޭއިރުވެސް އަހަރެން އޭނާއާއި މިހުރިހާ ވާހަކައެއް ހިއްސާނުކުރެވެންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާއަށް މިހުރިހާކަމެއް ފަޅާއަރާ ދުވަހުން ދެރަވާނެކަންވެސް އެނގެއެވެ. އޭނާ އަހަރެންނަށް ކުރާ އިތުބާރު ކެނޑިގެންދާނެކަންވެސް އެނގެއެވެ.
ފަހުން އައިސްދާނެ ރޯޅިއަކާއިމެދު ވިސްނާނުލައި އެކަމަށް އެއްވެސް ފަރުވާލެއްނެތި 23 މެއި ވީ ބުރާސްފަތި ދުވަހެއްގެރޭ 9 ޖެހިއިރު ތައްޔާރުވެލައިގެން ގަޑިއަށް އަހަރެން ގްރީންބެލް ރެސްޓޯރެންޓަށް ދިޔައީ ޒާއިންގެ ފަރާތުން އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ހޯދުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔައިރު އަހަރެންނަށް ފެނުނު މަންޒަރުން ހައިރާންވެ އަންތަރީސްވިއެވެ. މުޅިތަން ޒީނަތްތެރިކޮށްފައި އޮތީ މީރުވަސްދުވާ މަން ހުދު ލިލީމަލުންނާއި ހުދުކުލައިގެ ފުއްޕާހަމުންނެވެ. ރޯކޮށްފައިހުރި ރީތި އުއްބަތިތަކުގެ ފަނޑުވުމެއްނުވާ އަލިން މުޅިތަން އޮތީ ދިއްލި އުޖާލާވެފައެވެ. ސްޕީކަރުތަކުން އެހާ އަޑުބާރު ނޫންކޮށް ޖަހާފައިހުރި ލާނާ ޑެލްރޭގެ ހިތްގައިމު ލަވައިން އެތަނުގެ މާޙައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަހަރެންނަށް ކަމުދާ ކުލަތަކުންނާއި މިއުޒިކުން އެމާޙައުލު ތައްޔާރުކޮށްފައި އޮތުމުން އެއީ ޒާއިންނޫން ދެވަނަ މީހެއްނޫންކަން އަހަރެންނަށް ޔަގީންވިއެވެ. ކައުންޓަރު ކައިރީގައި ރެސްޓޯރެންޓްގެ ޔުނިފޯރމުގައި ތިބި ހަތަރު ސްޓާފުންގެ މޫނުމަތިން ހިނިތުންވުން ފާޅުވެވެ ހުއްޓެވެ. އެމީހުން ފިޔަވައި އިތުރު ބަޔަކުވެސް އެތަނުން ފެންނާކަށްނެތެވެ.
ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ހުއްޓައި އަހަރެންގެ ސަމާލުކަން ގޮސް ހުއްޓުނީ ފަހަތުން ވަދެގެންއައި ޒާއިނަށެވެ. ޒާރާ ބްރޭންޑްގެ އަޅިކުލައިގެ ސްލިމްފިޓް ގަމިހަކާއި ކަޅުކުލައިގެ ސްކިނީއެއް ލައިގެން އޭނާ ހެދިލައިގެން ހުރިއިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ހަފްތާއެއްހާ ދުވަސްކުރިން އޭނާ އެފެނުނު ގޮތާއި މުޅިން ތަފާތޭވެސް ހިތަށް އެރިއެވެ. ބާރުހިނގުމެއްގައި އައިސް ޒާއިން އަހަރެންގެ ގައިގައި ބައްދައިގަތީ ގައިން ހީބިހި ނަގައިގެންދާހާ ބާރަށެވެ. ހަދާނެ ނުހަދާނެއެއް ނޭނގިގެން އަހަރެންނަށްވެސް ޒާއިންގެ ގައިގައި އޮޅުލައިގަނެވުނު ހިނދު އަހަރެންނަށް ރޮވުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ޒާއިން "އޭ ލޯބިވާއޭ، މިދެޖިސްމު އިތުރަށް ދެނެއް ވަކި ނުކުރެވޭނޭ" ބުނެލި ހިނދު އަހަރެންނަށް ހީވީ ލޮޅުމެއް އަރައިގެން ދިޔަހެންނެވެ. އަހަރެންނަށް އެތަނަށް އައި މަޤުޞަދުގެ މަތިން ހަނދާންވެ އަހަރެން ޒާއިންގެ މުށުތެރެއިން ދެމިގަނެ ކައިރީގައި ހުރި ގޮނޑީގައި އިށީއިނުމަށް އެދުނީމެވެ.
ލޮލުން ފައިބަމުންދިޔަ ކަރުނައިން ހަޑިވި މޫނުމަތީގެ މޭކަޕް ރީތިކުރަމުން ދިޔައިރު ޒާއިން އަހަރެންނާއި ދިމާއަށް މަސްތީ ނަޒަރަކުން ބަލަހައްޓައިގެން އިނުމުން އަހަރެން ގަތީ އަމަށަކު ލަދެއްނޫނެވެ. "އަހަރެންގެ ކުށަކީ ކޮބާ ޒާއިން؟ އަހަރެން އެކަނިވެރި ޙާލަށް ދޫކޮށްލާފައި ޒާއިން ފިލައިގެން ދިޔައީ ކީއްވެ؟" އަހަރެން އެހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލިއިރު ޒާން އޭރުވެސް އިނީ ބަސްމަދުވެފައި އަހަރެންނާއި ދިމާއަށް ކަތިނަޒަކަން ބަލަހައްޓައިގެންނެވެ. އަހަރެންނަށް އިތުރު ސުވާލެއް ކުރުމުގެ ފުރުޞަތެއް ނުލިބެނިސް އެތަނަށް ވަދެގެން އައީ ހަމޫދެވެ. އެވަރަށް ފިލައިގެން އުޅުނީމަވެސް ހަމޫދަށް އަހަރެން އައީ މިތަނަކަށްކަން އެނގުނީ ކިހިނެތްބާވައެވެ؟ އަހަރެން ދާހިއްލަން ފެށުމުން ކައިރީގައި ހުރި ފެންފުޅިން ފެންފޮދެއް ބޯލާފައި ދެލޯރަނގަޅަށް އުނގުޅާލީ ފެންނަމުންދިޔައީ ހުވަފެނެއް ނޫންކަން ޔަޤީންކުރުމަށެވެ.
ޒާއިންގެ ދެލޯވެސް ރަތްހުޅަށްވެ، ރުޅިވެރިގޮތަކަށް ކޮޅަށް ތެދުވިއިރު މޭޒުކައިރީގައި މަޑުކޮށްލައިގެން ހަމޫދު ހުއްޓެވެ. ޒާއިން ބަލާކަށް ނުހުރެ ހަމޫދުގެ މޫނުމަތީގައި ވަރުގަދަ ބޮނޑިވަރެއް އެޅިވަގުތު އަހަރެންނަށް ހަޅޭއްލަވައިގަނެވުނީ އަޑުގެ ނެތްކޮޅަށެވެ. އެކަކު އަނެކަކުގެ ގަމީހަށް ދަމަން ފަށައި ބޮޑު އޮޅުލަން ހިފުންގަނޑަކަށް ބަދަލުވާކަށް މާގިނައިރެއް ނުނެގިއެވެ. އެކަކު އަނެކަކަށް އަނިޔާކުރަން ފެށުމުން ރެސްޓޯރެންޓްގެ ސްފާޓުން އައިސް ދެމީހުން ހުއްޓުވަންކުރި މަސައްކަތްވެސްވީ ނާކާމިޔާބެވެ. ދޫދޭން ޒާއިން އަދި ހަމޫދުވެސް ބޭނުންނުވާ ކަހަލައެވެ. ދެމީހުންނަށްވެސް ބޮޑެތި ހާނިއްކަވެ ކަންތައް ބޮޑުވާން ފެށުމުން ދެމީހުންގެ ދޭތެރެއަށްވަދެ "ހަމަ މިހާރު ހުއްޓާލާށޭ" ކިޔާ އަހަރެން ރޮއިގަތީމެވެ.
ވީގޮތެއް ހޯދުމަށްޓަކައި އަހަރެން "ކިހިނެތްވީހޭ" އެހުމުން ރުޅިއައިސްފައިހުރެ ޒާއިން ވާހަކަ ދައްކަން ފެށިއިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ. "އަމްނާގެ ފިރިމީހާއަކީ ތިހީކުރާކަހަލަ މީހެއްނޫން. ސްކޫލު ދައުރުން ފެށިގެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ދެކެމުން އައި މިހަމޫދު އަހަރެންނަށް ދިނީ ހުސް ކޮޅުކެހި. އަހަރެންނާއި އަމްނާ އޭލެވެލް ނިންމާފައި ރައްޓެހިވި ހިސާބުން ފެށިގެން އޭނާ ރާވަމުން ދިޔައީ އަހަރެމެން ދެމީހުން ދުރުކުރަންވެގެން. ޕޮލިހުގައި މަސައްކަތްކުރާ އޭނާގެ ބޭބެއަކާއި ގުޅިގެން ޑްރަގް މައްސަލައެއްގައި އަހަރެން ބައްދާލީ. މާރަނގަޅު މީހެއްކަމަށް ހެދިގެން އަހަރެން ކަސްތޮޅުތަކުގެ ތެރޭގައި ހައްޔަރުވެފައި އިންއިރު އޭނާ އަމްނާއަށް ލޯބިހުށަހެޅީ މަކަރުން. އަހަރެންނަށް ވީނުވީގޮތް އަމްނާއަށް އެއްވެސް މީހެއްގެ ފަރާތުން ނޭނގޭނެކަން ޔަޤީންކޮށް އޭނާ އެފުރުޞަތުގެ ބޭނުން ހިފާލީ. އަހަރެންގެ ނަމުގައި އޭނާ އަމްނާއަށް ބްރޭކަޕް ވާންވީއޭ ކިޔާގެން މެސެޖްވެސް ކުރީ." ޒާއިންގެ ވާހަކަ މިހާ ހިސާބަށް ދިޔައިރު އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ބަސްހުއްޓި، ބުނާނެ އެއްޗެއް ނެތިފައި ހަމޫދު މާދުރުނޫން ހިސާބެއްގައި ނުބައި ޒާތަކަށް އަހަރެންނާއި ދިމާއަށް ޝިކާރަވެރިއަކު ވަލުޖަނަވާރަކާއި ދިމާއަށް ލޯއަޅާ ބީދައިގެން ބަލަހައްޓައިގެން ހުއްޓެވެ.
ކުއްލިއަކަށް އަހަރެންގެ ލޮލުން ވިދައިގަތީ ކަރުނައިގެ ބިއްލޫރި ތިކިތަކެކެވެ. އަހަރެންގެ ޙަޔާތުގެ ނައު ބަންޑުން ޖަހާލިކަމުގެ ހިތްދަތި އިޙުސާސްކުރެވެން ފެށުނެވެ. 7 އަހަރުދުވަހު ކޮށްގެން އުޅުނު ކައިވެންޏަކީ ހީލަތުން ފުރިގެންވާ ބޮޑު އޮޅުވާލުމެއްކަން ޔަގީންވެގެން ދިޔަ ހިނދު އަހަރެންގެ ބޮލުގައި ރިއްސައިގަތެވެ. އެހުރިހާ ދުވަހު އަހަރެންގެ ހިތް އެމީހަކަށް ހިބަކޮށް ލޯބިދެވުނީ މަކަރުވެރިއަކަށް ހެއްޔެވެ؟ އަހަރެންނަށް އެކަން ރޭކާނުލީ ކީއްވެގެން ހެއްޔެވެ؟ ހިނގާދިޔަ އޮޅުލަން ހިފުންގަނޑުގެ ތެރޭގައި ބާރަށް ހަޅޭއްލެވެމުގެ ސަބަބުން އަހަރެން ހުރީ ކަރުބެދިފައެވެ. އަހަރެންގެ ގައިން މަޑުމަޑުން ބާރު ހުސްވަމުން ދިޔަކަމުގެ އިޙުސާސްކުރެވުން ފެށުނެވެ. ތަންދޮރު ވަކިނުވާވަރަށް މާޙައުލު އަނދިރިވަމުންގޮސް ދެން އަހަރެންނަށް ވީނުވީއެއް ނޭނގުނެވެ.
އަހަރެން ހޭއެރި އިރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ކައިރީގައި އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައި ބޯއަޅާލައިގެން އިނީ ޒާއިނެވެ. އޭނާގެ އެހޭވިފައިއޮތް ފަން އިސްތަށިގަނޑުގައި އަހަރެންގެ އަތުގެ އިނގިލިތައް ހިންގާލި ވަގުތު ޒާއިން އިސާހިތަކު ތެދުވެއްޖެއެވެ. އެމައުސޫމު މޫނު މިއަދު ދިއްލިފައިވަނީ ބަލާލަން ނިކަން ރީތި ހިނިތުންވުމަކުންނެވެ. ލޯތްބަށްޓަކައި އޭނާ ކުރަމުން އައި ހަނގުރާމަ ނިމި އޭނާ މިއަދު ކާމިޔާބުވެއްޖެއެވެ. އެމައިދާނުގައި އޭނާއަކީ ކެރޭ އަދި ފިސާރި ކުޅަދާނަ ފަހުލަވާނެއްކަން ކިތަންމެ ރަނގަޅަށްވެސް ސާބިތުކޮށްދީފިއެވެ. އާއެކެވެ. އެއީ އަހަރެންގެ ފުރާނައެވެ. އަހަރެން އެމީހަކަށްޓަކައި ޖާނުން ޤުރުބާންވަން ތައްޔާރަށްހުރި ޒާއިނެވެ.