ޗެމްޕިއަންސް ލީގު ފައިނަލް މެޗުން ފާހަގަވި ފަސް ކަމެއް!

ރެއާލް މެޑްރިޑާއި ޔުވެންޓަސް ވާދަކުރި ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރޭން -- ފޮޓޯ: އޭޕީ

ވޭލްސްގެ ވެރިރަށް ކާޑިފްގައި ރޭ އިޓަލީގެ ޔުވެންޓަސްއާ ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަން ރެއާލުން މިވަނީ އެމުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.

ޔޫރަޕިއަން ކަޕްގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދިޔައިރު، މީގެ 27 އަހަރު ކުރީން އަރިގޯ ސައްޗީގެ ކޯޗުކަމުގައި އޭސީ މިލާނުން ވަނީ އެ މުބާރާތް ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 1989 އަދި 1990 ވަނަ އަހަރުގައެވެ.

ކާޑިފްގައި ކުޅުނު ފައިނަލްމެޗުން ފާހަގަކުރެވުނު މުހިއްމު ފަސްކަމަކަށް ބަލައިލާނަވެ.

ރޮނާލްޑޯއަށް ބެލޮންޑިއޯ އެވޯޑް ހައްގެއް ނޫންބާ؟

މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ހައްގުވެރިޔަކީ ކޮބައިކަމާމެދު ވަރުގަދަ ބަހުސުތަކެއް ކުރެވެމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން ނަމަވެސް، މިހާރު މިވަނީ، ބަހުސަކަށް ނުގޮސްވެސް އެއީ ކޮން ކުޅުންތެރިއެއްކަން ސާބިތުކުރެވޭވަރު ވެފައެވެ. ފައިނަލް މެޗުގައި ރޮނާލްޑޮ ވަނީ، ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ މިވަނީ، ޗެމްޕިއަންސް ލީގުގެ ތިން ފައިނަލްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދައިފައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ: ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ވަނީ ލިބިފައި --- ފޮޓޯ/ އޭޕީ

މި ހުރިހާ ކަމަކާއެކު ރޮނާލްޑޯއަށް މެސީގެ ބެލޮންޑިއޯ ރެކޯޑާ އަރައި ހަމަކުރެވޭނޭ ކަމީ މިހާރު ދެން އިތުރަށް ޝައްކުކުރާން ޖެހޭ ކަމެއް ހެއްޔެވެ؟

ރެއާލް މެޑްރިޑް - ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބް

ތަފާސްހިސާބުތައް ދައްކަނީ އެގޮތަށެވެ. ހަތަރު އަހަރު ތެރޭގައި ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ. ފަހުގެ ތާރީޚެއްގައި ޗެމްޕިއަންސް ލީގު ޓްރޮފީ ދިފާއުކުރި ފުރަތަމަ ޓީމެވެ.

ޗެމްޕިއަންސް ލީގުގެ ޓްރޮފީ ރެއާލުން އުފުލާލަނީ: ޔުވެންޓަސް އަތުން ރެއާލް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

މިއީ ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބު މުބާރާތް މިއީ ރެއާލުން ކާމިޔާބުކުރި 12 ވަނަ ފަހަރެވެ. އެހެންކަމުން ރެއާލަށް ވުރެ ވަކި ކާމިޔާބު ކްލަބެއް ވިލާތު ބައްރުގައި އެބަ އޮތް ހެއްޔެވެ.

ޔުވެންޓަސް އާ އަލެގްރީއަށް އަނެއްކާވެސް ހިތާމައެއް

ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް އަތުން 4-1 ބަލިވި މެޗަށް ފަހު ޔުވެންޓަސްގެ ކުޅުންތެރީން ހިތާމަފާޅުކުރަނީ -- ފޮޓޯ: އޭޕީ

މީގެ ދެ އަހަރު ކުރީން ޖަރުމަނުގެ ބާލިންގައި މެސިމިލިއާނޯ އަލެގްރީއާއި އޭނާގެ ޔުވެންޓަސް ވަނީ، ޗެމްޕިއަންސް ލީގު ފައިނަލްގައި ސްޕެއިންގެ ބާސެލޯނާ އަތްދަށުވެ އޭގެ ހިތްދަތިކަން އިހްސާސްކޮށްފައެވެ. އެފަހަރު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މިފަހަރުވެސް ޔުވެންޓަސްއަށް ލަނޑު ދިނީ ހަމަ ސްޕެއިންގެ ކްލަބަކުންނެވެ.

ރޮޑްރިގޭޒް ރެއާލް ދޫކޮށް އެހެން ދިމާއަކަށް!

ކުރިއަށް އޮތް ސީޒަންގައި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް ރެއާލް މެޑްރިޑުގައި މަޑު ނުކުރާނޭކަން މިހާރު މިވަނީ ކަށަވަރުވުމާ ގާތްވެފައެވެ.

ރެއާލް މެޑްރިޑްގެ ކޮލަމްބިއާ މިޑްފީލްޑަރު ހަމެސް ރޮޑްރިގޭޒް، މޭ 30 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ތައްޔާރުވުމަށް ރެއާލުން ބޭއްވި ފަރިތަކުރުން ތަކުގައި. ރެއާލްގެ ފައިނަލް ސްކޮޑުން އޭނާއަށް ޖާގައެއް ނުދިން-- ފޮޓ: އޭޕީ

ޒިދާންގެ އިރުޝާދުގެ ދަށުން، ރެއާލް ކުޅުނު މަދު މެޗެއްގައި ރޮޑްރިގޭޒަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، ކާޑިފްގައި ނިމިގެންދިޔަ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ނެގި ރެއާލްގެ ސްކޮޑުގައި ނުހިމެނުމަކީ އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމަށްވުރެވެސް އަސަރުކުރާނޭ ކަމެއްކަން ޔަގީނެވެ.

ހިގައިން އާއި ބެންޒެމާ - ބޮޑު ޚަރަދުގަނޑެއް!

ރެއާލްގެ ކަރިމް ބެންޒެމާ ޔުވެންޓަސްގެ ބޮނޫޗީ އަތުން ބޯޅަ ހޯދައިގެން ދިއުމަށް މައްސައްކަތްކުރަނީ -- ފޮޓޯ: އޭޕީ

އިޓަލީގެ ނަޕޯލީން 90 މިލިއަން ޔޫރޯ އަގު ބޮޑު ފީއަކަށް (ހަތަރު ވަނައަށް އެންމެ އަގުބޮޑު ޓްރާންސްފަރ)، ޔުވެންޓަސްއަށް ބަދަލުވި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިންއާއި ލިޔޯން އިން 2009 ވަނަ އަހަރު 41 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއަކަށް ރެއާލަށް ބަދަލުވި ފްރާންސް ތަރި ކަރިމް ބެންޒެމާއަށް، އެ ދެ ކުޅުންތެރީންގެ ބޮޑު އަގާ އަޅައިބަލާއިރު އެ ކުޅުންތެރީންގެ ޓީމަށް ވެދެވުނު އެހީއަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ބުނަނީ "ހަމަ ސުމެއް" ކަމަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި ޔުވެންޓަސްގެ ގޮންޒާލޯ ހިގައިން ބޯޅަހިފައިގެން ދަނީ -- ފޮޓޯ: އޭޕީ

comment ކޮމެންޓް