'ޝެފް' ރިލީޒް ކުރުން ފަސްކޮށްފި

ބޮލީވުޑުގެ އެކްޓަރު ސައިފް އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު، 'ޝެފް' ރިލީޒް ކުރާ ތާރީޚު ބަދަލުކޮށްފި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރިލީސް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު 'ޝެފް' އަސްލަކަށް ބަލައިގެން އުފައްދާފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް، ޖުލައި މަހުގެ ފުރަތަމަ ދެ ހަފްތާގައި ގިނަ ފިލްމުތަކެއް ރިލީޒް ކުރުމަށް ހަމަޖެހިފައިވާތީ، 'ޝެފް' ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ. ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އޮކްޓޫބަރު ހަ ވަނަ ދުވަހު ކަމަށެވެ.

ބަންދްރާ ވެސްޓް ޕިކްޗާސް އާއި ބުޝަން ކުމާރު އަދި ވިކްރަމް މަލޯތުރާ ޕްރޮޑިއުސް ކުރާ ފިލްމު ޑައިރެކްޓު ކުރަނީ ރާޖާ ކްރިޝްނާ މެނަން އެވެ. މެނަން އަކީ މިދިޔަ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ 'އެއަރލިފްޓް'ގެ ވެސް ޑައިރެކްޓަރެވެ.

ފިލްމުގައި ސައިފް އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ޕަދްމާޕްރިޔާ ޖަނާކިރާމަން އެވެ.

ފިލްމް 'ޝެފް' އަކީ ވަޒީފާ އިން ވަކިވެ، އަމިއްލަ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ ކައްކާއެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ސައިފް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ވިޝާލް ބަރްދްވާޖްގެ ފިލްމު، 'ރަންގޫން' އިންނެވެ. 'ޝެފް'ގެ އިތުރުން މި އަހަރު ސައިފްގެ 'ބާޒާރް' ވެސް ސްކްރީންތަކަށް އަންނާނެ އެވެ. 'ބާޒާރް' ރިލީޒް ކުރާނީ ޑިސެމްބަރު މަހު އެވެ.

comment ކޮމެންޓް