ފ. ނިލަންދޫ އަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ފ. ނިލަންދޫއަށް އެރި ނަގޫރޯޅީގައި ގެއެއްގެ ފުރާޅު އެއްލާލައި، ސީލިންގުގެ ފޫވެއްޓިފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފ. ނިލަންދޫ އަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ރެއިން ފެށިގެން މެދުރާއްޖެ ތެރެއަށް ކުރަމުންދާ ވިއްސާރާގައި ނިލަންދޫއަށް ވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް، ނަގޫރޯޅި އެރީ މިއަދު މެންދުރު 12:30 ހާއިރު އެވެ.

ގިނަ ގެތަކެއްގެ ފުރާޅު ވެސް އެއްލާލާފައިވާ އިރު، އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އެ ރަށުގައި ހުންނަ ބީއެމްއެލްގެ ބްރާންޗަށް ކަމަށެވެ. އެތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް އެރަށުން "ސަން"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.

ނަގޫރޯޅިއާއެކު ފ. ނިލަންދޫގައި ހުރި ބަބުކެޔޮ ގަހެއް ވެއްޓިފައި--- ސަން ފޮޓޯ/ ކިޔުންތެރިއެއް

ބީއެމްއެލްގެ ބްރާންޗްގެ ފުރާޅު އެއްލާލާއި، އެ އިމާރާތް ބޭނުން ނުކުރެވޭވަރު ވެފައިވާ އިރު، އެ ތަނުގައި ހުރި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ފުލުހުން ކުރަމުންނެވެ.

ނިލަންދޫ އިން ވާހަކަދެއްކި މީހާ ބުނީ، ވިއްސާރާގައި އެރަށުގެ ގިނަ ގެތަކަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ފުރާޅު ވަޔާ އެއްލާލުމުގެ ކަންކަން ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން ބައެއް ގަސްތައް މަގުތަކަށާއި ގެތަކުގެ މައްޗަށް ވެއްޓި، ގެއްލުންތައް ލިބިފައިވާ ކަމަށް ނިލަންދޫ އިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުނީ ނިލަންދުއަށް އެރި "ގަދަ ރޯޅީ"ގައި ހަ ގެއަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ. ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ބުންޏެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ނިލަންދުއަށް އެރި ނަގޫރޯޅިއާ ގުޅިގެން، ލިބުނު ގެއްލުންތައް ދެނެގަނެ، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންނާއި ޑިޒާސްޓާގެ ޓީމެއް ވަރަށް އަވަހަށް އެ ރަށަށް ފުރާނެ ކަމަށެވެ.

އާދަޔާ ހިލާފަށް ވައި ގަދަވެ، ނުރައްކާތެރި ހާދިސާތަކެއް ހިނގާނެ ކަމުގެ އިންޒާރު ޑިޒާސްޓާއިން ވަނީ ދީފަ އެވެ. ކަނޑުގަދަވެ، ދިގު ދަތުރުތައް ނުކުރެވޭނެ ހާލަތަށް މޫސުން ގޮސްދާނެތީ، ރަށްތަކުގައި ކާބޯތަކެތި ރައްކާތެރި ކުރުމަށް ޑީޒާސްޓާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިފައިން އެދިފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ވަރުގަދަ ކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާއި މުދާ ބަރުކޮށްގެން ދިގު ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް