ރޮނާލްޑޯގެ ''ޓްރޭޑްމާކް ހެއަރސްޓައިލް''އަށް ބޮޑު ބަދަލެއް!

ކްރިސްޓިއާނޯ ރޮނާލްޑޯގެ އާ ހެއަރސްޓައިލް -- އިންސްޓަގްރާމް ފޮޓޯ

މީގެ 14 ވަރަކަށް އަހަރު ކުރީން، ޕޯޗްގަލްގެ ސްޕޯޓިންގ އިން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި، ކްރިސްޓިއާނޯ ރޮނާލްޑޯގެ، ތަފާތުވުމެއް ނެތް އެއް ކަމެއްގެ ގޮތުގައި، އޭނާގެ "ހެއަރސްޓައިލް"، ގިނަ ބަޔަކަށް ފާހަގަކުރެވޭނެއެވެ. އަދި އޭގެ ފަހުން، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް އޭނާ ބަދަލުވި ފަހުން މިހާތަނާ ޖެހެންދެންވެސް އޭނާގެ ހެއަރސްޓައިލަށް ބަދަލެއް ނުގެނެއެވެ.

މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ކުޅުނު ޕްރިމިއަރ ލީގު މެޗެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: ރޭބޫއިސަން

ރޮނާލްޑޯގެ ފުރާވަރު ދުވަސްވަރުން ފެށިގެން މިހާތަނަށް ޖެހެންދެންވެސް އޭނާގެ ބޮލުގެ ބުޅި އިސްތަށިގަނޑު ހުންނަނީ، މެދު މިނަކަށް ކޮށާލާފައި، ގަދައަށް ޖެލް އުނގުޅާލުމަށް ފަހު "ސްޕައިކް" ޖައްސާފައެވެ. އެންމެފަހުން އެ ހެއަރސްޓައިލް ވަނީ، ރޮނާލްޑޯގެ ޓްރޭޑްމާކަކަށް ވެސް ވެފައެވެ.

އެހެންނަމަވެސް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ދަނޑުމަތީން އޭނާއަށް ލިބުނު ބޮޑެތި ކާމިޔާބީތަކަށްފަހު، ރެއާލްގެ ސުޕަރސްޓާ މިވަނީ، އޭނާގެ ހެއަރސްޓައިލް އެއްކޮށް ބަދަލުކޮށްލައި ގިނަ ބަޔަކަށް "ޝޮކެއް"ދީފައެވެ.

ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި "ޑު ޔޫ ލައިކް އިޓް" ޖަހާފައި، 'ވިންކިން އިމޮޖީ' އަކާއެކު ދޫކޮށްލާފައިވާ ފޮޓޯގައި އޭނާ ފެންނަނީ މުޅިން ތަފާތު ސިފައެއްގައެވެ. ތަލަ ފެންނަވަރަށް ބޮލުގެ އިސްތަށި ގަނޑު ތުނިކޮށްލާފައި ވަނީ، ދެން ސްޕައިކް ޖައްސަށް ބޭނުންކުރާ ޖެލްދަޅުގެ ބޭނުންވެސް ނުހިފޭވަރަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަބަދުވެސް ފެންނަނީ އޭނާގެ ސްޕައިކީ ހެއަރސްޓައިލްގައި -- ފޮޓޯ: ގެޓީ

ރޮނާލްޑޯގެ އާ ހެއަރސްޓައިލަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތަފާތު ގޮތްގޮތަށް އޭނާ ސިފަކުރަމުންނެވެ. އޭނާގެ ފޭނުންގެ ތެރޭން އެއް ބަޔަކަށް އެ ސްޓައިލް ވަރަށް ކަމުދިޔައިރު އަނެއް ބަޔަކަށް އެ ސްޓައިލް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. އެގޮތުން އޭނާގެ ފޭނަކު، ރޮނާލްޑޯ ސިފަކޮށްފައި ވަނީ، ފައިވް ސްޓަރ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި ޔުވެންޓަސް އަތުން 4-1 ލަނޑުން މޮޅުވެ، ޗެމްޕިއަންސް ލީގު ޓްރޮފީ ދިފާއުކުރި ފުރަތަމަ ޓީމުގެ ޝަރަފް ރެއާލް މެޑްރިޑުން ހޯދިއިރު، ރޮނާލްޑޯ ވަނީ އެ މެޗުގައި މުހިއްމު ދައުރެއް އަދާކޮށް ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ހެއަރސްޓައިލް ބަދަލުކުރުމުގެ ކުރީން-- ފޮޓޯ: އީޕީއޭ

ހޮނިހިރު ދުވަހުގެ ރޭ ވޭލްސްގެ ކާޑިފައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ފަހު، ރޮނާލްޑޯ ވަނީ އޭނާގެ ކުޅުމަށް ފާޑުކިޔާ ފަރާތްތަކަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ.

ހަތަރު ފަހަރަށް ބެލޮންޑިއޯ އެވޯޑު ހާސިލްކޮށްފައިވާ ޕޯޗްގީޒް ތަރި ބުނީ، މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އައި އެންމެ މުހިއްމު އެއް ވަގުތުކޮޅު ކަމަށާއި އެހެން ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ވެސް އޭނާއަށް އެހެން ނުބުނެވެންވީ ސަބަބެއް ނެތްކަމަށެވެ.

ޖުމުލަ 105 ލަނޑާއެކު ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް، އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައިވާ، ހުނަރުވެރި ފޯވާޑް ބުނީ، އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ބުނެލަން އޮތީ، "ނަންބަރު ދޮގެއް ނުހަދާނެ" ކަމަށެވެ.

އާ ހެއަރސްޓައިލާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓުގެ ސްކްރީން ޝޮޓެއް-- އިންސްޓަގްރާމް ފޮޓޯ

އާ ހެއަރސްޓައިލާއެކު ރޮނާލްޑޯ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓަށް، 18 ގަޑިއިރު ތެރޭގައި 4.4 މިލިއަން "ލައިކްސް" ލިބިފައިވާ އިރު، އެ ވަގުތުގެ ތެރޭގައި 259100އަށް ވުރެ ގިނަ ކޮމެންޓު އެ ފޮޓޯއަށް ކޮށްފައި ވެއެވެ.

comment ކޮމެންޓް