ރާއްޖޭއިން ދިޔަ ދެކުނު ކޮރެއާގެ އަންހެނަކު ޒިކާއަށް ޕޮޒިޓިވް ވެއްޖެ

ޝިޕިން ލައިން އަކުން ރާއްޖެއައި ފަތުރުވެރިން ތަކެއް އިއްޒުއްދީން ފާލަން ކައިރީގައި: ރާއްޖެ އައި ދެކުނު ކޮރެއާގެ އަންހެނަކު ޒިކާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނޭ --- ފައިލް ފޮޓޯ

ސޯލް (ޔޮންހަޕް) – ރާއްޖެ އައި ދެކުނު ކޮރެއާގެ ރައްޔިތަކު އެނބުރި ގައުމަށް ދިޔައިރު ޒިކާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ)އާ ހަވާލާދީ ދެކުނު ކޮރެއާގެ އެންމެ ބޮޑު ނޫސް އޭޖެންސީ ޔޮންހަޕް އިން ބުނެފައި ވަނީ، ޒިކާ ވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ 33 އަހަރުގެ އަންހެނެއް ކަމަށެވެ.

ޑެންގޫ އަދި ޗިކުންގުންޔާ ފަދަ ބަލިތައް ފަތުރާ އީޑީޒް މަދިރީގެ ޒަރިއްޔާއިން ޖެހޭ ޒިކާ ވައިރަސް އޭނައަށް ޖެހިފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅު ރާއްޖޭގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ހެފި މަދިރިއެއްގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ދެކުނު ކޮރެއާގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

ކޭސީޑީސީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޒިކާ ވައިރަހަށް އެ އަންހެން މީހާ ޕޮޒިޓިވް ވިކަން ކަށަވަރުވީ އޭނާގެ ހަންގަނޑުގެ ކުލަ ބަދަލުވެ ގައި ކަހާ އަދި ގައިގަ ރިއްސާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.

އަދި އޭނާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާއިރު، އޭނާއާއެކު ރާއްޖެ އައި އިތުރު އަންހެނެއްގެ ތަހުލީލުތައް ވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ޒިކާ ވައިރަސް ޖެހުނު ކަމަށް ބުނާ އެ އަންހެން މީހާއާއެކު ދެކުނު ކޮރެއާގައި ޒިކާ އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރައެވެ.

ރާއްޖޭގައި އުޅުމަށްފަހު އެނބުރި ގައުމަށްދިޔަ ދެކުނު ކޮރެއާގެ އަންހެނަކު ޒިކާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުން ބުނެފައިވާއިރު، މިދިޔަ އަހަރު ރާއްޖެ އައި ދެ ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން ޒިކާ ވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ.

އަދި 2015 ވަނަ އަހަރު ރާއްޖެއިން ފުރި ފިންލެންޑުގެ ރައްޔިތެއްގެ ގައިން ވެސް ވަނީ އެ ވައިރަސް ފެނިފައެވެ.

އެކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވީ، ރާއްޖެއިން އެނބުރި ގައުމަށްދިޔަ ދެކުނު ކޮރެއާގެ އަންހެނެއްގެ ގައިން ޒިކާ ފެނިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށެވެ.

އަދި ޒިކާ ވައިރަސް އަކީ ބައިނަލްއަގްވާމީ ގޮތުން ހުރިހާ ތަނަކުން ވެސް ފެންނަ ބައްޔެއް ކަމަށާއި އެ ބަލި މަދުމަދުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން ޒިކާ ވައިރަސް ފެންނަ މިންވަރު ގިނައެކޭ ނުބުނެވޭނެ ކަމަށާއި އެ ބަލީގެ އަލާމާތްތައް ފެންނަ ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެ ބައްޔެއް ޓެސްޓް ކުރެވިގެންދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

comment ކޮމެންޓް