ރޮނާލްޑޯގެ ބޮލުގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ސިއްރަކީ ކޮބާ؟

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވަރަށް ފެޝަން ކުޅުންތެރިއެއްގެ ގޮތުގައެވެ. ލަނޑު ޖެހުމަށްފަހު ޖައްސާލާ ވައްތަރާއި ކެމެރާތަކުގެ ކުރިމަތީގައި ގެންގުޅޭ ހާއްސަ ސްޓައިލް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަވަނީ ރޮނާލްޑޯގެ ބޮލަށް ގެންނަ ބަދަލުތަކެވެ.

ބޮލުގެ އިސްތަށިތައް ކޮޅަށް ނަގައި، ބޮލުގެ ކުލަޖެއްސުމާއި، އެއް ހާފު ނިމިގެން އަނެއް ހާފަށް ކުޅެން ނުކުންނައިރު ރޮނާލްޑޯގެ އިސްތަށިގަނޑުން ފެނިގެންދަނީ ތަފާތު ސްޓައިލެކެވެ. މިހާރު އޭނާގެ ބޮލުގެ އިސްތަށިގަނޑު ވަނީ ވަރަށް ތުނިކޮށް ކޮށާލައިފައެވެ. އޭނާ އެ ބަދަލު ގެނައީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ.

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ރޮނާލްޑޯ ނިންމާލީ ރެކޯޑުތަކަކާއެކުއެވެ. ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު ފައިނަލު މެޗު ރެއާލަށް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. ޔުވެންޓަސް އަތުން 4-1 ލަނޑުން މޮޅުވި އެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔައިރު، އެ ދެ ލަނޑުގެ ސަބަބުން އޭނާއަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

ރެއާލަށް 12 ވަނަ ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، ރޮނާލްޑޯގެ ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާލީ ފައިނަލް މެޗުގެ ކުރިން އޭނާ ވެފައިވާ ވައުދެއް ފުއްދުމުގެ ގޮތުންނެވެ.

"އެއީ އަހަރެން ވެފައިވާ ވައުދެއް. އަހަރެން ވައުދުވެފައިވާނީ އަހަރެމެންނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވި އަދި އަހަރެންނަށް ލަނޑެއް ކާމިޔާބުކުރެވިއްޖެނަމަ، މި ބަދަލު ގެންނާނެ ކަމަށް. އަހަރެން އަބަދުވެސް މަސައްކަތްކުރަނީ ޓީމަށް ފައިދާވާނެ ގޮތަށް. ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް،" ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާއެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

comment ކޮމެންޓް