ހިތުގެވެރިޔާ

އަހަންނާއި ޒިޔާނަކީ އެއްދުވަހެއްގައި ދުނިޔެއަށް ނޭވާލި ދެމީހުންނެވެ. އަހަރެމެންގެ އެކުވެރިކަން ފެށުނީ ޕްރީސްކޫލުންނެވެ. އެކުގައި ކުޅޭ އެއްޗެހި ޙިއްސާކުރަމުން ފެށި ގުޅުން ޙަޔާތުގެ އެންމެ ބޮޑު ސިއްރުތައް ޙިއްސާކުރާ ހިސާބަށް ދިޔައިރު އަހަރެމެން ދެމީހުން އެކަކު އަނެކަކަށްވުރެ އިތުބާރުކުރާ ދެވަނަ އިންސާނެއް މި އުޑުދަށަކު ނުވެއެވެ. ކަންމިހެން ހުރިނަމަވެސް އަހަރެމެން ދެމީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތެވެ. ކުރުކޮށް ބުނަނީނަމަ އަހަންނަކީ ކޮންމެ ކަމެއްވެސް ވަރަށް ސީރިޔަސްކޮށް ނަގާމީހެކެވެ. އެކަމަކު ޒިޔާނަށް ވާނީ ކޮންމެ ކަމެއްވެސް މަޖަލަކަށެވެ. ލޯބިވެރިން ހޯދާނީވެސް މަޖަލަކަށެވެ. ޒިޔާންގެ އެހެން އެއްވެސް ސިފަޔަކަށް ފާޑުނުކިޔަސް އެކަމަށް އަހަރެން ފާޑުކިޔަމެވެ. ވަރަށް ނަޞޭޙަތްވެސް ދެމެވެ. އަޑުއަހައަހާ އޭނާ ވަރުބަލިވެގެން އެއުޅުން ދޫކޮށްލާނެކަމަށެވެ. އެހެނަސް ވަރުބަލިވީ އަހަންނެވެ. މިހާރު އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ. ހަފްތާއަކު އާ ލޯބިވެރިއެއް އޭނަ ހޯދައެވެ. ގިނަވާނީ ކޮންމެވެސް އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯދާ ލޯބިވެރިންނެވެ.

އާދައިގެ މަތީން ޒިޔާން ކޮންމެވެސް އަންހެންކުއްޖަކާއި ޗެޓްކުރަމުން ގެންދިޔައެވެ. އަހަރެން އޮތީ ފޯނުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ޒިޔާން އަށް ކޯލެއް އައެވެ. އޭނާ އެދުނީ ޗެޓްކުރަމުން ދިޔަ އަންހެންކުއްޖާއާ އަހަރެން ވާހަކަ ދެއްކުމަށެވެ. ނަމަވެސް ފިލްމު ބެލުމާއިގެން އަހަރެން ކުރިއަށް ދިޔަމީމެވެ. އިރުއިރުކޮޅުން ޒިޔާންގެ ލެޕްޓޮޕުން މެސެޖް އަންނަމުންދާ އަޑު އިވެއެވެ. އެގޮތުގައި ބައިގަޑިއިރު ހޭދަވެގެން ދިޔައިރުވެސް ޒިޔާނެއް ނައެވެ. އެންމެފަހުން ފޯނު ދުރުގައި ބާއްވާފައި ޒިޔާންގެ ލެޕްޓޮޕާއި އަހަރެން ކައިރިވެލީމެވެ. ހުޅުވާފައި ހުރި ވިންޑޯއިން ފަންސާހަކަށް ފަހަރު ޒިޔާންގެ ނަމުން ގޮވާފައި ހުއްޓެވެ. "ޑްރީމްގާރލް" ގެ ނަމުގައި އިން އެއައިޑީގެ ވެރިފަރާތާއި އަހަރެން ވާހަކަދައްކަން ފެށީމެވެ. އެއްވެސް ޝައުޤުވެރިކަމެއް ނެތި ފެށި ކަމެއް ނަމަވެސް މަޑުމަޑުން އަހަރެން އެވާހަކަތަކާއި ގަޔާވާންފެށިއެވެ. ބައިގަޑިއިރު ވާހަކަ ދެއްކިއިރު އަހަންނަށް ކޮންމެވެސް ވަރަކަށް އެކުއްޖާގެ މިޒާޖު އިނގެންފެށި ކަހަލައެވެ. ޒިޔާންކަހަލަ އަނގަގަދަ ކުއްޖެކެވެ. އެހެނަސް ވަރަށް އާދައިގެ ދިރިއުޅުމަށް ލޯބިކުރާ ކުއްޖެކެވެ. އޭނަގެ އެއްވެސް ފޮޓޯއެއް ޕްރޮފައިލަށް ލާފައި ނެތުމުން އެއީ މިހާރު މިއުޅޭ ގިނަ އަންހެންކުދީން ފަދައިން ތިމާގެ ސޫރަ އެހެން މީހުންނަށް އިޝްތިހާރު ކުރަން ބޭނުންވާ ކުއްޖެއް ނޫންކަންވެސް އިނގުނެވެ. އިތުރަށް ވާހަކަ ދައްކަން ކިތަންމެ ބޭނުންވި ނަމަވެސް ޒިޔާން އައުމުން އަހަންނަށް ޖެހުނީ ދުރަށްދާށެވެ. އެކަމަކު މިފަހަރު އަހަރެން އޮތީ ޒިޔާން އެކުއްޖާއާއި ދައްކަމުން ދިޔަ ވާހަކަތައް ބަލާށެވެ. އެކުއްޖާއާއި ވާހަކަ ދެއްކިނަމަވެސް ޒިޔާން ދިޔައީ އަހަންނާއިވެސް ވާހަކަ ދައްކަމުންނެވެ. ޒިޔާން ބުނިގޮތުގައި އެ އަންހެންކުއްޖާއަށް ޒިޔާން މާކުރިން އިނގެއެވެ. އިސްވެ ޒިޔާނާއި ވާހަކަދެއްކީވެސް އެކުއްޖާއެވެ. އަމިއްލައަށް އައިސް މަޅިއަށް ފައިކޮށްޕައިލުމުން ދެން ފުރަގަސްދޭނީ މޮޔައެއްކަމަށް ޒިޔާން ބުންޏެވެ. އެކަމަކު އެއީ ވަރަށް ހަރުދަނާ ކުއްޖެއްހެން ހީވާތީ ޒިޔާން ބޭނުންވީ އަހަރެން އެކަން ކުރިއަށް ގެންދާށެވެ. ޒިޔާންގެ ނަމުގައި އެކުއްޖާ "ސެޓް" ކޮށްދޭން ޒިޔާން އެދުމުން ނޫނެކޭ ނުބުނެވުނީ ކީއްވެކަމެއް އަހަންނަކަށް ނޭނގުނެވެ.

ދުވަސްތައް މާޒީއާއެކުވަމުން އައިސް އަހަންނާއި "ޑްރީމްގާރލް" ގެ ގުޅުމަށް ހަމަސް ވެއްޖެއެވެ. އޭރު އަހަރެންގެ ޙަޤީޤީ "ޑްރީމްގާރލް" އަކަށް އެކުއްޖާ ވެނިމިއްޖެއެވެ. ލޮލަށް ނުފެނުނަސް އެ މިޒާޖު މިހިތުން މަޤާމެއް ހާޞިލުކޮށްފިއެވެ. އަދި އޭނަގެ ވާހަކަތަކުން އޭނަވެސް އަހަންނާއި ގަޔާވާކަން އަހަންނަށް އިނގެއެވެ. އެހެނަސް އަހަރެން މީ އޭނަ މާކުރިން ދަންނަ "ޒިޔާން" ކަން އެންމެ ފަހަރަކުވެސް އަހަރެން ހަނދާނެއް ނުނެތެއެވެ. އަހަންނަށް މިކުރެވެނީ ރަނގަޅު ކަމެއްކަން ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ އަހަރެންގެ ހިތުން އޭނަ ކޮންމެވެސް ޖާގައެއް ހޯދައިފިކަމެވެ. އެކަމަކު އެވާހަކަ ޒިޔާން ކައިރީ ބުނާނެގޮތެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. އަނެއްކޮޅުން އެވާހަކަ ބުނިނަމަވެސް ޒިޔާން ޤަބޫލެއް ނުކުރާނެއެވެ. އެއްސަބަބަކީ މިކަހަލަ ލޯތްބަކީ އަހަރެން ޤަބޫލުކުރާ އެއްޗަކަށް ނުވުމެވެ. އަނެއް ސަބަބަކީ އަހަރެންގެ ހިތް މާކުރިން އެހެން ފަރާތަކަށް ހަދިޔާކުރެވިފައި ވުމެވެ. ލޯތްބަކީ ދެވަނަ ފަހަރަށް ވެވިދާނެ އެއްޗެއް ކަމަކަށް މިއަދާއި ހަމައަށްވެސް އަހަންނަށް ޤަބޫލުކުރަން ދައްޗެވެ. އެހެނަސް މީ މަޖަލެއް ނޫނެވެ. އަހަރެން ހިތް "ޑްރީމްގާރލް" އަށް އެދެންފަށައިފިއެވެ. އެހިސާބުން އަހަންނަށް ދާންވީ މަގު އޮޅުނެވެ. ޒިޔާނާއި ކުރިމަތިލައި މިވާހަކަ އޭނައާއި ޙިއްސާކުރަންވީ ހެއްޔެވެ؟ ނޫނީ މިއީ ނުވާކަމަކަށް ހަދައި ހަނދާން ނައްތާލަންވީ ހެއްޔެވެ؟ މިއިން ކޮންމެ މަގަކުން ދާންނިންމި ނަމަވެސް އަހަންނަށް ހިތްވަރު ބޭނުންވެއެވެ. ނަމަވެސް މިކަން ސިއްރުކޮށްފިނަމަ އަހަންނަށް ޙަޔާތުގައި ފުރަތަމަ ފަހަރަށް ޒިޔާނަށް ކަމެއް ސިއްރުކުރެވޭނެއެވެ. އޭރުން އޭނަގެ އިތުބާރު ގެއްލިދާނެއެވެ. ތޭވީސް އަހަރުވި ރަޙްމަތްތެރިކަމުގައި ނިމުމުގެ ސިއްކަ ޖެހިދާނެއެވެ. ނޫނެކެވެ. އަހަންނަށް ހުރިހާ ކަމަކަށްވުރެ އެކުވެރިޔާގެ އިތުބާރު މުޙިއްމެވެ. އަހަންނަށް ދިމާވާ އެންމެ ކުދިކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންތަކުގައިވެސް މިއަދާއި ހަމައަށްވެސް އަހަންނާއެކު ހުރީ އެ އެކުވެރިޔާއެވެ. ކޮންމެގޮތަކަށް ކަންތައްވިޔަސް ފަރުވާލެއް ނެތެވެ. އަހަރެން މިވާހަކަ ޒިޔާނާއި ހިއްސާކުރާނީއެވެ. އެކަމަށް ހިތްވަރުވެސް ހޯދާނަމެވެ.

އާދުވަހަކަށް އިރުއެރުމާއެކު އާ ހިތްވަރަކާއި އެކު އަހަރެން ތެދުވީމެވެ. ޒިޔާނަށް ގުޅައި ކޮފީއަކަށް އަރަން އޭނާއަށް ދައުވަތު ދިނީމެވެ. ތަންކޮޅެއް ހަމަޖެހިލައިގެން ހުޅުވިފައިވާ މާޙައުލެއްގައި އިނދެ އެވާހަކަތައް ޙިއްސާކުރަން އަހަންނަށް ފަޞޭހަވާނެތީއެވެ. އަހަރެން ބުނި ގަޑިއަށް ޒިޔާން އައެވެ. އޭނަ ފެނުމުން އަހަރެން ކުޑަކޮށް ފިނިވިއެވެ. މިއީ އަހަންނާއި ޒިޔާންގެ އަނެއް ތަފާތެވެ. އަހަރެން ފިނޑީއެވެ. އަހަންނަށް އެވާހަކަ ނުދެއްކިގެން އުޅެނިކޮށް ޒިޔާން ފެށިއެވެ. ރައްޓެއްސަކު އޭނައަށް ޗެލެންޖް ކުރިވާހަކައެވެ. އެ އެކުވެރިޔާއަށް އެ އަންހެން ކުއްޖާ އިނގޭކަމަށާއި އޭނައަށް ކިޔަނީ ޒުހާ ކަމާއި އެއީ ކޮންމެ ކޮންމެ މީހަކަށް ހެއްލާލެވޭ ވަރަށްވުރެ މާ ހަރުދަނާ ކުއްޖެއްކަމަށް ބުނި ވާހަކައެވެ. އަދި އެކަން ޒިޔާން ކޮށްފިނަމަ ބެންކޮކް ދެކޮޅު ޓިކެޓް ޒިޔާނަށް ލިބޭނެވާހަކައެވެ. އެހެންކަމުން މީގެފަހުން ޒުހާއާއި ވަހަކަ ދައްކާނީ ސީދާ ޒިޔާންކަމަށްވެސް އޭނަ ބުންޏެވެ. އެހިސާބުން އަހަރެން ކަށިން ނެރުނު ހިތްވަރު އެލުނީއެވެ. ޙިއްޞާކުރަން އައި ވާހަކަ ދިރުވާލަން ޖެހުނީއެވެ. އެންމެ ދެރަވީ ދެން ޒުހާއާޢި ވާހަކަވެސް ނުދެއްކޭނެތީއެވެ. އެގޮތަށް އަންހެންކުއްޖެއްގެ އިޙުސާސްތަކާއި ނުކުޅުމަށް ޒިޔާންގާތު އެދުމަށް އިންތިހާއަށް ބޭނުންވިނަމަވެސް އެކަމަށްވެސް އަހަރެން ނުކުޅެދުނީ ޒިޔާން ހީކޮށްފާނެ އެއްޗަކާއިމެދު ވިސްނައިފައެވެ. އެންމެ ފަހުން ޒިޔާންގެ ވާހަކަތަކާއިގެން ކޮފީ ނިންމާލީއެވެ.

ޒުހާއަކީ ޒިޔާން ހީކުރިކަހަލަ ކުއްޖަކަށް ނުވިއެވެ. ޒިޔާންގެ އެކުވެރިކަމަށް އެދި އިސްވެ އަތްދިއްކުރީ ޒުހާ ނަމަވެސް އެހެން އަންހެންކުދިންނާއި ޒުހާ ތަފާތުކަމަށް ޚުދު ޒިޔާންވެސް އެއްބަސްވިއެވެ. އެހެނަސް ހިތްވަރު އެލުވާލާކަށް ޒިޔާން ބޭނުމެއް ނުވިއެވެ. އެއީވެސް ޒިޔާނާއި އަހަރެން ތަފާތުވާ ސަބަބެކެވެ. ޒިޔާން ހިތުލައިފި ކަމެއް ކާމިޔާބު ނުވަނީހެއް އޭނައެއް އެކަމެއް ނުހުއްޓާނެއެވެ. އެއާއި ޚިލާފަށް ކަމެއްގެ ކުރި ނުފެންނަންޏާ ވަރަށް އަވަހަށް އަހަރެން މާޔޫސްވާނެއެވެ. އެންމެފަހުން ޒިޔާން އެކަން ކާމިޔާބު ކުރިއެވެ. އެކަމަކު ޒުހާ އޭނަގެ ހަރުދަނާކަން އަދިވެސް އެއްފަހަރު ސާބިތުކޮށްދިނީ ދެމީހުން ބައްދަލުވެ ވާހަކަ ދެއްކުމަށްފަހު ނޫނީ އެކުވެރިކަން އިތުރު ހަރުފަތަކަށް ގެންދަން ޒުހާ އިންކާރު ކުރުމުންނެވެ. އެއާއެކު އަހަންނަށް ޖެހުނީ ފޮށިތަންމަތި ބަންދުކުރާށެވެ. ދެމީހުންވެސް އޮފީހުން ޗުއްޓީ ނަގައިގެން ޒިޔާނާއެކު ޒުހާގެ ރަށަށް އަހަރެން ފުރީ އަހަރެން ނުލާ އޭނަ ނުދާނެކަމަށް އެތައްފަހަރަކު ޒިޔާން ބުނުމުންނެވެ. އެހެނަސް ޒުހާ ފެނުމުން އަހަންނަށް ވާނެގޮތެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. އަދިވެސް އަހަރެންގެ ޚިޔާލުތަކުގައިވަނީ ޒުހާއެވެ. އަހަރެންގެ ހުވަފެންތައް ގުޅިފައިވަނީ އެ "ޑްރީމްގާރލް" އާއެވެ. ވަގުތު ކުޑަތަންވީހެން އަހަރެންގެ އަތްފައި ފިނިވަމުން ދިޔައެވެ. ކާކުގެ ނަޞީބެއް ކަމެއް ނޭނގެއެވެ. އަހަރެމެންނަށް އެރަށަށް ދެވުނީ ވިއްސާރަ ރެއެއްގެ މެންދަމެވެ. އެހެންކަމުން ޒުހާއާއި ބައްދަލުކުރެވެން އަންނަނީ ޖެހިގެންއަންނަ ދުވަހުގެ ރެއެވެ. އިއްތިފާޤަކުން ޖެހިގެން އަންނަ ރޭގެ މެންދަމު ބާރައިން ފެށޭނީ އަހަރެމެން ދެމީހުންގެ އުފަންދުވަހެވެ. ޒިހާން ހުރީ އެކަމާއި ވަރަށް އުފަލުންނެވެ. އެކުވެރިޔާއަށްޓަކައި އަހަރެން ވާންވީ އުފާކަމެއް ނޫނީ އަމިއްލަ ނަފްސަށްޓަކައި ވާންވީ ދެރަކަމެއް އަހަންނަކަށް ނޭނގުނެވެ.

ޖެހިގެންއައި ދުވަސްވީ ފުރަތަމަ ފަހަރަށް ޒިޔާން އަހަންނަށްވުރެ ކުރިން ހޭލިދުވަހަށެވެ. އޭނާ ހުރީ އެކަމަށް އެހާވެސް ބޮޑަށް ބޭނުންވެފައެވެ. އަހަރެމެން ދެމީހުން ކުރެ އެކަކަށްވެސް ޒުހާ ފެނިފައިނުވުމުން އަހަރެމެންނަށް ޖެހުނީ އެރެއަށް އިންތިޒާރުކުރާށެވެ. އެރަށުގައި ގާތްމީހަކުވެސް ނެތުމުން އަހަރެމެން ތިބީ ގެސްޓްހައުސް އެއްގައެވެ. ދުވާލުގަޑީގައި ބައްދަލުކުރުމަށް ޒުހާ ދެކޮޅުހެދުމުން ދެން އެނޫން ގޮތެއް ނެތީއެވެ. އެންމެފަހުން އެވަގުތުވެސް އައިސް ޖެހިއްޖެއެވެ. ޒުހާ ބޭނުންވީ އޭނަގެ ގޭގެ ގޯތިތެރޭގައި ބައްދަލުކުރާށެވެ. އެކަމާއި ޒިޔާން ކުޑަކޮށް ޖެހިލުންވި ނަމަވެސް ފަހަތަށް ޖެހޭކަށް އޭނަ ބޭނުމެއް ނުވިއެވެ. އެހެނަސް އެހެން ގުޅުންތަކެކޭވެސް އެއްގޮތަށް އެގުޅުމަށްވެސް ވާނީ ހަފްތާއެއްކަން އިނގޭތީ އަހަންނަކަށް ޒުހާގެ ކުރިމައްޗަށް ދާކަށް ނުކެރުނުނެވެ. ޒިޔާން ވަރަށް އާދޭސް ކުރުމުންވެސް އަހަރެން ދެކޮޅުހެދީމެވެ. އެރަށަށް ޒިޔާނާއިއެކު އައުން އެއީ މިފަހަރު އަހަންނަށް ކޮށްދެވޭނެ އެންމެ ބޮޑުވަރު ކަމުގައި ބުނުމުން ޒިޔާން ޤަބޫލުކުރިއެވެ. ކިތަންމެ ދެރަވިއަސް އަހަރެން އެކަން ނުދައްކާވޭތޯ ބެލީމެވެ. އެތައް އަހަރަކަށްފަހު އަހަރެންގެ ހިތުން ޖާގައެއް ދެވުނު އަންހެންކުއްޖާ އަހަރެންގެ ނަޞީބުގައި ނެތްކަމަށް ޤަބޫލުކުރަން އަހަންނަށް މަޖުބޫރުވިއެވެ. އެހެންކަމުން ހިތުގައި އަތްއަޅާފައި ޒިޔާނަށް "ގުޑްލަކް" ކީމެވެ. ވަރަށް ނަލަވެގެން ޒިޔާން ނިކުތްއިރު އެމަންޒަރު ބަލަން އަހަރެން އޮތީ ޒިޔާންގެ ބަދަލުގައި އަހަންނަށް އެތަނަށް ދެވޭނެނަމައޭ ހިތަށްއަރާ ހާލުގައެވެ.

އަހަންނަށް ކުއްލިއަކަށް ހޭލެވުނީ ކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ. ގަޑިބަލާލި އިރު އެކެއް ޖަހަނީއެވެ. ޒިޔާންގެ އިންތިޒާރުގައި އޮއްވާ އަހަންނަށް ނިދުނު އިރެއްވެސް ނޭނގުނެވެ. އެނދުމަތިން ނުތެދުވެ އުޅެނިކޮށް އަހަރެންގެ މޫނުގައި ޒިޔާންގެ އަތް އުނގުޅާލިއެވެ. އެއާއެކު "ހެޕީ ބާރތްޑޭ ޑޫޑް" އޭ ބުނިއަޑު އިވުނެވެ. އަހަންނަށް އެއްޗެއްވެސް ބުނާނެ ފުރުސަތެއް ނުދީ ޒިޔާން އެނދުމައްޗަށް އެރިއެވެ. އެއާއެކު ދެން އިވެންފެށީ އަޑުއަހަން އަހަންނަށް އެހާ ފަސޭހަ ޖުމްލަތަކެއް ނޫނެވެ. ޒުހާއަކީ ޒިޔާން ހީކުރިވަރަށްވުރެ މާ ހަރުދަނާ ގެވެހި ކުއްޖެއްކަމާއި އެއީ މަޖަލަކަށް ރައްޓެހިވާވަރަށް ވުރެ މާ ފުރިހަމަ ކުއްޖެއްކަމެވެ. އެހެންވުމުން ބެންކޮކް ދެކޮޅު ޓިކެޓް އޭނާ ބޭނުންނޫންކަމަށާއި ޒުހާ އާނބަސް ބުނެފިނަމަ ބޭނުންވަނީ ކައިވެނިކުރަންކަމެވެ. އަދި ދެން އޭނާ އެންމެ ދެކެން ބޭނުންވަނީ އަހަރެންގެ ހިތްއަތުލި އަންހެންކުއްޖާ އަހަންނަށް ލިބި އަވަހަށް ކައިވެނިކުރާ ދުވަސްކަމަށެވެ. މިހާރު އަހަރެންގެ ހިތް ބަދަލުވެފައިވާކަން ޒިޔާނަށް އިނގޭނެނަމައެވެ. އެކުވެރިޔާއަށް އެފަދަ ބޮޑުބަދަލެއް އައުމުން އުފާވުމުގެ ބަދަލުގައި އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ޒިޔާންގެ ހަޔާތަށް އެތައް އަންހެންކުދިންނެއް އައިއިރުވެސް އެތަނުން އެއްވެސް ކުއްޖަކާއި ދިމާލަށް ރުހުމުގެ ލޮލަކުން އަހަންނަށް ބަލާވެސް ނުލެވުނެވެ. އެކަމަކު ޒުހާއަށް އަހަރެންގެ މުޅިހިތް ހަދިޔާކުރެވުނީއެވެ. އެހެނަސް އަހަރެންގެ ފުރާނަފަދަ އެކުވެރިޔާ އެނިންމީ އޭނަގެ މުޅިހަޔާތް އެއަންހެންކުއްޖާއާއެކު ހޭދަކުރާށެވެ. އަހަންނަށް ނާކާމިޔާބު ނޫން އެއްޗެއް ލޯބީގައި ނެތީހެއްޔެވެ؟ ޚިޔާލުގެ ކަނޑަކަށް ވިސްނުމުގެ ނައު ދޫކޮށްލައިގެން އިންދާ ކުއްލިއަކަށް އަހރެން ކައިރި އެނދުގައި ޒިޔާން އިށީނެވެ. އެއާއެކު އަހަރެންގެ ކޮނޑަށް އަތްވައްޓާލުމަށްފަހު ދެން އޭނަ ދިނީ އުފާވެރި އެހެނަސް ހިތި ޚަބަރެކެވެ. އެއީ ފެށގެން މިދިޔައީ ހަމައެކަނި އަހަރެމެން ދެމީހުންގެ އުފަންދުވަސް ނޫންކަމާއި މިއަދަކީ ޒުހާގެވެސް އުފަންދުވަސް ކަމެވެ. އެހެންކަމުން ޒިޔާން ކައިވެނިކުރަން ބޭނުންވަނީ އަހަރެމެން ތިންމީހުންގެ އުފަންދުވަހު ކަމަށެވެ. އޭނަ ދެކުނީ އޭނަ އެއީ މިދުނިޔޭގައި ހުރި އެންމެ ބޮޑު ނަޞީބުވެރިޔާ ކަމުގައެވެ. އެކަމަކު އެމަޤާމުގައި މިއަދު ހުންނަން ޖެހޭނީ އަހަރެންކަމަށް ހިތްބުނަމުން ދިޔަ ސަބަބެއް އަހަންނަކަށް ނޭނގުނެވެ. އަނެއްދުވަހުގެ އިރުއެރުމާއެކު ޒުހާއާއި ބައްދަލުކުރަންދާން އަހަރެން ލައްވާ އެއްބަސްކުރުވުމަށްފަހު ޒިޔާން ނިދިއެވެ.

މެންދުރުނަމާދުން ފައިބައިގެން އަހަރެމެން މިސްރާބުޖެހީ ޒުހާމެންގެއަށް ދާށެވެ. ހެނދުނު ދާން ޒިޔާން ކިތަންމެ ބޭނުންވި ނަމަވެސް ޒުހާގެ މަންމަ ގުޅާފައި މެންދުރުގެ ކެއުމަށް ދަޢުވަތު ދިނުމުން މެންދުރަށް އިންތިޒާރުކުރަން ޖެހުނީއެވެ. މަޑުމަޑުން ހިނގަމުން ދިޔައިރު އަހަރެންގެ ވިސްނުމުގައިވަނީ ކަންތައްވަމުން މިދާގޮތެވެ. އިއްޔެއާއި ހަމައަށް އަންހެންކުދިންގެ އިޙުޞާސް ތަކާއި ކުޅެމުން އައި ޒިޔާން މިހާއަވަހަށް ބަދަލުވީގޮތެވެ. ހީވެސްނުކޮށް ހުއްޓާ ޒިޔާންގެ އަތުގައި ނަޞީބުހިފިގޮތެވެ. ޚިޔާލުތަކުގައި ހުރެ ހިނގަމުންގޮސް ޒިޔާން ހުއްޓުނުއިރުވެސް އަހަންނަކަށް ނޭނގުނެވެ. ސިހިފައި އަހަންނަށް ހުއްޓެވުނީ އަހަރެންގެ އަތުގައި ޒިޔާން ހިފުމުންނެވެ. އޭރު އަހަރެމެންނަށް ތިބެވުނީ އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިހުރި ގެއެއްގެ ދޮރުމަތީގައެވެ. އެތެރެއަށް ވަނުމާއެކު އަހަރެމެންނަށް މަރުޙަބާކީ މެދުއުމުރުގެ ފިރިހެނެކެވެ. ޖޯލީގައި އިށީންނަށް އަތުން އިޝާރާތްކޮށްލުމަށްފަހު އޭނާވެސް އިށީނެވެ. އެއާއެކު ދެންއިވުނީ ގޭތެރެއިން ޒުހާއަށް ގޮވާލި އަޑެވެ. އިރުކޮޅަކުން ގޭތެރެއިން އަންހެންކުއްޖަކު ނުކުތެވެ. ފިޔާތޮށިކުލައިގެ ކުރުތާއަކާއެކު ކަޅުކުލައިގެ ޝޯލްއެއް އަޅާފައި ހުރި އަންހެންކުއްޖާގެ މޫނަށް ބަލާލެވުމާއެކު އަހަންނަށް ހީވީ ދުނިޔެ ކުޑަވަގުތުކޮޅަކަށް ހުއްޓުނުހެންނެވެ. އެއީހަމަ އޭނާއެވެ. މީގެ އެތައްއަހަރެއް ކުރިން އަހަރެންގެ ހިތްގެންދިޔަ އަހަރެންގެ ހިތުގެ ރާނީއެވެ. ހޯދާހޯދާވެސް ނުފެނުނު މިހިތުގެ މަލިކާއެވެ. ދެވަނަ ފަހަރަށްވެސް ލޯބިވެވުނީ އަހަރެންގެ ހިތުގެ ވެރިޔާދެކެއެވެ. މީހުންބުނަނީ ތެދެކެވެ. ޙަޤީޤީ ލޯތްބަކީ އެންމެ ފަހަރަކު އެންމެ މީހަކުދެކެ ވެވޭ އެއްޗެކެވެ. އަތޮޅުފެރީން އަތޮޅުވެރިކަން ކުރާ ރަށަށް ދެވުނު ދުވަހެއްގައި ފިހާރައެއްގެ ތެރެއިން ފެނި ފުރަތަމަ ނަޒަރުން އަހަންނަށް ލޯބިވެވުނީ ޒުހާދެކެއެވެ. އެކަމަކު ޒިޔާން އައުމުގެކުރިން އަހަންނަށް ޒުހާ ގެއްލުނީއެވެ. ތަޤްދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. މިއަދާއި ހަމައަށް އައިއިރުވެސް ޒިޔާނަށް އަހަރެންގެ ހިތުގެ ރާނީ ދެއްކުމުގެ ފުރުޞަތެއް އަހަންނަކަށް ނުލިބުނެވެ. އެންމެ ފަހުން ޒިޔާންގެ ވާންއުޅޭ އަނބިމީހާގެ ގޮތުގައި އަހަންނަށް ތަޢާރަފްކޮށްދިނީ އަހަރެންގެ ހުވަފެންތަކުގެ ރާނީއެވެ. އާނއެކެވެ. ޒިޔާނާއި އިންނަން ޒުހާ އާނބަސް ބުނީއެވެ. އެދުވަހު އެފިހާރަ ތެރެއިން އަހަންނަށް ޒުހާދެކެ ލޯބިވެވުނު އިރު ހަމަ އެ ފިހާރަތެރެއިން ޒުހާއަށް ޒިޔާން ފެނި ލޯބިވެވުނީއެވެ. އަހަންނަށް ޒުހާ ނުފެނުނަސް ޒުހާ ޒިޔާން ހޯދުމުގައި ކާމިޔާބު ކުރިއެވެ. އަހަރެންގެ ލޯބި ބީވެދިޔައީއެވެ. މުޅި އުމުރަށެވެ. ޒުހާއަށް އޭނަގެ ލޯބި މުޅިއުމުރަށް ލިބުނީއެވެ. ކުޑައިރުން ފެށިގެން އެއްވެސް ކަމެއް ސިއްރުނުކުރި އެކުވެރިޔާއަށް މި ޙަޔާތުގެ އެންމެ ބޮޑު ހިތި ޙަޤީޤަތް ސިއްރުކުރަން ޖެހުނީއެވެ. މުސްކުޅީން ބުނެއެވެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށެވެ. ތެދެކެވެ. އެދުވަހު ފިހާރަތެރެއިން ޒިޔާނަށް ޒުހާ ނުދެއްކުނީވެސް ރަނގަޅަކަށެވެ. ޒިޔާން ފަހުން ޒުހާއާއި ޗެޓްކުރަން ނިންމީވެސް ރަނގަޅަކަށެވެ. އަހަރެން ކޮފީމޭޒުގައި އިނދެ ޒިޔާނާއި ޙިއްޞާކުރަން އުޅުނު ވާޙަކަ ޙިއްޞާނުކުރެވުނީވެސް ރަނގަޅަކަށެވެ. އަދި އެންމެ ފުރަތަމަ ޒުހާއާއި ބައްދަލުކުރަން ޒިޔާނާއެކު އަހަންނަށް ނާދެވުމަކީވެސް ހަމަ ރަނގަޅަކަށް ވީކަމެކެވެ. އެހެންނަމަ މިއަދުގެ މި މަންޒަރު ބަދަލުވީސް ކަންނޭނގެއެވެ. އަހަރެންގެ އެކުވެރިޔާއަށް އާ ޙަޔާތެށް ލިބުނީއެވެ. އަހަރެންގެ ހިތުގެ ވެރިޔާއަށް އޭނަގެ ލޯބި ލިބުނީއެވެ. އެދެމީހުންގެ އުފަލުން އަހަރެން ހިތްހަމަޖައްސާލާނީއެވެ. މިއީ ތަޤުދީރުގައި މިކަން އޮތްގޮތެވެ. ތިންމީހުން ދުނިޔެއަށް އައީ އެއް ދުވަހެއްގައި ކަމަށްވިޔަސް ޙަޔާތުގެ ނަވަކަށް އެރޭނީ ދެމީހުންނަށެވެ. އެހެންކަމުން އަހަރެން އެމީހުންގެ ނަވުން ފައިބަންޖެހުނީއެވެ. އެމީޙުންގެ މަންޒިލަށް އަމާންކަމާއެކު ސަލާމަތުން ވާޞިލުވުން އެއީ އަހަރެންގެ ހިތުގެ ދުޢާއެވެ. މުޅިއުމުރަށްވެސް "ޑްރީމްގާރލް" ވާނީ އަހަރެންގެ ހުވަފެނަކަށެވެ. އެހެނަސް އެއީ މުޅިއުމުރަށްވެސް އަހަރެންގެ ހިތުގެ ވެރިޔާއެވެ.

comment ކޮމެންޓް