ސަންޖޭ ދަތުގެ ބަޔޮޕިކް ރިލީޒް ކުރާނީ އަންނަ އަހަރު

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމު ރިލީޒް ކުރާނެ ތާރީޚު ހަމަޖައްސައިފި އެވެ.

ފިލްމު އުފައްދާ ފޮކްސް ސްޓާ ސްޓޫޑިއޯޒް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަންޖޭ ދަތުގެ ބަޔޮޕިކް ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އެ ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ.

ފިލްމުގައި ލީޑު ރޯލުން ފެނިގެން ދާނީ ރަންބީރު ކަޕޫރު އެވެ. ރަންބީރުގެ އިތުރުން އެ ފިލްމުން ދެން ފެނިގެން ދާނީ ސޯނަމް ކަޕޫރު، އަނުޝްކާ ޝަރްމާ، މަނީޝާ ކޮއިރަލާ، ޕަރޭޝް ރާވަލް، ކަރިޝްމާ ތަންނާ، ދިއާ މިރްޒާ އަދި ޖިމް ސަރްބް އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

comment ކޮމެންޓް